މާލެ ކައިރީގައި އަޅާފައި އޮތް ބޮޑު ދެ ތެޔޮ ބޯޓު ކަނޑުގަދަވެގެން އޮޔާ ގޮސް އެއް ބޯޓު ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު މައްސަލައިގައި ކަސްޓަމްސްއިން ގާނޫނާ ޚިލާފުވެފައިތޯ ބަލަން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން ނިންމައިފިއެވެ.
މާލެ ކައިރީ އަޅާފައި އޮއްވާ އޮޔާސް ގޮސް، ސިނަމާލެ ބުރިޖަށް ތެޔޮ ބޯޓު އުރުނު ހާދިސާ ހިނގާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ. އެއީ މި ފަހުން މާލެ ކައިރި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ އެ ދެ އުޅަނދަކީ މިދިޔަ އޭޕްރިލް މަހުގެ 26ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގާނޫނާ ޚިލާފަށް ވަދެފައިވާ ދެ އުޅަނދު ކަމަށާއި ދެ އުޅަނދު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހު ކަމަށް ބުނެފައެވެ. އެ ދެ ބޯޓު އޮޔާ ދިޔައީ މޫސުން ގޯސްވެ، ކަނޑުގަދަ ވުމުންނެވެ.
އެންއައިސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ދެ ބޯޓާ ގުޅޭ ޚަބަރުތަކާ ގުޅިގެން، އެ ކޮމިޝަންގެ އަމިއްލަ އިސް ނެގުމުގެ މަތިން ތަހުގީގެއް ފަށަން ނިންމައިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އެ މައްސަލައިގައި ކަސްޓަމްސްއިން ގާނޫނާއި ގަވައިދާއި ކަމާ ގުޅުންހުރި އުސޫލުތަކާ ޚިލާފުވެފައިވޭތޯ ބަލާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ގިނަ ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައި ވަނިކޮށް، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ބޯޓުތައް އުރުމާ ގުޅިގެން ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީން ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވެފައެވެ. އަދި ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ކުދިކުދި ކޫރު އެޅިފައި ހުރި ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
އެ މައްސަލައިގައި ކަސްޓަމްސްއިން ވަނީ ބުރިޖަށް އުރުނު ބޯޓުތައް ހަ ލައްކައިން ޖޫރިމަނާ ކުރި ކަމަށާއި، ބޯޓުތައް އޮޔާ ދިޔަ ހާދިސާއަކީ ގުދުރަތީ ހާދިސާއެއް ކަމަށާއި، އެކަމުގައި އެ އިދާރާގެ އެއްވެސް ޒިންމާއެއް ނެތް ކަމަށް ބުނެފައެވެ.
އެ ދެ ބޯޓު އޮޔާ ދިޔުމަށް ފަހު، ސިނަމާލެ ބުރިޖު ދަށުން ގޮސް، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ މީގެ ކުރިން ބުނެފައެވެ. އެ ދެ ބޯޓުގައި އިންޑިއާގެ 20 ފަޅުވެރިން ތިބިއިރު، އެ މީހުން ގެންދިޔައީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށެވެ.