އައިފޯނުގައި ސްކްރީން ޕްރޮޓެކްޓަރު އަޅުވާތީ އެޕަލްގެ އާ ހާޑްވެއާ ވެރިޔާ ހިތްހަމަނުޖެހިއްޖެ

އެަޕަލްއިން ބުނަނީ އައިފޯންގައި އިތުރު ޕްރޮޓެކްޓަރެއް އަޅުވަން ނުޖެހޭނެކަމަށް ---

އައިފޯނު ބޭނުންކުރާ ފަރާތްތަކުން އޭގެ ސުކްރީން ރައްކާތެރިކުރުމަށްޓަކައި ސުކްރީން ޕްރޮޓެކްޓަރު އަޅުވާފައި ހުންނަތަން ފެނުމުން ވަރަށް ބޮޑަށް އުނދަގޫވާ ކަމަށް އެޕަލް ކުންފުނީގެ އާ ހާޑްވެއާ އިންޖިނިއަރިން ވައިސް ޕްރެޒިޑެންޓް ޓޮމް މަރީބް ބުނެފިއެވެ.

ޓެކްރޭޑާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެޕަލްއިން ވަރަށް ބޮޑު މަސައްކަތެއް ކޮށްގެން ރީތި ފްރަންޓް ސުކްރީނެއް އުފައްދާފައި ވަނިކޮށް، އޭގެ މަތީގައި ސުކްރީން ޕްރޮޓެކްޓަރެއް އަޅުވާފައި ހުންނަތަން ފެނުމުން "ގައިން ހީބިހިނަގައިގެންދާ" ކަހަލަ އިޙްސާސެއް ކުރެވޭ ކަމަށެވެ.

ޓޮމް މަރީބްގެ މި ވާހަކަތަކުން ހާމަވަނީ އެޕަލްގެ އެންމެ ފަހުގެ ޑިސްޕްލޭ މެޓީރިއަލް ކަމަށްވާ "ސެރާމިކް ޝީލްޑް 2" އާމެދު އެ ކުންފުންޏަށް އޮތް ބޮޑު އިޢުތިބާރެވެ.

އެޕަލްއިން މި މެޓީރިއަލް އެންމެ ފުރަތަމަ ތަޢާރަފްކުރީ އައިފޯން 17 ލައިނަޕާއެކުގައެވެ. އަދި އަލަށް ނެރުނު އައިފޯން 18 ޕްރޯގެ އިތުރުން އެޕަލްގެ ފުރަތަމަ ފަށްޖެހޭ ފޯނު ކަމަށްވާ "އައިފޯން ޑުއޯ" ގެ ބޭރު ސުކްރީނުގައިވެސް ބޭނުންކޮށްފައިވަނީ މި މެޓީރިއަލްއެވެ.

ބައެއް ފަރާތްތަކުން ސްކްރީން ޕްރޮޓެކްޓަރު އަޅުވަނީ ހަމައެކަނި ކޫރުއެޅުނަ ނުދޭކަށްނޫން ----

މަރީބް ބުނި ގޮތުގައި އެޕަލްއިން ސެރާމިކް ޝީލްޑް 2 އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ އާންމުކޮށް ފޯނު ބޭނުންކުރުމުގެ ތެރޭގައި ސްކްރީނުގައި ކޫރުއެޅޭ (ސްކްރެޗްވާ) މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ. ނަމަވެސް އެއީ ހަމައެކަނި ސްކްރެޗް ރެސިސްޓެންސް ނުވަތަ ކޫރުނޭޅޭ ގޮތް ހެދުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ފޯނު ބޭނުންކުރާތާ ގިނަ ދުވަސްވީ ނަމަވެސް ސްކްރީނުގެ ވަރުގަދަކަން ހިފެހެއްޓޭނެ ގޮތް ހެދުމަކީވެސް އެޕަލްގެ އަމާޒެކެވެ. މިއީ އާންމުކޮށް މެޓީރިއަލްތަކުގައި އެއް ކަމެއް ވަރުގަދަކުރަން އުޅުމުން އަނެއްކަމަށް ބުރޫއަރާ ދެ ސިފައެކެވެ.

އެޕަލްއިން ބުނާ ގޮތުގައި ސެރާމިކް ޝީލްޑް 2 އަކީ ކުރީގެ ޖެނެރޭޝަނާ އަޅާބަލާއިރު ކޫރުއެޅުމާ ދެކޮޅަށް ތިންގުނަ އިތުރަށް ވަރުގަދަ މެޓީރިއަލްއެކެވެ. އެހެންކަމުން، އެޕަލްގެ ޑިސްޕްލޭ ޓެކްނޮލޮޖީގެ ވަރުގަދަކަމުގެ ސަބަބުން، އިތުރު ފަށަލައަކުން ސުކްރީން ނިވާނުކޮށް، އައިފޯނުގެ އަސްލު ބޭރު ގްލާސްގެ ރީތިކަން ބޭނުންކުރާމީހުންނަށް ތަޖުރިބާކުރެވެންޖެހޭނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

ނަމަވެސް އެޕަލްގެ މި ވާހަކަތަކާ އާންމުންގެ އެންމެން އެއްބަހެއް ނުވެއެވެ. އިންޓަނެޓުގައި އާންމުން ފާޅުކުރަމުންދާ ޚިޔާލުތަކަށް ބަލާއިރު، މައްސަލައަކީ ސެރާމިކް ޝީލްޑް 2 ގެ ވަރުގަދަކަމާމެދު ޝައްކުއުފެދުމެއް ނޫނެވެ. އައިފޯނު ބޭނުންކުރާ ގިނަ މީހުން ސްކްރީން ޕްރޮޓެކްޓަރު އަޅުވަނީ ހަމައެކަނި ކޫރުއެޅުނަ ނުދިނުމަކަށް ނޫނެވެ. ވޮރަންޓީގެ މުއްދަތު ހަމަވުމަށްފަހު ސުކްރީނެއް މަރާމާތުކުރަން ސަތޭކައިން ޑޮލަރު ހޭދަވާތީ، އަގުހެޔޮ ސްކްރީން ޕްރޮޓެކްޓަރެއް ބޭނުންކުރުމަކީ ސްކްރީން ހަލާކުވުމުން ރައްކާތެރިވުމަށް ކުރެވޭ އިންޝުއަރެންސެއްގެ ގޮތުގައި ދެކިގެންނެވެ.

އޭގެ އިތުރުން، ބައެއް މީހުން ސްކްރީން ޕްރޮޓެކްޓަރު ބޭނުންކުރަނީ ސުކްރީން ރައްކާތެރިކުރުމުގެ ބޭރުން، ކައިރީގައި ތިބޭ މީހުންނަށް ސުކްރީން ނުފެންނާނެ ގޮތް ހެދުމަށް (ޕްރައިވެސީ ފިލްޓަރު) ނުވަތަ އަލި އެޅުން ކުޑަކުރުމަށް (ގްލޭއާ ރެޑިއުސްކުރުމަށް) ކަމަށްވާތީ، ސެރާމިކް ޝީލްޑް ކިތަންމެ ވަރުގަދަޔަސް އެފަދަ ބޭނުންތައް ފުއްދައެއް ނުދެވޭނެއެވެ.

ގިނަ ދުވަހަށް ދެމިހުންނަ ގޮތަށް ވަރުގަދަކޮށް ތަކެތި އުފެއްދުމުގެ މި ވިސްނުން އެޕަލްގެ އާ ފޯލްޑަބަލް ފޯނު ކަމަށްވާ އައިފޯން ޑުއޯއިންވެސް ފެނިގެންދެއެވެ. ފޯލްޑަބަލް ފޯނަކަށްވުމުން، އާދައިގެ ފްލެޓް ފޯނުތަކުގައި ނުހުންނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ކަމުގައިވިޔަސް، އެޕަލްއިން ވަނީ އެ ފޯނުގެ އެތެރޭގެ ޑިސްޕްލޭއާއި ހިންޖު (ގުޅުވާފައިވާ ބައި) ޚާއްޞަ ގޮތަކަށް ފަރުމާކޮށްފައެވެ.

މަރީބް ބުނި ގޮތުގައި ފޯނު ހުޅުވާފައި ހުންނައިރު، ލައްޕާފައި ހުންނައިރު އަދި އެކި މިންވަރަށް ނިއުޅުވާފައި ހުންނައިރުވެސް ހިންޖު ވަރުގަދަކޮށް ހިފެހެއްޓިފައި ހުންނާނެ ގޮތް ހެދުމަށް އެޕަލްއިން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެޕަލްގެ އަމާޒަކީ އެ ބައި ދޫކޮށް ނުވަތަ ތުނިކޮށް ހުރުމުގެ ބަދަލުގައި، އަގުބޮޑު ކާރެއްގެ ދޮރު ލައްޕާލާއިރު ހުންނަ ފަދަ ވަރުގަދަ އިޙްސާސެއް ލިބޭ ގޮތަށް ހިންޖު ފަރުމާކުރުމެވެ. މިއީ ވަރަށް ގިނަ ބުރަ މަސައްކަތުން ހާސިލުކުރެވުނު ކަމެއްކަމަށް އޭނާ ފާހަގަކުރިއެވެ.

އައިފޯން ޑުއޯގެ އެތެރޭގެ ސްކްރީނުގައި ބޭނުންކޮށްފައިވަނީ މެޓް ފިނިޝިންއެކެވެ. މީގެ ބޭނުމަކީ ފޯނު އެކި ގޮތްގޮތަށް ފަށްޖަހާއިރު ސްކްރީނަށް އަންނަ ބަދަލުތައް، އާދައިގެ ގްލޮސީ ޑިސްޕްލޭއަކަށްވުރެ ކުޑަކޮށް ފެންނާނެ ގޮތް ހެދުމެވެ. އަދި ދުވަސްވީ ވަރަކަށް މި ދަޢުވާގެ ތެދުކަން ސާބިތުވާނެ ކަމަށާއި، އެކަމުގައި އެޕަލް ޖަވާބުދާރީކުރުވުމަށް މަރީބް ވަނީ އެދިފައެވެ.

ސެރާމިކް ޝީލްޑް 2 އާއި އައިފޯން ޑުއޯގެ ހިންޖުގެ ފަރުމާއަކީ އެޕަލްއިން ތަކެތީގެ ވަރުގަދަކަމަށް ދޭ ސަމާލުކަން ހާމަކޮށްދޭ ދެ ކަމެކެވެ. އެއީ އާދައިގެ އައިފޯނުތަކުގެ ސުކްރީނުގައި ކޫރުއެޅުން ކުޑަކުރުމާއި، ފޯލްޑަބަލް ޑިޒައިނަށް ޚާއްޞަ މެކޭނިކަލް އަދި ޑިސްޕްލޭ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމެވެ.

comment ކޮމެންޓް