ޑާކާގައި ބިޒްނަސް ސަމިޓެއް ބޭއްވުމާ ގުޅޭގޮތުން ބަންގްލަދޭޝްގެ ރައީސާ މަޝްވަރާކުރައްވައިފި

ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޝިއުނީން، އެ ގައުމުގެ ރައީސާ ބައްދަލުކުރައްވަނީ ---

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ޚާއްސަ ސަމިޓެއް ބޭއްވުމާ ގުޅޭގޮތުން، ރާއްޖެއިން އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު، ބަންގްލަދޭޝްގެ ރައީސް މިރްޒާ ފަޚްރުލް އިސްލާމް އަލަމްގީރްއާ އިއްޔެ މަޝްވަރާކުރައްވައިފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ދަ ބިޒްނަސް ސްޓޭންޑަޑް" ގައި ރިޕޯޓްކޮށްފައިވާ ގޮތުން، މި މަޝްވަރާތައް ކުރިއަށްދިޔައީ ސަފީރު ޝިއުނީން ރަޝީދު، ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރު "ބަންގާބަބާން" އަށް ވަޑައިގެން ރައީސަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ފޮނުއްވި ތަހުނިޔާއާއި ހެޔޮއެދުންތައް ބަންގްލަދޭޝްގެ ރައީސަށް އަރިސްކުރައްވާފައެވެ.

އެ ނޫހުގައިވާ ގޮތުން ޑާކާގައި ބިޒްނަސް ސަމިޓެއް ބޭއްވުމަށް ރާއްޖެއިން ރާވަމުންދާކަން ސަފީރު ހާމަކުރެއްވުމުން، ބަންގްލަދޭޝްގެ ރައީސް ވަނީ އެކަމަށް ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިފަދަ ސަމިޓެއް ބޭއްވުމަކީ ދެ ގައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އިގްތިޞާދީ އަދި ވިޔަފާރީގެ އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބޭނެ މުހިންމު ފުރުސަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ހައިކޮމިޝަނުން އާންމުކޮށްފައިވާ ގޮތުގައި ސަފީރު ވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މާލެއާއި ޑާކާއާ ދެމެދު ސީދާ ދަތުރުތައް ފުޅާކުރުން ހިމެނޭހެން، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އައިސްފައިވާ އެދެވޭ ކުރިއެރުންތަކުގެ މައުލޫމާތު ރައީސާ ހިއްސާކުރައްވާފައެވެ.

މީގެއިތުރުން، ދެ ޤައުމަށް ވެސް ފައިދާވާނެހެން ފަތުރުވެރިކަމާއި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިންނާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް ބުންޏެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިޤްތިޞާދުގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން އަދާކުރާ ދައުރު ރައީސް ފާހަގަކުރެއްވިއެވެ. އަދި ދިވެހި ދަރިވަރުންނަށް އެ ގައުމުން މެޑިސިން ކިޔެވުމަށް ދެމުންގެންދާ ފުރުސަތުތައް ދެމެހެއްޓުމަށާއި، ސާކް ޖަމްއިއްޔާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއެކު ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ބަންގްލަދޭޝްގެ ރައީސް ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝް ރައީސްގެ މިލިޓަރީ ސެކްރެޓަރީއާއި، ޕްރެސް ސެކްރެޓަރީގެ އިތުރުން އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ޑިރެކްޓާ ޖެނެރަލަކު ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް