ދިވެހިރާއްޖެއާ ކްރޮއޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ބަދަހިކޮށް، ދެގައުމުގެ މެދުގައި ބަދަލުކުރަންޖެހޭ މުހިންމު މަޝްވަރާތައް ފަސޭހަކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ދެގައުމުގެ ދެމެދުގައި ސިޔާސީ މަޝްވަރާތައް ބޭއްވުމަށް އެހީތެރިވެދޭނެ އެމްއޯޔޫއެކެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ މި އެމްއޯޔޫގައި ސޮއިކުރެވިފައިވަނީ އދ. ގެ ޖެނެރަލް އެސެމްބްލީގެ 81 ވަނަ ބައްދަލުވުމާ ދިމާކޮށް ނިއުޔޯކްގައި ބޭއްވުނު ރަސްމިއްޔާތެއްގައި ކަމަށެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. އަދި ކްރޮއޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން އަދި ޔޫރަޕިއަން އެފެއާޒް މިނިސްޓަރު ގޯޑަން ގްރިލިޗް ރަޑްމަންއެވެ.
މި އެމްއޯޔޫގައި ސޮއިކުރެވުނީ ދެ މިނިސްޓަރުންގެ ބައްދަލުވުމަކަށްފަހުގައެވެ.
ފޮރިން މިނިސްޓަރު އިރުތިޝާމާއި ކްރޮއޭޝިއާގެ ފޮރިން މިނިސްޓަރު -- ފޮޓޯ: ފޮރިން މިނިސްޓްރީމި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެއާ ކްރޮއޭޝިއާއާ ދެމެދު އޮތް ދެފަރާތުގެ ގުޅުން އިތުރަށް ފުޅާކޮށް، ދެ ގައުމަށް ވެސް މުހިންމު ދާއިރާތަކުން ގަވައިދުން ސިޔާސީ މަޝްވަރާތައް ބޭއްވުމުގެ މަގުފަހިކުރުމެވެ.
މި އެމްއޯޔޫއަކީ ދެގައުމުގެ މެދުގައި މިހާރުވެސް އޮތް ރަހުމަތްތެރި ގުޅުން ބަދަހިކުރުމަށް ދެފަރާތުން ވެފައިވާ އަޒުމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ވަފުދުން ގެންދަނީ އެކި ގައުމުތަކުގެ ވަފުދުތަކާ ބައްދަލުކޮށް މުހިންމު މަޝްވަރާތައް ކުރައްވައި، އެމްއޯޔޫތައް ވެސް ގާއިމްކުރަމުންނެވެ.