ސަން ސިޔާމް ''ހިއްސާ ފުޓްސަލް ޗެލެންޖު 2026'' ގެ ޗެމްޕިއަންކަން ހިޔަނި ސްޕޯޓްސް ކުލަބަށް

ހިއްސާ ފުޓްސަލް ޗެލެންޖު 2026 ގެ ޗެމްޕިއަންކަން ހޯދި ހިޔަނި ސްޕޯޓްސް ކުލަބަށް ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު އަޙްމަދު ސިޔާމް މުޙައްމަދު ޝީލްޑް ހަވާލުކޮށްދެއްވަނީ--

ހުޅުދެލީ އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަން (ހިއްސާ) ޖަމުއިއްޔާއިން ބޭއްވި ތިންވަނަ "ހިއްސާ ފުޓްސަލް ޗެލެންޖު 2026" ގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ހިޔަނި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ޖުމްލަ ހަތަރު ޓީމާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހިޔަނި ސްޕޯޓްސް ކުލަބުން ހޯދީ ފައިނަލުގައި ބާނި ސްޕޯޓްސް ކުލަބާ ވާދަކޮށް 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ސަން ސިޔާމް ގްރޫޕުގެ ވެރިޔާ އަދި މީދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދެވެ. މެޗު ޝަރަފުވެރިކޮށްދެއްވުމަށް ސިޔާމް ހުޅުދެއްޔަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ ބަނދަރުމަތިން އެ މަނިކުފާނަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

ހިއްސާ ފުޓްސަލް ޗެލެންޖު 2026 ގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށް ސިޔާމް ހުޅުދެއްޔަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވަނީ-- ސަން ފޮޓޯ: ޝާން

މީގެ އިތުރުން ފައިނަލް މެޗު ފެށުމުގެ ކުރިން ސިޔާމް ވަނީ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި މިފަދަ މުބާރާތްތަކާއެކު ހުނަރުވެރި ކުޅުންތެރިންތަކެއް ހުޅުދެލިން ފެނިގެންދިއުމަކީ އެ މަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ވިދާޅުވެފައެވެ. އަދި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން މިފަދަ މުބާރާތްތަކާއެކު ފެނިގެންދިއުމަކީ ލިބޭ ބޮޑު އުފަލެއްގެ ގޮތުގައި ވެސް ސިޔާމް ފާހަގަކުރެއްވިއެވެ.

މިއީ ހިޔަނި ސްޕޯޓްސް ކުލަބުން މި ތަށި ހޯދި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދީ ހިޔަނި ސްޕޯޓްސް ކުލަބެވެ. ފައިނަލް މެޗުގައި ހިޔަނި ޖެހި ހަތަރު ލަނޑުވެސް ޖަހާފަައިވަނީ މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔާއާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މުޅި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ މުޙައްމަދު ޝަޔާނެވެ. އޭނާ ވަނީ މުޅި މުބާރާތުގައި ޖުމްލަ ނުވަ ލަނޑު ޖަހާފައެވެ.

ހިއްސާ ފުޓްސަލް ޗެލެންޖު 2026 ގެ ފައިނަލް ޝަރަފްވެރިކޮށްދެއްވުމަށް ސިޔާމް ހުޅުދެއްޔަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވަނީ-- ސަން ފޮޓޯ: ޝާން

ކިންގް އޮފް ދަ ޓޯނަމަންޓަށްވެސް ހޮވުނީ ޝަޔާނެވެ. އޭނާއަށް މި ޝަރަފު އަރުވައިދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު އަޙްމަދު ސިޔާމް މުޙައްމަދެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންވެސް ވަނީ ހޮވާފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • ޝަނޫން ހުސެއިން ސޮލާހް - ހިޔަނި ސްޕޯޓްސް ކުލަބު
  • އިބްރާހީމް ހާމިދު - ބާނި ސްޕޯޓްސް ކުލަބު
  • އާމިލް އަލީ - ބާނި ސްޕޯޓްސް ކުލަބު
  • މުޙައްމަދު ޝަޔާން - ހިޔަނި ސްޕޯޓްސް ކުލަބު
  • ޔާމިން މުޙައްމަދު - ހިޔަނި ސްޕޯޓްސް ކުލަބު

މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ހާބަރ ބޯއިސްގެ މުޙައްމަދު އިޒާނެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހިޔަނި ސްޕޯޓްސް ކުލަބުގެ ކޯޗު އިބްރާހީމް ރަމީޒެވެ.

ހިއްސާ ފުޓްސަލް ޗެލެންޖު 2026 ގެ ކިންގް އޮފް ދަ ޓޯނަމަންޓާއެކު ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު -- ސަން ފޮޓޯ: ޝާން

މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2024 ވަނަ އަހަރުގައެވެ. އެ ފަހަރުގެ ޗެމްޕިއަންކަން ހާބަރ ބޯއިސް ހޯދިއިރު 2025 ގެ އިތުރުން 2026 ގެ ޗެމްޕިއަންކަމާއެކު މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި މިހާރު އޮތީ ހިޔަނި ސްޕޯޓްސް ކުލަބެވެ. އެ ކުލަބުން ވަނީ މިއަހަރުގެ މުބާރާތަށް ރާއްޖޭގެ މަޝްހޫރު ބައެއް ކުޅުންތެރިން ގެނެސްފައެވެ.

މީގެ އިތުރުން މިއީ ސަން ސިޔާމް ކެއާއިން މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ޖެހިޖެހިގެން ނެގި ދެވަނަ އަހަރެވެ. ސަން ސިޔާމް ކެއާއިން އަންނަނީ ރަށްރަށުގެ އިޖުތިމާއީ އަދި ކުޅިވަރުގެ ހަރަކާތްތަކަށް ބޮޑެތި އެހީތެރިކަމެއް ދެމުންނެވެ.

comment ކޮމެންޓް