އިންޑިއާގެ މަޝްހޫރު ޝެފް އަދި އެކްޓަރު ރަންވީރު ބްރާރް ބައިނަލްއަޤްވާމީ ފިލްމެއްގައި މަސައްކަތްކުރަމުން އަންނަކަން އިއުލާނުކޮށްފިއެވެ.
"މޮޑަން ލަވް މުމްބާއީ" (2022) އާއި "ދަ ބަކިންގްހަމް މާޑަސް" (2024)އިން އެކްޓިންގް ދާއިރާއަށް ތަޢާރަފްވެފައިވާ ރަންވީރު މިފަހަރު ފެނިގެންދާނީ އިނގިރޭސިވިލާތުގެ ޑައިރެކްޓަރަކު އުފައްދާ ފިލްމަކުންނެވެ.
އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވާ، އަދި ނަން އިއުލާންކޮށްފައިނުވާ މި ފިލްމުގައި ރަންވީރު ކުޅޭނީ ބިރިޔާނީ ކައްކާ ޝެފެއްގެ ރޯލެވެ. އޭނާގެ އުފަން ރަށް، ލަކްނަވްއަށް ކުރި ޒިޔާރަތެއްގައި ވާހަކަދައްކަމުން ރަންވީރު ހާމަކުރި ގޮތުގައި، މި ފިލްމުގައި އޭނާގެ ކެރެކްޓަރަކީ އިންޑިއާއިން ސަޢުދީ ޢަރަބިއްޔާއަށް ގޮސް އޭނާގެ ދަރިފުޅުގެ ނަމުގައި ރެސްޓޯރެންޓެއް ހުޅުވުމަށްފަހު، ފަހުން އިނގިރޭސިވިލާތަށް ހިޖުރަކުރާ މީހެއްގެ ކެރެކްޓާއެވެ.
ރަންވީރު ޑައިރެކްޓަރު ހަންސަލް މެހެތާއާ އެކު--ފޮޓޯ/އިންސްޓަގްރާމްރަންވީރު ޤަބޫލުކުރާ ގޮތުގައި މި މަޝްރޫޢަކީ ފިލްމީ ދާއިރާގައި ކާބޯތަކެތި ސިފަކޮށްދޭ ގޮތަށް އަންނަމުންދާ ބޮޑު ބަދަލުގެ ރަމްޒެކެވެ. ކުރިން ކާބޯތަކެތީގެ ކޮންޓެންޓު ހަމައެކަނި ރެސިޕީތަކަށް ބިނާވެފައި އޮތްނަމަވެސް، ފަހުން ދަތުރުފަތުރުގެ ކޮންޓެންޓަށާއި، ރިއަލިޓީ ޝޯތަކަށާއި، ކުރު ފިލްމުތަކާއި ސޯޝަލް މީޑިއާ ރީލްސްއަށް ބަދަލުވެފައިވާކަން ރަންވީރު ވަނީ ފާހަގަކޮށްފައެވެ. އިންޑިއާގެ ސަޤާފަތުގައި ކާބޯތަކެއްޗާ ގުޅިފައިވާ ގިނަގުނަ ވާހަކަތަކެއް ހުރިއިރު، ކުރިއަށް އޮތް ތަނުގައި މިފަދަ ގިނަ ވާހަކަތަކެއް ސިނަމާއަށް އަންނާނެ ކަމަށް އުއްމީދުކުރާ ކަމުގައި ރަންވީރު ވަނީ ބުނެފައެވެ.
މިގޮތުން، ލަކްނަވްގެ އޯލްޑް ސިޓީގެ ދެ ކުލްފީ ވިއްކާ މީހުންގެ މައްޗަށް ތައްޔާރުކޮށްފައިވާ 18 މިނެޓުގެ ކުރު ފިލްމު "ރާމްޕޭރު ކީ ކުލްފީ"އަށް އަލިއަޅުވާލަމުން ރަންވީރު ބުނީ، ސަންޖޭ މިޝްރާ އާއި ޝާރިބް ހާޝްމީ އަދި ބާވަނާ ޕާންޑޭ އެކްޓްކޮށް، އަރްޗިތު ޑީ ރަސްތޯގީ ޑިރެކްޓްކުރި މި ފިލްމުގެ ޕްރެޒެންޓަރެއްގެ ގޮތުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ. މުމްބާއީ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގައި ސްކްރީންކުރެވުނު މި ފިލްމު ދެން ދައްކާނީ ޓޮރޮންޓޯގެ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް ސައުތު އޭޝިއާގައެވެ.
އިންޑިއާގެ ސިނަމާގައި ކާބޯތަކެއްޗަށް ބިނާކޮށްފައިވާ ފިލްމުތައް އުފައްދާފައިވީ ނަމަވެސް، އަދިވެސް އެފަދަ އުފެއްދުންތައް މަދުކަމަށާއި ކާބޯތަކެއްޗާ ގުޅޭ ވާހަކަތައް ލިޔެ ފިލްމު އުފެއްދުމަށް ޒުވާން ލިޔުންތެރިންނާއި އުފެއްދުންތެރިންނަށް ރަންވީރު ވަނީ ހިތްވަރުދީފައެވެ. އަދި އެފަދަ މަޝްރޫޢުތަކާ ގުޅި، އެ އުފެއްދުންތައް ޕްރޮޑިއުސްކުރުމަށް އޭނާ ޝައުޤުވެރިވާ ކަމަށް ވަނީ ބުނެފައެވެ.