އިންޑިއާގެ އެންމެ މަގުބޫލު އެއް އޯޓީޓީ ފްރެންޗައިޒް ކަމަށްވާ ’ދަ ފެމިލީ މޭން‘ ބޮޑު ސްކްރީނަށް ގެނައުމުގެ މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ހިންދުންސްތާންޓައިމްސްގައި މިކަމާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ، ކަންކަން ރޭވިފައިވާ ގޮތަށް ގޮސްފިނަމަ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މި ވެބް ސީރީޒް މުސްތަޤުބަލުގައި ސިނަމާތަކުން ފެނިގެންދާނެ ކަމަށެވެ. އަދި ހަމައެއާއެކު މި ޚަބަރަކީ އެ ސީރީޒްއަށް ލޯބިކުރާ ފޭނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
"ދަ ފެމިލީ މޭން"ގެ މޭސްތިރިން ކަމަށްވާ ރާޖް އާއި ޑީކޭ--ފޮޓޯ/ހިންދުންސްތާންޓައިމްސްމިއީ މިފަހުން ސިނަމާތަކުގައި ރިލީޒްކުރި މަގުބޫލު ފްރެންޗައިޒް 'މިރުޒާޕޫރު'ގެ ޓީމުން ފިލްމެއް އުފެއްދުމުން އެ މިސްރާބަށް ދަތުރުކުރަން ނިންމި ނިންމުމެއް ނޫން ކަމަށާއި "ދަ ފެމިލީ މޭން" ފިލްމެއްގެ ގޮތުގައި ބޮޑު ސްކްރީނަށް ގެނައުމަކީ ސީރީޒްގެ އުފެއްދުންތެރިން މާ ކުރީއްސުރެ ވެސް ވިސްނަމުން އައި ކަމެއް ކަމަށް މީޑިއާތަކުން ބުނެއެވެ. އަދި ހަމައެއާއެކު އެ ކޮންސެޕްޓާއެކު އަމަލީ ގޮތުން މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މި ފިލްމުގެ މަސައްކަތް އަމަލީ ގޮތުން ފެށުމުގެ ކުރިން، އުފެއްދުންތެރިންގެ މައިގަނޑު ސަމާލުކަމެއް ހުރީ ސީރީޒްގެ ހަތަރުވަނަ ސީޒަނަށެވެ. އެގޮތުން ހަތަރުވަނަ ސީޒަންގެ އަސާސީ ސްޓޯރީބޯޑު މިހާރު ވަނީ އެކުލަވާލެވިފައެވެ. އަދި ހުރިހާ ކަމެއް ރޭވިފައިވާ ގޮތަށް ކުރިއަށް ގޮސްފިނަމަ، 2027 ވަނަ އަހަރުގެ ކުރީކޮޅު ހަތަރު ވަނަ ސީޒަންގެ ޝޫޓިންގް ފެށޭނެ ކަމަށް ބެލެވެއެވެ.
ކުޅަދާނަ ފިލްމު އުފެއްދުންތެރިން ކަމަށްވާ ރާޖް އެންޑް ޑީކޭގެ ’ދަ ފެމިލީ މޭން‘ އަކީ މަނޯޖް ބަޖްޕާއީ، ޝާރިބް ހާޝްމީ، ޕްރިޔާމަނީ އަދި ޝަރަދު ކެލްކަރު ފަދަ ހުނަރުވެރި ތަރިން މުހިއްމު ރޯލްތައް ކުޅެފައިވާ، ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ސީރީޒެކެވެ. މި ސީރީޒްގެ ގިނަ ކެރެކްޓާތަކަކީ އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކެރެކްޓާތަކެކެވެ.