ރާއްޖެއަށް ޕެރަ ޝޫޓިން ތަޢާރަފުކޮށްފި، ޕެރަ އެތުލީޓުންނަށް އައު ފުރުޞަތެއް

ރާއްޖެއަށް ޕެރަ ޝޫޓިން ތައާރަފްކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ދިވެހިރާއްޖޭގައި ޕެރަލިމްޕިކް ޙަރަކާތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަަތްތަކުގެ ދަށުން ރާއްޖޭގައި މިހާރު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ޝޫޓިންއަށް ހާއްސަކޮށް "ޕެރަ ޝޫޓިން" ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގެ ޝޫޓިން ރޭންޖުގައި ބޭއްވި މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤު އިބްރާހީމްގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އާއި، ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ޕެރަ ކުޅިވަރުތަކުގައި ރާއްޖެއަަށް ކާމިޔާބީ ހޯދައިދީ، އަދި މިހާރުވެސް ކުޅިވަރުތަކުގައި ބައިވެރިވަމުން އަންނަ އެތުލީޓުންނާއި ޕެރަލިމްޕިކް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެރިވިއެވެ.

ރާއްޖެއަށް ޕެރަ ޝޫޓިން ތައާރަފްކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މޯލްޑިވްސް ޝޫޓިން އެސޯސިއޭޝަނާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން މި އަހަރު ބާއްވާ ގައުމީ ޝޫޓިން ޗެމްޕިއަންޝިޕުގައި އައު ގިންތިއެއްގެ ގޮތުގައި ޕެރަ ޝޫޓިން ހިމެނުމަށް މަސައްކަތް ކުރަމުންދާއިރު، މީގެ މައިގަނޑު މަގުސަދަކީ ޕެރަ އެތުލީޓުންނަށް ވާދަވެރި ޝޫޓިން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ފަހިކޮށްދިނުމެވެ.

ދިވެހިރާއްޖޭގައި ޕެރަލިމްޕިކް ޙަރަކާތްތައް ރަސްމީކޮށް ފެށިގެންދިޔައީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އުފެދި، ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރުމުގެ މަގު ތަނަވަސްވުމާއެކުގައެވެ. އެގޮތުން، 2020 ވަނަ އަހަރުގެ ޓޯކިޔޯ ޕެރަލިމްޕިކްސް ގޭމްސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ވާދަކޮށްފައިވާއިރު، އޭގެ ފަހުން ބޭއްވި 2024 ވަނަ އަހަރުގެ ޕެރިސް ޕެރަލިމްޕިކްސްގައިވެސް ދިވެހި ޕެރަ އެތުލީޓުން ވަނީ އެތުލެޓިކްސްގެ ތަފާތު އިވެންޓްތަކުގައި ގައުމު ތަމްސީލުކޮށްފައެވެ.

ރާއްޖެއަށް ޕެރަ ޝޫޓިން ތައާރަފްކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މީގެ ކުރިން ރާއްޖޭގެ ޕެރަ އެތުލީޓުން މައިގަނޑުކޮށް ޓްރެކް އެންޑް ފީލްޑް އިވެންޓްތަކުން ފެނިގެންދިޔަނަމަވެސް، ޕެރަ ޝޫޓިން ތަޢާރަފުވުމާއެކު، ޖިސްމާނީ ތަފާތު އެކި ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންނަށް، މިއީ ކުރިއަށްދެވޭނެ ރަނުގެ ފުރުސަތެކެވެ.

ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ޒަމާނީ އިލެކްޓްރޯނިކް ޓާގެޓް ސިސްޓަމްތަކާއެކު ގާއިމުކުރެވުނު އިންޑޯ ޝޫޓިންގ ރޭންޖާއެކު ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ޕެރަ ޝޫޓިންގ ތައާރަފުވުމަކީ ކުރިއަށްއޮތް ތަނުގައި ޕެރަ-އޭޝިއަން ގޭމްސް އާއި ޕެރަލިމްޕިކް ގޭމްސްގެ ޝޫޓިން އިވެންޓްތަކުގައި ރާއްޖެއިން ވާދަކުރުމަށް އެޅުނު ތާރީޚީ މުހިންމު ފިޔަވަޅެކެވެ.

comment ކޮމެންޓް