އޭޝިއަން ގޭމްސް: ޝޫޓިންގެ މިކްސް ޓީމު އިވެންޓުން އީޝާއާއި މާއިދު ގައުމީ ރިކޯޑު އައުކޮށްފި

އޭޝިއަން ގޭމްސް 2026 ގެ ޝޫޓިންގެ މިކްސް ޓީމު އިވެނުްޓުގައި މާއިދު އާއި އީޝާ-- ފޮޓޯ: އެމްއޯސީ

ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޝޫޓިން ޓީމުން މިކްސް ޓީމު ކެޓެގަރީން ޤައުމީ ރިކޯޑު އައުކޮށްފިއެވެ.

ނަގޯޔާގެ ޖެނެރަލް ޝޫޓިން ގެލެރީގައި މިއަދު ކުރިއަށްދިޔަ 10 މީޓަރު އެއަރ ރައިފަލްގެ މިކްސް ޓީމު އިވެންޓުގައި ދިވެހި ޝޫޓިން ޓީމުން ބައިވެރިވީ އަޙްމަދު މާއިދު މުޙައްމަދާއި، އައިޝަތު އީޝާ ޝަހީދުގެ ޕެއާއެވެ.

އޭޝިއަން ގޭމްސް 2026 ގެ ޝޫޓިންގެ މިކްސް ޓީމު އިވެނުްޓުގައި މާއިދު އާއި އީޝާ-- ފޮޓޯ: އެމްއޯސީ

މާއިދު އާއި އީޝާ މި ރިކޯޑު އައުކުރީ 617.6 ޕޮއިންޓް ހޯދައިގެންނެވެ. މީގެ ކުރިން މި ރިކޯޑު އޮންނަނީ އިބްރާހީމް ޝިފާން އާއި އައިޝަތު ޔޫހާ އިމްތިޔާޒްގެ އަތުގައެވެ. ޝިފާން އާއި ޔޫހާ މި ރިކޯޑު ހެދީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ބޭއްވި އޭޝިއަން ކަޕް 2025 ޝޫޓިން މުބާރާތުގައި 601.6 ޕޮއިންޓް ހޯދައިގެންނެވެ.

އޭޝިއަން ގޭމްސްގައި މާއިދު އާއި އީޝާ މިހާތަނަށް ވަނީ 10 މީޓަރު އެއަރ ރައިފަލް އިންޑިވިޖުއަލް ކެޓެގަރީންވެސް ޤައުމީ ރިކޯޑު އައުކޮށްފައެވެ. އޭޝިއަން ގޭމްސްގައި ދިވެހި ޝޫޓިން ޓީމުން މާދަމާ ވާދަކުރާނީ 10 މީޓަރު އެއަރ ޕިސްޓަލް އިވެންޓުގައެވެ.

އޭޝިއާ ބައްރުގެ 45 ޤައުމަކުން އެތުލީޓުން ވާދަކުރާ މި ގޭމްސްގައި ރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ ސާފިން، އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް، ބެޑްމިންޓަން، ޝޫޓިން އަދި ބީޗް ވޮލީބޯޅައިގައެވެ.

comment ކޮމެންޓް