ދުނިޔޭގެ ފިލްމީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އަދި އެންމެ މަތީ އެވޯޑު ކަމަށްވާ، އޮސްކާ އެވޯޑްސްގެ 'ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު' ކެޓަގަރީއަށް އިންޑިއާއިން ފިލްމު ހޮވުމުގައި ސިޔާސީ ނުފޫޒު ވަދެ، އަބަދުވެސް ނިންމަނީ ނުރަނގަޅު ނިންމުންތަކެއް ކަމަށް އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު/އެކްޓަރު އަނޫރާގު ކަޝްޔަޕް ބުނެފިއެވެ.
ކުރިއަށް އޮތް އޮސްކާ އެވޯޑުގައި އިންޑިއާ ތަމްސީލުކުރާ ރަސްމީ ފިލްމެއްގެ ގޮތުގައި ހޮވާފައިވަނީ މަރާޓީ ފިލްމު "ގޮންދަލް"އެވެ. މީގެ ކުރިން "ހޯމްލޭންޑް" އަދި "ލާޕަތާ ލޭޑީސް" ފަދަ ފިލްމުތައް ފޮނުވި ނަމަވެސް، 2001 ވަނަ އަހަރުގެ "ލަގާން" އަށްފަހު އިންޑިއާގެ އެއްވެސް ފިލްމަކަށް އޮސްކާގެ ޝޯޓްލިސްޓުން ޖާގަ ލިބިފައެއް ނުވެއެވެ.
އިންޑިއާއަށް އޮސްކާ ކާމިޔާބު ނުކުރެވޭ މައިގަނޑު ސަބަބަކީ ކޮބައިތޯ ސުވާލުކުރުމުން އަނޫރާގު ބުނީ، އޭގެ މައިގަނޑު ސަބަބަކީ އެކަށީގެންނުވާ ފިލްމުތައް ހޮވުން ކަމަށެވެ. އެހެންނަމަވެސް، މިފަހަރު ހޮވި "ގޮންދަލް" އަދި ބަލާފައި ނުވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ވެރައިޓީ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އަނޫރާގު ތުހުމަތުކުރި ގޮތުގައި، "ދަ ލަންޗްބޮކްސް" އަދި "އޯލް ވީ އިމޭޖިން އޭޒް ލައިޓް" ފަދަ ބައިނަލްއަޤުވާމީ ގޮތުން ބޮޑު މަޤްބޫލުކަމެއް ހޯދި ފިލްމުތައް އޮސްކާއަށް ފޮނުވުމުގެ ފުރުސަތު އޮތް ނަމަވެސް، ފިލްމު ފެޑެރޭޝަން އޮފް އިންޑިއާ (އެފްއެފްއައި)އިން ވަނީ ގަސްދުގައި އެ ފުރުސަތު ގެއްލުވާލައި، އެ ފިލްމުތައް ބާކީކޮށްފައެވެ.
އޮސްކާ އެވޯޑުގައި އިންޑިއާ ތަމްސީލުކުރާ ރަސްމީ ފިލްމެއްގެ ގޮތުގައި ހޮވާފައިވާ މަރާޓީ ފިލްމު "ގޮންދަލް"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސްމި ނިންމުންތަކުގައި ސިޔާސީ ނުފޫޒު އެކުލެވޭކަމަށް އޭނާ ތުހުމަތުކުރިއެވެ. އަދި މިފަދަ ކަންކަމުގައި ދާއިރާގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރަމުން، މިއަހަރުގެ ބައިނަލްއަޤުވާމީ ކެޓަގަރީގެ ވާދަވެރިކަން ވަރަށް ވަރުގަދަވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
އަނޫރާގު ފާހަގަކުރި ގޮތުގައި، ބައިނަލްއަޤުވާމީ ސްޓޭޖެއްގައި ފިލްމަކަށް ކާމިޔާބީ ހޯދޭނީ، ޤައުމުން ބޭރުގެ ފެސްޓިވަލެއްގައި ބައިވެރިވެގެން ނުވަތަ އަހަރު ނިމުމުގެ ކުރިން އެމެރިކާގެ ޑިސްޓްރިބިއުޓަރެއް ހޯދައިގެންނެވެ.
މިފަދަ ކަންކަން ފުރިހަމަ ނުވާނަމަ، ސްކްރީނިންގްތަކަށާއި އިޝްތިހާރުކުރުމަށް ކުރާ ހޭދަ ބޭކާރުވާނެ ކަމަށް އަނޫރާގު ވަނީ ބުނެފައެވެ. އިންޑިއާގެ 'އައިއެފްއެފްއައި' ފެސްޓިވަލުގައި "ގޮންދަލް"އަށް ލިބުނު ކާމިޔާބީއާއެކު، ނޭޝަނަލް ފިލްމު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެންޑީއެފްސީ)އިން އިސްނަގައިގެން އެ ފިލްމު ބައިނަލްއަޤުވާމީ ފެސްޓިވަލްތަކަށް ހުށަހަޅަންޖެހޭ ކަމަށްވެސް އަނޫރާގު ބުނެފައިވެއެވެ. އަދި އެންޑީއެފްސީން ހަމައެކަނި މާކެޓް އިޝްތިހާރު ކުރުމުގެ ބަދަލުގައި، އިންޑިއާއިން ބޭރުގައި އަދި ނުދައްކާ އުފެއްދުންތައް ފެސްޓިވަލްތަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ސާފު ސިޔާސަތެއް އޮންނަންޖެހޭނެ ކަމަށް އޭނާ އިތުރަށް ބަޔާންކުރިއެވެ.
އެފްއެފްއައިގެ 14 މެންބަރުން ހިމެނޭ ޖޫރީ ޕެނަލުގެ މެންބަރު ވިވެކް ވަސްވާނީ ފާހަގަކުރި ގޮތުގައި، އޮސްކާ އެވޯޑަށް ފިލްމު ހޮވުމުގައި ޖޫރީއަށް ދެވުނު މައިގަނޑު އިރުޝާދަކީ ބައިނަލްއަޤްވާމީ މައިދާނުގައި އިންޑިއާގެ ސަގާފަތާއި އަގުތައް އެންމެ ފުރިހަމައަށް ތަމްސީލުކޮށްދޭ ފަދަ އުފެއްދުމެއް އިޚްތިޔާރު ކުރުމެވެ.
މި ޕްރޮސެސްގައި އިމްތިޔާޒް އަލީގެ "މޭން ވާޕަސް އާއުންގާ"އަށް ބޮޑު ތަރުޙީބެއް ލިބުނު ނަމަވެސް، އެ ފިލްމަކީ އިންޑިއާ އަދި ޕާކިސްތާނުގެ މައްސަލަތަކުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށް ވުމުން، އެމެރިކާގެ ބެލުންތެރިންނަށް އެ މައުޟޫޢު އެންމެ އެކަށީގެންވާ ގޮތުގައި ފޯރައިނުގަނެވިދާނެ ކަމަށް ބަލައި އެ ފިލްމު ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން، ވޯޓުލުމުގެ މަރުޙަލާގައި ނާގާ ފިލްމު "އަންގް"އަށް 11 ވޯޓު ލިބުނުއިރު، އަދިތްޔާ ދާރުގެ "ދުރަންދަރު"އަށް ލިބިފައިވަނީ އެންމެ ހަތަރު ވޯޓެވެ.