އޭއައިން އުފައްދާ ލަވަތަކަށް ޔޫޓިއުބް މިއުޒިކުން ޚާއްސަ ލޭބަލްތަކެއް ތައާރަފުކޮށްފި

އޭއައި ވީޑިއޯތައް ފާހަގަކުރުމަށް ޔޫޓިއުބުން އެންމެ ފުރަތަމަ ލޭބަލްތައް ތައާރަފުކުރީ 2024 ވަނަ އަހަރު ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ލަވަތައް ދެނެގަތުމަށް މަގުފަހިކުރުމުގެ ގޮތުން، ޔޫޓިއުބް މިއުޒިކް އެޕްލިކޭޝަނަށް ޚާއްސަ ލޭބަލްތަކެއް ނެރެން ފަށައިފިއެވެ.

ޔޫޓިއުބުން އާންމުކުރި ބްލޮގް ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އާ ލޭބަލްތައް ފެންނަން ހުންނާނީ އެޕްގެ ޕްލޭޔާ އިންޓަފޭސްގެ ތެރެއިންނެވެ. އެގޮތުން ލަވަ ޖަހާ ވަގުތު، ލަވައިގެ ކޮންޓްރޯލްތަކުގެ މަތިން އަދި ލަވައާއި އާޓިސްޓުގެ ނަމުގެ ތިރީގައި މި ލޭބަލް ހިމެނިފައި ހުންނާނެއެވެ.

އަޑުއަހާ ފަރާތްތަކުން އެ ލޭބަލަށް ފިތާލުމުން އޭއައި ބޭނުންކޮށްގެން އުފެއްދި މި އޯޑިއޯއަކީ އޭއައި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ނުވަތަ އެއްކޮށް އުފައްދާފައިވާ އެއްޗެއް ކަމަށް ބަޔާންކުރާ ޕޮޕް އަޕް މެސެޖެއް އަރާނެއެވެ.

https://sun.mv/228882

މި ލޭބަލްތައް ޚާއްސަކޮށް އަޅުވާނީ ޖެނެރޭޓިވް އޭއައި މޮޑެލްތައް ބޭނުންކޮށްގެން ލަވައިގެ ކޮމްޕޮޒިޝަން (ރާގު) އަދި ވޯކަލްސް (އަޑު) އުފައްދާފައިވާ ޓްރެކްތަކުގައެވެ.

މިފަދަ ލަވަތައް ދެނެގަތުމަށްޓަކައި ޔޫޓިއުބުން އެ ކުންފުނީގެ އަމިއްލަ އޭއައި ޑިޓެކްޝަން ޓޫލްތައް ބޭނުންކުރުމުގެ އިތުރުން، މިއުޒިކް ދާއިރާގެ ޕާޓްނަރުންނާ ގުޅިގެން ލަވަތައް ފާހަގަކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެއެވެ.

ޔޫޓިއުބް މިއުޒިކްގައި މި ލޭބަލްތައް ފެންނަ ލަވަތަކަށް، ޔޫޓިއުބްގެ މައި ވީޑިއޯ އެޕްލިކޭޝަނުންވެސް އެ ލޭބަލްތައް ފެންނަން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އޭއައި ބޭނުންކޮށްގެން އުފައްދާ ވީޑިއޯތައް ފާހަގަކުރުމަށް ޔޫޓިއުބުން އެންމެ ފުރަތަމަ ލޭބަލްތައް ތައާރަފުކުރީ 2024 ވަނަ އަހަރުގައެވެ. ނަމަވެސް އޭރު އެ ލޭބަލްތައް އަރަނީ ކޮންޓެންޓް އުފައްދާ ފަރާތްތަކުން އަމިއްލައަށް އެކަން ހާމަކުރުމުންނެވެ.

އޭގެ ފަހުން މިއަހަރުގެ މެއި މަހުގެ ތެރޭގައި ޔޫޓިއުބުން ވަނީ ކްރިއޭޓަރުން އަމިއްލައަށް ހާމަނުކުރި ނަމަވެސް އޮޓޮމެޓިކުން އޭއައި ކޮންޓެންޓް ދެނެގަންނަ ޓޫލެއް ތައާރަފުކޮށްފައެވެ. ޔޫޓިއުބް މިއުޒިކުގައިވެސް މިހާރު ތަންފީޒުކުރަމުން ދަނީ އެ ޓެކްނޮލޮޖީއާއި ހަމަތަކެވެ.

ޔޫޓިއުބްގެ އޮޓޮމެޓިކް ޑިޓެކްޝަން ޓޫލް މެދުވެރިކޮށް އޮޅުމަކުން ލަވައެއްގައި އޭއައި ލޭބަލް ޖެހިއްޖެ ހާލަތެއްގައި، އެކަން އިސްލާހުކުރުމުގެ ފުރުސަތު އާޓިސްޓުންނަށް އޮންނާނެއެވެ. އެހެންނަމަވެސް، ޔޫޓިއުބްގެ އަމިއްލަ އޭއައި ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ ކޮންޓެންޓް ފަދަ ވަކި ޚާއްސަ ހާލަތްތަކުގައި އެ ލޭބަލްތައް ދާއިމީ ގޮތެއްގައި ދެމިހުންނާނެއެވެ.

comment ކޮމެންޓް