ސިއްޙީ ގިނަ ފީޗާތަކާއެކު، ބެޓެރީ ބަދަލުކުރެވޭ ގޫގުލްގެ ފިޓްބިޓް އެޖް ނެރެފި

ސިއްޙީ ގިނަ ފީޗަރުތަކާއެކު ބެޓެރީ ބަދަލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ގޫގުލްގެ އެންމެ ފަހުގެ ސްމާޓް ޓްރެކަރ "ފިޓްބިޓް އެޖް" އެ ކުންފުނިން ރަސްމީކޮށް ދައްކާލައިފިއެވެ.

ގޫގުލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކުރިން ކްލޫއެއް ދިނުމަށްފަހު ރަސްމީކޮށް އިޢުލާންކުރި މި ޑިވައިސަކީ ޕިކްސެލް ވޮޗްގެ ހުރިހާ ފީޗަރެއް ނުހިމެނުނު ނަމަވެސް، ފިޓްބިޓް އެއާއަށްވުރެ ކުރިއަރާފައިވާ، ތުނި ޑިޒައިނަކާއި މިނިމަލިސްޓިކް އޯއެލްއީޑީ ޑިސްޕްލޭއެއް އެކުލެވޭ އުފެއްދުމެކެވެ.

ޕިކްސެލް ވޮޗްެކޭ އެއްފަދައިން ފިޓްބިޓް އެޖްގައިވެސް ޖެމިނައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ "ގޫގުލް ހެލްތު ކޯޗު" ޚިދުމަތް ބޭނުންކުރެވޭނެއެވެ. ނަމަވެސް މި ޚިދުމަތް ލިބޭނީ ގޫގުލް ހެލްތު ޕްރީމިއަމް ސަބްސްކްރިޕްޝަން އޮންނަ ފަރާތްތަކަށެވެ. މި ފީޗާގެ ސަބަބުން ބޭނުންކުރާ ފަރާތުގެ ފިޓްނަސް، ސިއްޙީ އަދި މެޑިކަލް މައުލޫމާތު އެއްކޮށް، އެމީހެއްގެ ތާވަލަށް ބަލައި އަމިއްލައަށް ބަދަލުވާގޮތަށް ހަފްތާގެ ކަސްރަތު ރޫޓީންތަކާއި ޕްލޭންތައް އެކުލަވާލައިދެއެވެ.

މީގެއިތުރުން 50 އަށްވުރެ ގިނަ ކަސްރަތު މޯޑު ޓްރެކްކުރުމުގެ ގާބިލުކަން މި ޑިވައިސްގައި ހުރިއިރު، އިތުރަށް މަސައްކަތްކުރުމަށް ނުވަތަ އަރާމުކޮށްލުމަށް ބާރުއަޅައި ވަގުތުން ވަގުތަށް ވިޝުއަލް އިރުޝާދުތައް ފޯރުކޮށްދެއެވެ. އަދި މީގައި ހިމެނޭ ބިލްޓް-އިން ޖީޕީއެސްގެ ޓްރެކިން ސައްޚަކަން ކުރީގެ މޮޑެލްތަކާ އަޅާބަލާއިރު 40 އިންސައްތަ އިތުރުކުރެވިފައިވާކަމަށް ގޫގުލްއިން ބުނެއެވެ.

ތަފާތު ފަސް ޑިޒައިނެއްގައި މި އުފެއްދުން ލިބޭނެ ---

އަވަހަށް ބަދަލުކޮށްލެވޭ އާ ކްލޮކް ފޭސްތަކާއެކު، އެޅި ފިޔަވަޅުތަކުގެ އަދަދާއި، ނިދީގެ ސުކޯ އަދި މޫސުމުގެ މައުލޫމާތު ފަދަ ބޭނުންކުރާ ފަރާތުން އެންމެ އިސްކަންދޭ ކަންކަން ފަސޭހައިން ފެންނާނެހެން ކޮމްޕްލިކޭޝަންތައް ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ފިޓްބިޓް އެޖްގައި ލިބިގެންދެއެވެ.

މީގެއިތުރުން ލޭގެ ޕްރެޝަރާއި އިންސުލިން ރެސިސްޓަންސް ފަދަ ސިއްޙީ މިންގަނޑުތަކަށް އަންނަ ބޮޑެތި ބަދަލުތައް ދެނެގަތުމަށް ގޫގުލްގެ "ހެލްތު ގާޑިއަން" ފީޗާ މީގައި ހިމަނާފައިވެއެވެ. އަދި މެދުކެނޑުމެއްނެތި ހާޓް ރޭޓް މޮނިޓަކުރުމާއި އީސީޖީ އެޕް މެދުވެރިކޮށް ރިދަމް އެސެސްމަންޓް ހެދުމުގެ ސަބަބުން، ހިތުގެ މިނެޓަކު ޖަހާ ވިންދު ނުރައްކާތެރި މިންވަރަކަށް މަތިވެއްޖެނަމަ ނުވަތަ ދަށްވެއްޖެނަމަ ވަގުތުން އެލަޓް ފޮނުވައިދެއެވެ.

ނިދީގެ މިންގަނޑުތަކަށް ބަލާއިރު، ކުރީގެ މޮޑެލްތަކަށްވުރެ ނިދީގެ މަރުހަލާތައް ދެނެގަތުމުގެ ސައްހަކަން 15 އިންސައްތައަށް އިތުރުކުރެވިފައިވާކަމަށާއި، މީގެ ސަބަބުން ނިދީގެ ޚުލާޞާ މައުލޫމާތާއި ކޯޗިން އެސެސްމަންޓްތައް އިތުރަށް ފުރިހަމަވެގެންދާނެކަމަށް ގޫގުލްއިން ބުނެއެވެ.

މި ސިއްޙީ ޓްރެކަރު ފަސް މިނެޓު ޗާޖުކޮށްލައިގެން މުޅި ދުވަހު ބޭނުންކުރެވޭއިރު، 90 މިނެޓު ތެރޭގައި 65 މިލީއެމްޕަޔާގެ ބެޓެރީ އެއްކޮށް ޗާޖުކޮށްގެން މުޅި ހަފްތާގައި ބޭނުންކުރެވެއެވެ. އައިޕީ68 ރޭޓިންގެ ރައްކާތެރިކަމުގެ އިތުރުން، ޑިވައިސް ގިނަ ދުވަހު ބޭނުންކުރެވޭނެހެން ބެޓެރީ ބަދަލުކުރެވޭ ގޮތަށް ގޫގުލްއިން ވަނީ ފިޓްބިޓް އެޖް ފަރުމާކޮށްފައެވެ.

ފިޓްބިޓް އެޖް މިހާރު ގޫގުލް ސްޓޯރު މެދުވެރިކޮށް 179.99 އެމެރިކާ ޑޮލަރަށް ޕްރީ-އޯޑަރު ކުރެވޭއިރު، އޮކްޓޯބަރު 27 އިން ފެށިގެން ފިހާރަތަކުން ލިބެން ހުންނާނެއެވެ. ގޫގުލްގެ މި އައު އުފެއްދުން އޮބްސިޑިއަން، ފޮގް، އޮލިވް އަދި ކެންޔަން ކުލައިން ލިބެން ހުންނާނެއެވެ.

މީގެއިތުރުން ބާސްކެޓްބޯޅަ ތީމްގެ ކްލޮކް ފޭސްއަކާއި، ރައި ކުލައާއި، ފެން ނުވަންނަ އަދި ދާ ހިއްކައިދޭ ބޭންޑެއް ހިމެނޭ "ސްޓެފަން ކަރީ ސްޕެޝަލް އެޑިޝަން" އެއްވެސް 219.99 ޑޮލަރަށް ލިބެން ހުންނާނެއެވެ.

އާންމު ބޭންޑުތަކުގެ ތެރޭގައި ދާހިއްލުމަށް ރައްކާތެރި "އެކްޓިވް ސްޕޯޓް" ބޭންޑާއި، މުޅި ދުވަހު އަރާމުކޮށް އަޅައިގެން އުޅެވޭ "ޕާފޯމަންސް ލޫޕް" ބޭންޑުގެ އިތުރުން ފުރިހަމަ ފިނިޝިންއެއް އެކުލެވޭ "މެޓަލް ލިންކްސް" އަދި "މެގްނެޓް" ބޭންޑުތައް ހިމެނެއެވެ. ކޮންމެ ފިޓްބިޓް އެޖްއަކާއެކު ގޫގުލް ހެލްތު ޕްރީމިއަމްގެ ތިން މަސްދުވަހުގެ ހިލޭ ސަބްސްކްރިޕްޝަނެއް ގޫގުލްއިން ފޯރުކޮށްދެއެވެ.

comment ކޮމެންޓް