މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ބީލަމުގައި ވިއްކައިލަން ހުޅުވި މއ. ކުދިމަދޫގޭގެ ބީލަން ފެށޭ އަގުން ބައިލައްކަ ރުފިޔާ ކުޑަކުރުމަށްފަހު އަނެއްކާ ވެސް ބީލަމުގައި ވިއްކައިލަން ހުޅުވައިލައިފިއެވެ.
ބިމުގެ ޑިމާންޑު ބޮޑު މާލޭގައި ހުންނަ އެ ގެ ހަދައިފައި ހުންނަނީ 830 އަކަފޫޓުގެ ގޯއްޗެއްގައެވެ.
ސިވިލް ކޯޓުން އެ ގެ ވިއްކައިލުމުގެ މިދިޔަ ޑިސެންބަރު މަހު އެމްއައިބީއަށް ދިނީ ކުދިމަގޫގެ ރަހުނު ކޮށްފައި ނަގާފައިވާ ދެ މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެންނެވެ.
އެގޮތުން އެ ގެ ވިއްކައިލަން އެމްއައިބީން ފުރަތަމަ އިއުލާނުކުރީ މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅެވެ. އެފަހަރު އެ ގޭގެ ނީލަން ފެށޭ އަގެއް ކަމަށް އޮތީ 12.65 މިލިއަން ރުފިޔާއެވެ. އެއަށްފަހު ޖުލައި މަހު ނީލަން ފެށޭ އަގުން ވަނީ ބައި މިލިއަން ރުފިޔާ އުނިކޮށްފައެވެ.
އެއަށްފަހު މިދިޔަ އޮގަސްޓު މަހުގެ 13އާއި މި މަހުގެ އަށްވަނަ ދުވަހާ ދެމެދު ތިން ފަހަރެއްގެ މަތިން ދޮޅު މިލިއަން ރުފިޔާ ނީލަން ފެށޭ އަގުން އުނިކުރުމަށްފަހު މިއަދު ވެސް ވަނީ ބައި މިލިއަން ރުފިޔާ އުނިކޮށް އަލުން އެ ގެ ބީލަމުގައި ވިއްކައިލަން އިއުލާނުކޮށްފައެވެ. އެހެންކަމުން ކުދިމަދޫގޭގެ ނީލަން މިހާރު ފެށެނީ 9.65 މިލިއަން ރުފިޔާއިންނެވެ.
އެމްއައިބީގެ އިއުލާނުގައިވާ ގޮތުން އެ ގެ ވިއްކަން ނީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު އެކެއް ޖަހަންދެންނެވެ.
ނީލަން ފެށުމަށްޓަކައި އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު އެކެއް ޖަހާއިރު ކުދިމަދޫގެއަށް ހާޒިރުވެ ތިބި މީހުންގެ ކުރިމަތީގައި ސިޓީތައް ކަނޑައި، އެންމެ މަތީ އަގު އެއީ ނީލަން ފަށާ އަގު ކަމުގައި އިއުލާންކުރާނެ ކަމަށް އެމްއައިބީން ބުންޏެވެ. އެމްއައިބީން ބުނީ، ނީލަން ފަށާ އަގު އިއުލާނުކުރުމަށް ފަހު، އެ ވަގުތު އެ ތަނުގައި ތިބި މީހުން ނީލަން ފެށޭ އަގަށް ވުރެ ބޮޑު އަގެއް ހުށަހެޅުމަށް މަދުވެގެން ފަސް ލައްކަ ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ ބީލަމުގައި ބައިވެރިވުމަށްޓަކައި އެއްލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެމްއައިބީން ބުންޏެވެ.
އެ ބީލަމާ ގުޅޭ އިތުރު މައުލޫމާތު މެއިލްކުރުމުން ލިބޭނެ ކަމަށް ވެސް އެމްއައިބީން ބުންޏެވެ.