ބޮލީވުޑްގައި ކާމިޔާބީ ހޯދުމުގެ އުންމީދުގައި، އުމުރުން އެންމެ 22 އަހަރުގައި އިންޑިއާއަށް ހިޖުރަކުރި ހަނދާންތައް މަޝްހޫރު ފަންނާނު ނޯރާ ފަތޭހީ އާކޮށްފިއެވެ.
'އަންޓްރިގާޑް' ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ނޯރާ ވަނީ، ބޮލީވުޑްގެ ފަންނުވެރިކަމަށް އޭނާގެ ހިތުގައި ލޯބި ޖެހުނު ގޮތާއި، މުޅިން އާ މާހައުލެއްގައި ދިރިއުޅުން ފެށުމުގައި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ކެރިގެން އެ ފިޔަވަޅު އެޅުމަށް ލިބުނު ހިތްވަރު ހިއްސާކޮށްފައެވެ.
ނޯރާ ބުނި ގޮތުގައި އޭނާ ބޮޑުވެގެން އައީ ހިންދީ ފިލްމުތަކަށް ލޯބިކުރަމުންނެވެ. ވަކިން ޚާއްސަކޮށް، ބޮލީވުޑްގެ މިއުޒިކާއި، ނެށުމާއި އަދި ސިނަމާގެ ފުރިހަމަ ގުޅުމަކީ އޭނާ އެ ދާއިރާއަށް ޝައުގުވެރިކުރުވި މައިގަނޑު ސަބަބެވެ.
"ބޮލީވުޑަކީ މިއުޒިކާއި، ނެށުން އަދި ސިނަމާ ފުރިހަމައަށް އެކުލެވިގެންވާ ދާއިރާއެއް. އަހަރެން ބޮޑުވީ އެ ފިލްމުތައް ބަލަމުން. ހިތުގެ އަޑިން އަބަދުވެސް އެދެމުންދިޔައީ މި ދާއިރާއިން ކުރިއަށްދާން. ބޭނުންވީ މަގުބޫލުކަން ހޯދައި، ފިލްމީ ދާއިރާގެ ތެރެއިން އަހަރެންގެ ހުނަރު ދައްކާލަން. ހަގީގަތުގައި ބޮލީވުޑަކީ އެއީ،" ނޯރާ ކިޔައިދިނެވެ.
ނޯރާ "ދަ ރޯޔަލްސް 2"ގެ ލީޑް އެކްޓަރު އިޝާން ހައްތަރުއާ އެކު--ފޮޓޯ/އިންސްޓަގްރާމްއިންޑިއާއަށް ބަދަލުވުމަށްފަހު މަސައްކަތް ބައްޓަންކުރި ގޮތާ ގުޅޭގޮތުން ނޯރާ ބުނީ، އޭނާގެ ހުރިހާ ސަމާލުކަމެއް ދިނީ ކެރިއަރު ބިނާކުރުމަށާއި، ބަސް ދަސްކުރުމުގެ އިތުރުން ގިނަ އޮޑިޝަންތަކުގައި ބައިވެރިވުމަށް ކަމަށެވެ. މީގެއިތުރުން، ކާމިޔާބީއާ ހަމައަށް ވާސިލުވުމުގައި އަމިއްލަ އުސޫލުތައް ހިފެހެއްޓުމަކީ އެންމެ މުހިންމު އަސާސް ކަމުގައި އޭނާ ފާހަގަކުރިއެވެ.
"އަހަރެން އައީ ވަރުގަދަ އަޒުމަކާއެކު. އެއީ ހަމައެކަނި ލަނޑުދަނޑިތައް ޙާސިލުކުރުމުގެ ރޫހެއް. އެ ދުވަސްވަރު އިޖުތިމާއީ ދިރިއުޅުމެއް، މަޖާކުރުމެއް ނެތް. ބަސް ދަސްކޮށް، މެދުކެނޑުމެއްނެތި އޮޑިޝަންތަކަށް ދިއުމަށް އިސްކަންދިނިން. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަހަރެންގެ އަމިއްލަ އުސޫލުތަކާއި އަމިއްލަ ނަފްސުގެ އަގު ހިފެހެއްޓިން. މުޅި މި ދަތުރުގައިވެސް އަހަރެންގެ އަޚުލާޤާއި އިތުބާރު ދެމެހެއްޓިން" ނޯރާ ބުންޏެވެ.
އަމިއްލަ ހުވަފެންތަކާއި އުންމީދުތައް ހާސިލުކުރުމަށް މަސައްކަތްކުރާއިރު، އަމިއްލަ ނަފުސަށްކުރާ އިޙުތިރާމާއި ތިމާގެ އަގު ހިފެހެއްޓުމަށް މަސައްކަތްކޮށް އަޚުލާޤީ މިންގަނޑުތަކުގައި ދެމިހުރުމަކީ ފިލްމު އިންޑަސްޓްރީއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ދެވޭނެ އެންމެ އަގުހުރި ނަޞޭޙަތް ކަމަށް ނޯރާ ވަނީ ބުނެފައެވެ.
ފަންނީ މަސައްކަތްތަކަށް ބަލާއިރު، ނޯރާ ފަތޭހީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިހާރު މަސައްކަތް ފަށާފައިވާ ނެޓްފްލިކްސްގެ ވެބް ސީރީޒް "ރޯޔަލް 2"އިންނެވެ.