އެޓްލީގެ ފިލްމު ސިނަމާތަކަށް އައުމުގެ ކުރިން ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި

ފިލްމު "ރާކާ"ގެ ލީޑް އެކްޓަރު އައްލޫ އަރުޖުން އަދި ޑައިރެކްޓަރު އެޓުލީ--ފޮޓޯ/ޕިންކްވިލާ

ދެކުނު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އެޓްލީ ޑައިރެކްޓްކޮށް، ކާމިޔާބު ފިލްމީ ތަރިން ކަމަށްވާ އައްލޫ އަރުޖުން އަދި ދީޕިކާ ޕަދުކޯން މުހިންމު ރޯލުތައް ކުޅޭ ފިލްމު "ރާކާ"، ރިލީޒްކުރުމުގެ ކުރިން ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދައިފިއެވެ.

މި ފިލްމު މި ރެކޯޑް ހާސިލުކޮށްފައިވަނީ އެއްވަގުތެއްގައި އެންމެ ގިނަ މީހުންގެ މޯޝަން-ކެޕްޗަ (ރިއަލް-ޓައިމް) ހެދި ފިލްމުގެ ގޮތުގައެވެ.

ފިލްމު އުފައްދާ ކުންފުނި ކަމަށްވާ ސަން ޕިކްޗަސްއިން މިދިޔަ ހޯމަ ދުވަހު ވަނީ، ލީޑް އެކްޓަރު އައްލޫ އަރުޖުން އަދި ޑައިރެކްޓަރު އެޓްލީ ގިނިސް ވޯލްޑް ރެކޯޑްގެ ރަސްމީ ސެޓްފިކެޓާ ހަވާލުވާ ފޮޓޯ އާންމުކޮށްފައެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ސަން ޕިކްޗަސްއިން ހާމަކުރި ގޮތުގައި، މިއީ އިންޑިއާގެ ސިނަމާ ބައިނަލްއަގުވާމީ ފެންވަރަށް އުފުލައިދިން ތާރީޚީ ކާމިޔާބީއެކެވެ. އެ ފަރާތުން ބުނި ގޮތުގައި "ރާކާ"އިން މި ރެކޯޑް ގާއިމުކުރީ އެއްވަގުތެއްގައި 37 ފަންނާނުންގެ ހަރަކާތްތައް ރިއަލް-ޓައިމްކޮށް ކެޕްޗަ ކޮށްގެންނެވެ.

ފިލްމު "ރާކާ"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ

ގިނިސް ވޯލްޑް ރެކޯޑްސްގެ ރަސްމީ ވެބްސައިޓުގައިވާ މަޢުލޫމާތަށް ބަލާއިރު، މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައެވެ. އެއްފަހަރާ 37 މީހުންގެ މޯޝަން-ކެޕްޗަ ހަދައިގެން މި ރެކޯޑް ހާސިލުކުރީ ސަން ޓީވީ ނެޓްވޯކް ލިމިޓެޑާއި ޑައިރެކްޓަރު ވީ. އަރުންކުމާރު (އަޓްލީ)އެވެ.

މި ފިލްމުގެ ފުރަތަމަ މަންޒަރުތައް ހިއްސާކުރުމަށްފަހު އެޓްލީ އޭނާގެ 'އެކްސް' އެކައުންޓުގައި ބުނެފައިވަނީ، 'ރާކާ' އަކީ ހަމައެކަނި ފިލްމެއް ނޫން ކަމަށާއި، އެއީ ވޭތުވެދިޔަ 18 އަހަރު ވަންދެން އޭނާގެ ހިތުގައި ރައްކާކޮށްގެން ގެންގުޅުނު ޚިޔާލެއް ކަމަށެވެ.

މި ފިލްމުގެ ސަބަބުން އިންޑިއާގެ ސިނަމާގެ ފެންވަރު އާ އުސްމިންތަކަކަށް ވާސިލުވެ، ދުނިޔޭގެ މުނިފޫހިފިލުވުމުގެ މައިދާނުގައި އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ހައްގު މަގާމު ލިބިގެންދާނެ ކަމަށް ޤަބޫލުކުރެވޭ ކަމުގައި އެޓްލީ ވަނީ ބުނެފައެވެ. ފިލްމު "ރާކާ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ މި އަންނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

comment ކޮމެންޓް