މަގު ހަދާތީ، ވެސްޓްޕާކަށް މަޑުކުރާ ބަސް ދަތުރުތައް ދެން ފަށާނީ މާފަންނު މަދަރުސާ ކައިރިން

ބަސްތަކެއް ސްޓޮޕަކަށް މަޑުކޮށްފައި: މަގު ހަދަން ބަންދުކުރުމުން ވެސްޓްޕާކަށް މަޑުކުރާ ބަސް ދަތުރުތައް ދެން ފަށާނީ މާފަންނު މަދަރުސާ ކައިރިން -- ސަންފޮޓޯ/ ނާއިލް ހުސައިން

ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތަރައްގީކުރުމުގެ ތެރެއިން އެ މަގުގެ ވެސްޓްޕާކު ސަރަހައްދު މިދިޔަ ހޯމަ ދުވަހުގެ ރޭ ބަންދުކުރުމުން އެ ސަރަހައްދަށް މަޑުކުރާ ބަހުގެ ދަތުރުތަކަށް ބަދަލު ގެނެސްފިއެވެ.

ބަހުގެ ޚިދުމަތްދޭ އެމްޓީސީސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހަވީރީ ހިނގުން ބަންދުކޮށްފައިވާތީ އޯކިޑް ރޫޓާއި އޮރެންޖު ހިޔާ ރޫޓުގެ ބަސްތައް ވެސްޓްޕާކު ބަސް ސްޓޮޕަށް މަޑުނުކުރާނެ ކަމަށެވެ.

އެ ރޫޓުތަކުގެ ދަތުރުތައް ދެން ފަށާނީ، މާފަންނު މަދަރުސާ ކައިރިން ކަމަށް އެމްޓީސީސީން ބުންޏެވެ.

https://sun.mv/227806

އާންމު އުސޫލުން މަޖީދީމަގުން ދަތުރުކުރުމަށް ފަހު، ހެންވޭރުން އެނބުރި މާފަންނަށް އަންނަ ބަސްތައް ދަތުރުކުރާނީ ކަނބާ އައިސާ ރަނި ހިނގުމުންނެވެ. އަދި ބަސް މަޑުކުރާނީ، ސޯޝަލް ސެންޓަރު ކައިރިއަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ޑްރައިވަރެއް ބަސް ދުއްވަނީ -- ސަންފޮޓޯ/ ނާއިލް ހުސައިން

އޭގެފަހުން، އެ ރޫޓުގެ ބަސްތައް ސަބުދެލި މަގުން ނިންކުންނާނީ މަޖީދީ މަގަށެވެ.

މި ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދި އެމްޓީސީސީން ވަނީ، އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 1650އަށް ގުޅައިގެން ލިބޭނެކަން ފާހަގަކޮށްފައެވެ.

އެމްޓީސީސީގެ ބަހުގައި ދަރިވަރުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ދަތުރުކުރެވޭއިރު، އެ ޚިދުމަތް ގިނަ އަދަދެއްގެ މީހުން ބޭނުންކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އެންމެ ފުރަތަމަ ހެދީ، މަސް މާރުކޭޓާ ހިސާބުން ފެށިގެން ޖުމްހޫރީ މައިދާނުގެ މެދަކާ ހަމައަށެވެ. އެ މަޝްރޫއުގެ ތެރެއިން، އެއްގަމު ތޮށި ބޭރަށް ޖައްސައި، ހަތަރު ލޭނަށް ފުޅާކުރިއެވެ.

ދެން ތަރައްގީކުރީ މަސްމާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަަމައަށް ކަމަށްވާއިރު، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ޓާމިނަލާ ހަމައަށް މަގުވަނީ ފުޅާކޮށްފައެވެ.

އެ ސަރަޙައްދުގެ މަގު ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށް މަގު ފުޅާކުރުމަށްފަހު، 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމު ގާއިމުކޮށްގެންނެވެ. އަދި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނަކާ ވެސް އެކު ތަރައްގީކުރި މި މަގުގެ ސަބަބުން އެ ސަރަޙައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ދުއްވާ ފަރާތްތަކަށް ވަނީ ބޮޑެތި ފަސޭހަތަކެއް ލިބިފައެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ދެން ތަރައްގީކުރާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ ސަރަޙައްދެވެ.

comment ކޮމެންޓް