ދަރަނި އަދާކުރަން ރާއްޖެ އައި ބިދޭސީ މީހާގެ ކުއްލި މަރު: އާއިލާއަށް ސިހުން!

ކުއްލި ގޮތަކަށް މަރުވި، އުމުރުން 42 އަހަރުގެ ޝަރީފް ހުސައިން--

ދަރަނި އަދާކުރުމުގެ ފޮނި އުންމީދުގައި ރާއްޖެއަށް މަސައްކަތްކުރަން އައި ބަންގްލަދޭޝްގެ ރައްޔިތަކު، އޭނާގެ މަގުސަދު ހާސިލުނުވަނީސް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. މިއީ ބިދޭސީ މަސައްކަތްތެރިންގެ ނާޒުކު ހާލަތާއި، އެ މީހުންގެ ފަހަތުގައިވާ އާއިލާތަކުން އުފުލަންޖެހޭ ވޭން ހާމަކޮށްދޭ ހިތާމަވެރި ހާދިސާއެކެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ބީޑީނިއުސް24 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 42 އަހަރުގެ ޝަރީފް ހުސައިން މިދިޔަ އަންގާރަ ދުވަހު މަރުވެފައިވަނީ ހުޅުމާލޭގެ މަގުމަތިން ހިނގާފައި ދަނިކޮށް ކުއްލިއަކަށް ވެއްޓިގެންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ. އޭނާ މަރުވީ ރާއްޖެއަށް އައިތާ އަހަރެއްވެސް ނުވަނީހެވެ. ނަމަވެސް އޭނާ މަރުވާން ދިމާވި ސީދާ ސަބަބެއް އަދި އެއްވެސް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

އޭނާގެ މަރާއެކު، ރާއްޖޭގައި މަސައްކަތްކުރާ އެތައް ހާސް ބިދޭސީންނެއްގެ ދިރިއުޅުމުގެ ހަގީގަތްތައް އަނެއްކާވެސް މިވަނީ ތިލަވެފައެވެ. އާއިލާއަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި އަމިއްލަ ގައުމު ދޫކޮށް އަންނަ ބައެއް މީހުންނަށް ކުރިމަތިލާންޖެހެނީ ހީވެސްނުކުރާ ފަދަ ހިތްދަތި ގޮންޖެހުންތަކާއެވެ. ޝަރީފްގެ މަރުގެ ހަބަރު އާއިލާއަށް ލިބުމާއެކު، އެމީހުންނަށް ވަނީ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.

ތޮއްޑޫގައި އިމިގްރޭޝަންގެ އޮފިސަރުން ބިދޭސީންނާ ސުވާލުކޮށް ބަލައި ފާސްކުރަނީ --- ފޮޓޯ: އިމިގްރޭޝަން

ބަންގްލަދޭޝްގެ ޗާންދުޕޫރުގެ ފަރީދުގަންޖަށް ނިސްބަތްވާ ޝަރީފް ރާއްޖެ އައީ އޭނާގެ އާއިލާއިން ގިނަ ބައެއްގެ އަތުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ. ޝަރީފްގެ އަންހެނުން ހަބީބާ އަހްތަރު އެ ނޫހަށް ބުނި ގޮތުގައި، އޭނާ ރާއްޖެ ފޮނުވުމަށްޓަކައި އެކި މީހުންގެ އަތުން ފައިސާ ހޯދިއެވެ. އަދި މަސައްކަތް ފެށުމާއެކު މަޑުމަޑުން ދަރަނިތައް އަދާކުރާނެ ކަމަށް ޝަރީފް ވައުދުވި ކަމަށް ހަބީބާ ބުންޏެވެ. ނަމަވެސް އެންމެ 11 މަސް ފަހުން ހުރިހާ ކަމެއް ނިމުމަކަށް އައިސް، އާއިލާ މިހާރު ވަނީ މުޅިން ގޮތްހުސްވެފައި ކަމަށް އޭނާ ފާހަގަކުރިއެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ވަނީ ޝަރީފްގެ މަރު ކަށަވަރުކޮށްދީފައެވެ. އަދި އޭނާގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ރާއްޖޭގެ އިދާރާތަކާ ގުޅިގެން އިދާރީ އަދި ގާނޫނީ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައިކޮމިޝަނުން ބުނެފައިވެއެވެ. ޝަރީފްގެ ހަށިގަނޑު ގައުމަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާއިރު، އޭނާގެ އާއިލާއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރަކީ ބޮލުގައި އެޅިފައިވާ ބޮޑު ދަރަންޏެވެ. އާމްދަނީ ހޯދާނެ އިތުރު ގޮތެއް ނެތުމުން، އެ އާއިލާގެ މުސްތަގުބަލު ވަނީ ބަނަވެފައެވެ. މިއީ ހަމައެކަނި ޝަރީފްގެ އާއިލާއަށް ދިމާވެފައިވާ ހާލަތެއް ނޫނެވެ. ބަންގްލަދޭޝްއިން އެކި ގައުމުތަކަށް މަސައްކަތް ކުރަންދާ ގިނަ ބިދޭސީންނަކީ މިފަދަ ބޮޑެތި ދަރަނިތައް ނަގައިގެން އަންނަ މީހުންނެވެ.

ޝަރީފްގެ މަރާއެކު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު އަނެއްކާވެސް މިވަނީ ސަމާލުކަމަށް އައިސްފައެވެ. ރާއްޖޭގައި ލައްކައެއްހާ ބަންގްލަދޭޝް މީހުން އުޅޭއިރު، މިއީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 20 ޕަސެންޓެވެ. ގިނަ ބިދޭސީންނަށް ރަނގަޅު އާމްދަނީއެއް ލިބި، ގައުމަށް ފައިސާ ފޮނުވުމުގެ ފުރުސަތު އޮތް ނަމަވެސް، އަނެއްބައި މީހުން އުޅެމުންދަނީ ވަރަށް ދަތި ހާލުގައެވެ. ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ބިދޭސީ މަސައްކަތްތެރިން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވައެވެ. އެހެންނަމަވެސް، ގިނަ ބިދޭސީން ދިރިއުޅެމުންދަނީ ތޮއްޖެހިފައިވާ ތަންތަނުގައި، ސާފުތާހިރުކަން ކުޑަ މާހައުލެއްގައެވެ.

އެއް ކޮޓަރިއެއްގައި އެތައް ބަޔަކު ނިދަން ޖެހުމާއި، އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުމަކީ އާންމު ކަމެކެވެ. މިއީ އެމީހުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް، ކުއްލި މަރުތަކަށް މަގުފަހިވާ ސަބަބެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. މަސައްކަތުގެ މާހައުލުގައި ހުންނަ ނުރައްކާތަކާއި، ދިގު ގަޑިއިރުތަކެއް ވަންދެން ބުރަ މަސައްކަތް ކުރަން ޖެހުމަކީވެސް އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމެކެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު އަބްދުالله

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ގިނަ ފަހަރަށް ބިދޭސީން ރާއްޖެ އަންނަނީ މެދުވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދީ، ވިސާގެ ކަންކަން ހަމަޖައްސައިގެންނެވެ. ނަމަވެސް ރާއްޖެ އައުމަށްފަހު، އެއްބަސްވެފައިވާ ވަޒީފާ ނުލިބުމާއި، މުސާރަ ނުދިނުން ފަދަ މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ. މީގެ ސަބަބުން ގިނަ ބަޔަކު ގަވާއިދާ ޚިލާފަށް އުޅެން މަޖުބޫރުވެއެވެ. މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން، އެމީހުންނަށް ސިއްޙީ ފަރުވާ ހޯދުމުގައިވެސް ބޮޑެތި ހުރަސްތަކާ ކުރިމަތިވެއެވެ. ޝަރީފް ފަދަ އެތައް ބިދޭސީންނެއް ދަރަނީގެ މަޅީގައި ޖެހި، ގައުމަށް އެނބުރި ނުދެވި، ނިކަމެތި ހާލުގައި ދިރިއުޅެމުންދާކަން މީޑިއާ ރިޕޯޓުތަކުން ހާމަވެއެވެ. ބައެއް ފަހަރު ވަޒީފާދޭ ފަރާތްތަކުން އެ މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމާއި، ގަވާއިދާ ޚިލާފަށް މަސައްކަތްކުރުވުން ފަދަ ކަންކަން ހިނގަމުންދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެފައިވެއެވެ. މިފަދަ ހާލަތްތަކުގައި ބިދޭސީންނަށް ގާނޫނީ ރައްކާތެރިކަން ހޯދުމަކީ ނާދިރު ކަމަކަށް ވެފައިވެއެވެ.

މި މައްސަލަތައް ހައްލުކުރުމަށްޓަކައި ދިވެހި ސަރުކާރުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު އެއްކޮށް، ގަވާއިދަށް ފެއްތުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަންގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނިސްބަތް ވަނީ 72 ޕަސެންޓުން 38 ޕަސެންޓަށް ދަށްކުރެވިފައެވެ. އަދި ދެ ލައްކައަށް ވުރެ ގިނަ ބިދޭސީންގެ ފިންގަޕްރިންޓް ވަނީ ނަގާފައެވެ.

މީގެ އިތުރުން، މި އަހަރުގެ މެއި މަހު ފެށި މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ ދަށުން، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ޑީޕޯޓުކުރުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.

ނަމަވެސް ޝަރީފްގެ މަރުން އަންގައިދެނީ، ހަމައެކަނި ގާނޫނީ ފިޔަވަޅުތަކުގެ އިތުރުން، މަސައްކަތްތެރިންގެ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކުރުމަށް ނިޒާމީ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމެވެ. މިހާރު ކުރިއަށްދާ ޕްރޮގްރާމްތަކުގެ ދަށުން ގިނަ ބަޔަކު ގަވާއިދަށް ފެއްތުނު ނަމަވެސް، އަދިވެސް އެތައް ހާސް ބަޔަކު ތިބީ ގޮތްނޭނގޭ ހާލަތެއްގައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށެވެ.

comment ކޮމެންޓް