ބަންސާލީގެ 'ލަވް އެންޑް ވޯ'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ރަންބީރު ލީޑް ރޯލް ކުޅޭ ފިލްމު "އެނިމަލް"ގެ ޕޯސްޓަރު--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ތާރީޚީ ޑްރާމާ ފިލްމު 'ލަވް އެންޑް ވޯ'ގެ ފުރަތަމަ ޕޯސްޓަރުތައް ދައްކާލައިފިއެވެ.

ފިލްމުގެ ލީޑް ތަރިންގެތެރޭ ހިމެނޭ ރަންބީރު ކަޕޫރުގެ އުފަންދުވަހާ ގުޅުވައިގެން ބަންސާލީ ޕްރޮޑަކްޝަންސްއިން އާންމުކުރި މި ޕޯސްޓަރުތަކުން ރަންބީރު ފެންނަނީ، އޭނާގެ ކާމިޔާބު ފިލްމު 'އެނިމަލް'ގައި ދައްކުވައިދިން ފަދަ ވަރުގަދަ އަދި ނުރައްކާތެރި މިޒާޖެއްގައެވެ.

އާންމުކުރި ފުރަތަމަ ޕޯސްޓަރުގައި ފެންނަނީ ހުދު ގަމީހެއްގައި އިންނަ ރަންބީރު، ނޫކުލައިގެ ކާރެއްގެ ތެރޭގައި އިންނަ މަންޒަރެވެ. ކާރުގެ ދޮރުން ބޭރަށް އެލުވާލާފައިވާ އޭނާގެ ވައަތުން ލޭ ފައިބަމުންދާއިރު، ބެލެވެނީ އެއީ ބަޑީގެ ހަމަލާއެއް އަމާޒުވެފައިވާ މަންޒަރެއްގެ ގޮތުގައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ނެރުނު ދެވަނަ ޕޯސްޓަރުން ފެންނަނީ ކާރުގެ ކުރިމަތީ ބިއްލޫރިގަނޑުން، ލޭތަކާއެކު ސީދާ ކެމެރާއަށް ބަލަހައްޓައިގެން އިންނަ ރަންބީރުގެ މަންޒަރެކެވެ.

ހަނގުރާމައެއްގެ ފަސްމަންޒަރަށް ބިނާކޮށް އުފައްދާ މި ލޯބީގެ ފިލްމުގައި ރަންބީރުގެ އިތުރުން މުހިންމު ރޯލުތަކުން ފެނިގެންދާނީ އާލިއާ ބަޓް އަދި ވިކީ ކޯޝަލްއެވެ. މިއީ މަޝްހޫރު ޑައިރެކްޓަރު ބަންސާލީއާ އެކު މަސައްކަތްކުރުމަށް ވިކީއަށް ލިބުނު ފުރަތަމަ ފުރުސަތެވެ.

ރަންބީރު، އާލިއާ އަދި ވިކީ ކޯޝަލް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު--ފޮޓޯ/ފިލްމުފެއަ

މި ފިލްމަކީ 2007 ވަނަ އަހަރު ނުކުތް 'ސާވަރިޔާ' އަށްފަހު، 19 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ރަންބީރު ބަންސާލީއާއެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އާލިއާ ވަނީ މީގެ ކުރިން ބަންސާލީގެ ޤައުމީ އެވޯޑު ހޯދި ފިލްމު 'ގަންގޫބާއީ ކަތިއާވާޑީ' (2022)ގައި ލީޑު ރޯލު އަދާކޮށްފައެވެ. އާލިއާ އެންމެ ފަހުން ފެނިގެންދިޔައީ ޝިވް ރާވަނީގެ އެކްޝަން ތްރިލާ 'އަލްފާ'އިންނެވެ.

ފިލްމު 'ލަވް އެންޑް ވޯ'ގެ އާ ޕޯސްޓަރާ އެކު މި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚުވެސް ވަނީ އިޢުލާނުކޮށްފައެވެ. އެގޮތުން ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ގައެވެ.

comment ކޮމެންޓް