އުރީދޫއާއި ފުލުހުން ގުޅިގެން، އުމުރުން ދުވަސްވީ މީހުންނަށް ސްކޭމްތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ސްކޭމްތަކަށް ހޭލުންތެރިކުރުވަން ބޭއްވި ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، މާލެއާއި ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ޑިޖިޓަލް ލިޓަރަސީ އަދި ސްކޭމް އެވެއާނަސް ސެޝަނެއް ބާއްވައިފިއެވެ.

އުރީދޫން ބުނި ގޮތުގައި އެ ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އާންމުކޮށް ހިންގާ ސްކޭމްތައް ދެނެގަތުމަށާއި، ޑިޖިޓަލް ޚިދުމަތްތައް އިތުބާރާއެކު ރައްކާތެރިކޮށް ބޭނުންކުރުމަށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމުގެ މައްޗަށެވެ.

ސްމާޓްފޯނާއި، ޑިޖިޓަލް ޕޭމަންޓްތަކާއި، އޮންލައިން ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާއިރު، ސްކޭމްތަކާއި މަކަރާއި ހީލަތުން ކުރާ މުއާމަލާތްތައް ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އަދި އެފަދަ އޮޅުވާލުންތަކުގެ އެންމެ ބޮޑު ނުރައްކަލެއް އޮންނަނީ ޑިޖިޓަލް ޚިދުމަތްތަކަށް އަހުލުވެރިނުވާ ފަރާތްތަކަކަށްކަން ފާހަގަކޮށްލެވެއެވެ.

ޑިޖިޓަލްވަމުންދާ މުޖުތަމައެއްގައި އެންމެންނަށްވެސް ރައްކާތެރިކަމާއެކު ބައިވެރިވެވޭނެކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކޮށް، އުރީދޫ މޯލްޑިވްސްއިން މި ސެޝަންތައް އިންތިޒާމުކުރީ އޮންލައިންކޮށް ރައްކާތެރިވުމަށް ބޭނުންވާ އަމަލީ މައުލޫމާތު އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދިނުމަށެވެ.

އުރީދޫން ބުނީ އެ ޕްރޮގްރާމުގައި، މަކަރާއި ހީލަތުން ކުރާ ކޯލްތަކާއި މެސެޖުތަކާއި، ފިޝިން ލިންކްތަކާއި، އެހެން މީހަކަށް ހެދިގެން އޮޅުވާލަން މަސައްކަތްކުރުމާއި، މާލީ ނުވަތަ ޒާތީ މުހިންމު މައުލޫމާތު ހޯދަން އެދުން ފަދަ އާންމުކޮށް ހިންގާ ސްކޭމްތަކުގެ ބާވަތްތަކަށް ބައިވެރިން އަހުލުވެރިކުރުވި ކަމަށެވެ.

މީގެ އިތުރުން، ޕާސްވޯޑާއި، އޯޓީޕީއާއި، ބޭންކިން މައުލޫމާތާއި، އެހެނިހެން ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ މުހިންމުކަމާއި، ޝައްކުކުރެވޭ ފަދަ މުއާމަލާތަކާ ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތަކަށް ވެސް އެ ސެޝަންގައި އަލިއަޅުވާލި ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްކޭމްތަކަށް ހޭލުންތެރިކުރުވަން ބޭއްވި ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ އުރީދޫ

އެ ސެޝަންގައި، ސްކޭމްތަކަށް ހޭލުންތެރިކުރުވުމާއި އޮންލައިން ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ވެސް ވަނީ ތަޖުރިބާ ހިއްސާކޮށްފައެވެ. އަދި، ޝައްކުކުރެވޭ ހަރަކާތްތައް ދެނެގަންނާނެ ގޮތާއި މަކަރާއި ހީލަތުން ރައްކާތެރިވާނެ ގޮތުގެ އަމަލީ އިރުޝާދު ފުލުހުންގެ ފަރާތުން ބައިވެރިންނަށް ފޯރުކޮށްދިނެވެ.

ސްކޭމްތަކަށް ހޭލުންތެރިކުރުވުމުގެ އިތުރުން، އެ އިންޓަރެކްޓިވް ޕްރޮގްރާމްގައި ސްމާޓްފޯނާއި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ޚިދުމަތްތައް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ އިރުޝާދު ދީފައިވެއެވެ. އަދި ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ދީ، އަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިއީ ޑިޖިޓަލް ދުނިޔޭގައި އުޅޭއިރު އިތުބާރާއެކު އަމިއްލައަށް ކަންކަން ކުރުމަށް އެ މީހުންނަށް ލިބުނު އެހީއެއްކަން އުރީދޫން ފާހަގަކުރިއެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ އިސްރަށްވެހިންގެ ނާދީއާއެކު ގާތް ގުޅުމެއް ދަމަހައްޓައި، 2018 ވަނަ އަހަރުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންމެ ފަހުގެ ޕްރޮގްރާމަކީ އެ ގުޅުމުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގެ އިތުރުން، އެންމެން ޝާމިލުވާ އަދި ރައްކާތެރި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބަޔެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ފަދަ މުއައްސަސާތަކާއި މުޖުތަމައުގެ ބައިވެރިންނާއެކު މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ޑިޖިޓަލް ހޭލުންތެރިކަން އިތުރުކޮށް، އޮންލައިންކޮށް ރައްކާތެރިކަން ކަށަވަރުކުރަމުން ޓެކްނޮލޮޖީގެ ފައިދާ ހޯދުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު މުޖުތަމައުތަކަށް ފޯރުކޮށްދިނުންކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް