ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ 3 ވަނަ ފިޔަވަހީގެ ދަށުން ވެސްޓް ޕާކް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ 3 ވަނަ ފިޔަވަހީގެ ދަށުން ވެސްޓް ޕާކް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދަނީ... ފޮޓޯ/ ޕީއެސްއެމް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ވެސްޓް ޕާކް ސަރަހައްދު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ވެސްޓް ޕާކް ސަރަޙައްދުގައި ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދުގެ މަގުގެ އެއްފަޅި މިހާރު ވަނީ ބަންދުކޮށްފައެވެ.

ނަމަވެސް މަގުގެ އަނެއް ފަޅި އާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ގޮތަށް ހުޅުވާލާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި މި ކަމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.

ވެސްޓް ޕާކް ސަރަޙައްދަކީ ވިއްސާރަ މޫސުމުގައި މާލޭގައި އެންމެ އަވަހަށް ފެންބޮޑުވާ އެއް ސަރަޙައްދަށް ވުމާއެކު، މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް، ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ރޭ ބަންދުކުރި ވެސްޓް ޕާކު ސަރަހައްދު -- ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްގީކޮށް ނިންމާއި އާންމުންނަށް ހުޅުވާލާފައެވެ.

އެ ސަރަޙައްދުގެ މަގު ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށް މަގު ފުޅާކުރުމަށްފަހު، 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމު ގާއިމުކޮށްގެންނެވެ.

އަދި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނަކާވެސް އެކު ތަރައްގީކުރި މި މަގުގެ ސަބަބުން އެ ސަރަޙައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ދުއްވާ ފަރާތްތަކަށް ވަނީ ބޮޑެތި ފަސޭހަތަކެއް ލިބިގެން ގޮސްފައެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ދެން ތަރައްގީކުރާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް އޮންނަ ސަރަޙައްދެވެ.

https://sun.mv/227806

އެމްޕީއެލް ސަރަޙައްދަކީ ބަރު އުޅަނދުތަކުގައި މުދާ އުފުލާ ސަރަޙައްދަކަށް ވެފައި، ބޮޑުތަކުރުފާނު މަގުގައި އެންމެ ބޮޑަށް އަޑިގުޑަންތައް ހުރި އެއް ސަރަޙައްދު ކަމުން ދަތުރުފަތުރު ކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ.

ސަރުކާރުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން މިހާރު އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ބޮޑުތަކުރުފާނު މަގުގެ މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން އަންނަނީ އަމާޒު ހިފަމުންނެވެ.

ރައީސް އޮފީހުން ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑުތަކުރުފާނު މަގުގައި އެންމެ ބޮޑަށް ހަލާކުވެފައިވާ އެމްޕީއެލް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަން ކުރިން އިއުލާންކުރައްވާފައެވެ.

މި ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާއިރު، މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު ވެސް އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް