ފުއްޕާމޭގެ ކެންސަރަށް ވުރެ ބޮޑަށް، ދުންފަތުގެ ސަބަބުން ހިތާއި ލޭހޮޅިތަކަށް ލިބޭ ގެއްލުންތަކާ މެދު އާންމުން ހޭލުންތެރިވެފައިވާ މިންވަރު ކުޑަކަން ދިރާސާއަކުން ދައްކައިފިއެވެ.
ސިނގިރޭޓު ބުއިމަކީ ފުއްޕާމޭގެ ކެންސަރަށް މަގުފަހިކުރުވާ ކަމެއްކަން ގިނަ ބަޔަކަށް އެނގެއެވެ. ނަމަވެސް، ދުންފަތުގައި އެކުލެވޭ ވިހަ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ގާތްގަނޑަކަށް ހުރިހާ ގުނަވަނަކަށް ގެއްލުން ލިބޭއިރު، މީގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ނަތީޖާއާ މެދު އާންމުން ހޭލުންތެރިވެފައިވާ މިންވަރު ކުޑަކަން ފާހަގަކުރެވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ހިތާއި ލޭހޮޅިތަކުގެ ބަލިތަކަށް މީހާ ހުށަހަޅައިދޭ އެންމެ ބޮޑު އެއް ސަބަބެވެ. އަދި އަމިއްލައަށް ސިނގިރޭޓު ނުބޯ މީހުންވެސް، އެހެން މީހުން ބޯ ސިނގިރޭޓުގެ ދުމުގެ ސަބަބުން މި ނުރައްކަލަށް ހުށަހެޅެއެވެ.
ސިއްހީ ދާއިރާގެ މަޖައްލާއެއް ކަމަށްވާ 'ބީއެމްޖޭ އޯޕަން' ގައި ދާދި ފަހުން ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ދުންފަތުގެ ސަބަބުން ހިތަށް ލިބޭ ގެއްލުންތަކާ މެދު އާންމުންނަށް އެނގިފައިވާ މިންވަރު ވަރަށް ކުޑައެވެ. މި ދިރާސާގައި 46 ގައުމަކުން 18 އަހަރުން މަތީގެ މީހުން ބައިވެރިކޮށްގެން އެއްކޮށްފައިވާ މައުލޫމާތުތަކުން، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ތެރެއިން 92 އިންސައްތަ މީހުންނަށް، އެކަމުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހޭކަން އެނގެއެވެ. ނަމަވެސް ހިތުގެ ބަލިތަކާ ހުރި ގުޅުން އެނގެނީ 85 އިންސައްތަ މީހުންނަށެވެ. އަދި ހާޓް އެޓޭކާ ހުރި ގުޅުން 80 އިންސައްތަ މީހުންނަށް އެނގޭއިރު، ސްޓްރޯކް ޖެހުމަށް މަގުފަހިވާކަން އެނގެނީ އެންމެ 66 އިންސައްތަ އާއި 75 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުންނަށެވެ.
އެހެން މީހުން ބޯ ސިނގިރޭޓުގެ ދުމުން ނުވަތަ ސެކަންޑްހޭންޑް ސްމޯކްގެ ސަބަބުން ލިބޭ ގެއްލުންތަކާ މެދު އޮތް ހޭލުންތެރިކަން މިއަށްވުރެ ވެސް ކުޑަކަން ދިރާސާއިން ދައްކައެވެ. ސެކަންޑްހޭންޑް ސްމޯކްގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހޭކަން 77 އިންސައްތަ އާއި 82 އިންސައްތައާ ދެމެދުގެ މީހުންނަށް އެނގުނު ނަމަވެސް، އޭގެ ސަބަބުން ހިތުގެ ބަލިތަކާއި ހާޓް އެޓޭކް ޖެހުމަށް މަގުފަހިވާކަން އެނގެނީ އެންމެ 62 އިންސައްތަ އާއި 73 އިންސައްތައާ ދެމެދުގެ މީހުންނަށެވެ. މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި މިކަމާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެފައިވަނީ އަހަރަކު އެންމެ 0.14 އިންސައްތައިގެ މިންވަރަކުން ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެއެވެ.
މި މައުލޫމާތު ނޭނގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ސިއްހީ މާހިރުން ދެކެއެވެ. ދިރާސާތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރު މުޅި ދުނިޔެއިން ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހިގެން 2.6 މިލިއަން މީހުން މަރުވެފައިވެއެވެ. މިއީ ފުއްޕާމެޔާއި ނޭވާލާ ނިޒާމުގެ ކެންސަރު ޖެހިގެން އެ އަހަރު މަރުވި 1.3 މިލިއަން މީހުންނާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. ސިނގިރޭޓުގެ އެންމެ ބޮޑު ނުރައްކަލަކީ ފުއްޕާމޭގެ ކެންސަރު ކަމަށް ހީކުރާ މީހަކަށް، އޭގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ގެއްލުން އޮންނަނީ ނޭނގިއެވެ. ނުރައްކާތައް ފުރިހަމަޔަށް އެނގުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މީހާއަށް ލިބޭނެ އިތުރު ހިތްވަރެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވަނީ ސިނގިރޭޓުގެ ދުމުގައި އެތައް ހާސް ކެމިކަލެއް އެކުލެވޭތީ ---ދުންފަތުގެ އިސްތިއުމާލުކުރުމުން ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވަނީ ސިނގިރޭޓުގެ ދުމުގައި އެތައް ހާސް ކެމިކަލެއް އެކުލެވޭތީއެވެ. މި ކެމިކަލްތަކުގެ ސަބަބުން ލޭހޮޅިތަކުގެ އެތެރޭގެ ފަށަލައަށް ގެއްލުންދީ، ލޭހޮޅިތައް ދުޅަވުމަށް މަގުފަހިކުރުވައެވެ. އަދި ލޭހޮޅިތަކުގެ އެތެރޭގައި ޕްލޭކް ނުވަތަ ސަރުބީ ޖަމާވުމަށް މި ވިހަ މާއްދާތައް އެހީތެރިވެދެއެވެ. މީގެ އިތުރުން، ދުންފަތުގެ ސަބަބުން ލޭ ގަނޑުވުމުގެ ފުރުސަތު ބޮޑުވެއެވެ. ހާޓް އެޓޭކެއް އާންމުގޮތެއްގައި ޖެހެނީ ހިތަށް ލޭ ފޯރުކޮށްދޭ ނާރެއްގައި ލޭ ގަނޑުވެ، ލޭ ދައުރުވުން ބަންދުވުމުންނެވެ. ހަމައެފަދައިން، ސިކުނޑީގެ ބަޔަކަށް ލޭ ފޯރުކޮށްދިނުން ބަންދުވުމުން ސްޓްރޯކް ޖެހުމަށް މެދުވެރިވެއެވެ.
މީގެ އިތުރުން ވެސް ހިތާއި ލޭހޮޅިތަކަށް ދުންފަތުގެ ސަބަބުން އެހެނިހެން އަސަރުތައް ކުރެއެވެ. ސިނގިރޭޓުގައި އެކުލެވޭ ނިކޮޓިންގެ ސަބަބުން ހިތް ހިނގާ މިންވަރާއި ލޭގެ ޕްރެޝަރު މައްޗަށް ދެއެވެ. އަދި ސިނގިރޭޓު އެންދުމުން އުފެދޭ ކާބަން މޮނޮކްސައިޑްގެ ސަބަބުން، ލޭގައި އޮކްސިޖަން އުފުލައިދޭ މިންވަރު ދަށްކޮށްލައެވެ. ދިގު މުއްދަތަކަށް ބަލާއިރު، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ލޭހޮޅިތައް ހިމަވެ، ހަރުވުމަށް މެދުވެރިވެ، ހިތުގެ ބަލިތައް އަވަސްކުރުވައެވެ. މި ނުރައްކާތައް ކުރިމަތިވަނީ ހަމައެކަނި އެތައް ދަހަރެއް ވަންދެން ގިނަ އަދަދަކަށް ސިނގިރޭޓު ބޯ މީހުންނަކަށް ނޫނެވެ. މަދު މިންވަރަކަށް ސިނގިރޭޓު ބުއިމަކީ ވެސް ހިތާއި ލޭހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ނުރައްކާ ބޮޑުވާ ކަމެކެވެ.
އަމިއްލައަށް ސިނގިރޭޓު ނުބޯ މީހުންނަށް، އެހެން މީހުން ބޯ ސިނގިރޭޓުގެ ދުމުން ކުރާ އަސަރުތަކަކީ ވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ސެކަންޑްހޭންޑް ސްމޯކްގެ އަސަރު ފޯރާ މީހުންގެ ހަށިގަނޑަށް ވެސް، ސިނގިރޭޓު ބޯ މީހާގެ ހަށިގަނޑަށް އެތެރެވާ ފަދަ ވިހަ ކެމިކަލްތައް އެތެރެވެއެވެ. މި ކެމިކަލްތަކުގެ ސަބަބުން ލޭހޮޅިތަކަށް އެފަދަ ގެއްލުންތައް ލިބި، ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވެއެވެ. ދިރާސާގައި ލަފާކޮށްފައިވާ ގޮތުން، 2021 ވަނަ އަހަރު މުޅި ދުނިޔެއިން ސިނގިރޭޓު ނުބޯ 1.3 މިލިއަން މީހުން، ސެކަންޑްހޭންޑް ސްމޯކްގެ ސަބަބުން މަރުވެފައިވެއެވެ. އެހެންނަމަވެސް، އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މި ނުރައްކަލާ މެދު އެނގޭ މީހުންގެ ނިސްބަތް އުޅެނީ ދެބައިކުޅަ އެއްބަޔަށް ވުރެ ދަށްކޮށެވެ.
ފުއްޕާމޭގެ ކެންސަރާއި ދުންފަތާ ހުރި ގުޅުން މާ ބޮޑަށް އާންމުންނަށް އެނގިފައިވަނީ ފާއިތުވި އެތައް ދަހަރެއް ވަންދެން އާންމު ސިއްހަތާ ގުޅޭ ކެމްޕޭންތަކުންނެވެ. ސިނގިރޭޓު ފޮށިތަކުގައި ޖަހާ އިންޒާރުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ފުއްޕާމޭގެ ކެންސަރުގެ ވާހަކަ ގިނައިން ހިމަނާފައިވުމުން، އެކަން ވަނީ އާންމުންގެ ސިކުނޑިތަކުގައި ހަރުލާފައެވެ. ނަމަވެސް ހިތާއި ލޭހޮޅިތަކަށް ލިބޭ ގެއްލުންތަކަށް އެ މިންވަރުގެ ސަމާލުކަމެއް ދެވިފައެއް ނުވެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމަކީ ހައްލެއްތޯ އުފެދޭ ސުވާލަށް ސިއްހީ މާހިރުން ދެއްވަނީ ވަރަށް ސާފު ޖަވާބެކެވެ. ސިނގިރޭޓު ބޯ މިންވަރު މަދުކުރުމަކީ އެކަން ހުއްޓާލުމެއް ނޫނެވެ. ދުވާލަކު މަދު ސިނގިރޭޓެއް ބޯ މީހަކަށް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވާނެ ކަމަށް ހީކުރުމަކީ ކުށްހީއެކެވެ. މަދު މިންވަރަކަށް ބުއި ނަމަވެސް، ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވެއެވެ. އެހެންކަމުން އަމާޒަކަށް ވާންޖެހެނީ އެއްކޮށް ހުއްޓާލުމެވެ. އުފާވެރި ހަބަރަކީ، ސިނގިރޭޓު ބުއިން ހުއްޓާލުމާއެކު ވަރަށް އަވަހަށް އޭގެ ފައިދާ ހަށިގަނޑަށް ކުރަން ފަށާ ކަމެވެ. ހިތް ހިނގާ މިންވަރާއި ލޭގެ ޕްރެޝަރު ރަނގަޅުވެ، ލޭގައި ހުންނަ ކާބަން މޮނޮކްސައިޑްގެ މިންވަރު ދަށްވެއެވެ. އަދި ވަގުތު ފާއިތުވަމުންދާ ވަރަކަށް ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަވެގެންދެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭނެ ގިނަ ފަރުވާތަކެއް މިހާރު ލިބެން ހުރެއެވެ. އޭގެ ތެރޭގައި ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ އާއި ޑޮކްޓަރުން ލިޔެދޭ ބޭސްތައް ހިމެނެއެވެ. އެއްކޮށް ހުއްޓާލެވެންދެން، އެހެން މީހުންނަށް ސެކަންޑްހޭންޑް ސްމޯކްގެ އަސަރު ނުކުރާނެ ގޮތަށް އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ގޭތެރޭގައި ނުވަތަ ކާރު ތެރޭގައި ސިނގިރޭޓު ބުއިމަކީ، ކުޑަދޮރު ހުޅުވާފައި ހުރި ނަމަވެސް ރައްކާތެރި ކަމެއް ނޫނެވެ. ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ހިތުގެ ބަލިތައް ހުންނަ މީހުންނާ ދުރުގައި ސިނގިރޭޓު ބުއިމަށް ސަމާލުކަން ދޭންޖެހެއެވެ. ސިނގިރޭޓު ބުއިމަކީ ހަމައެކަނި ފުއްޕާމެޔަށް އޮތް ނުރައްކަލެއް ނޫންކަމާއި، މުޅި ހަށިގަނޑުގެ ލޭހޮޅިތަކަށް ގެއްލުންދީ ހާޓް އެޓޭކާއި ސްޓްރޯކަށް މަގުފަހިކުރުވާ ކަމެއްކަން ދެނެގަތުމަކީ، އަމިއްލަ ސިއްހަތާއި އާއިލާގެ ސިއްހަތަށްޓަކައި މި އާދަ ދޫކޮށްލުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.