ރިޔާޒަށާއި ސައުދީގެ ތެޔޮ މަރުކަޒުތަކަށް ދިން މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ޒިންމާ ހޫޘީން ނަގައިފި

19 ސެޕްޓެމްބަރު 2026: ސައުދީގެ ވެރިރަށް ރިޔާދަށް ހޫޘީން ދިން ހަމަލަ --

ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ ތާއީދު އޮންނަ ހޫޘީ ހަނގުރާމަވެރިން، ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށާއި ރަތްކަނޑުގެ އައްސޭރިފަށުގައި ހުރި ހަކަތަ އުފައްދާ މަރުކަޒުތަކަށް ޑްރޯނާއި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ދިން ވަރުގަދަ ހަމަލާތަކުގެ ޒިންމާ ރަސްމީކޮށް ނަގައިފިއެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ އަލް-ސަރީޢު އޮންލައިންކޮށް އާންމުކުރި ބަޔާނެއްގައި ވިދާޅުވީ، ރިޔާޒުގެ ނާޒުކު ސަރަޙައްދުތަކަށާއި، ޔަންބޫގައި ހުންނަ ސައުދީ އަރަމްކޯ ކުންފުނީގެ ތެލާއި ގޭސް މަރުކަޒުތަކަށް ހަމަލާދީފައިވަނީ ގިނަ އަދަދެއްގެ ކްރޫޒް މިސައިލާއި، ބެލިސްޓިކް މިސައިލް އަދި ޑްރޯން ބޭނުންކޮށްގެން ކަމަށެވެ. އަދި މި ހަމަލާތަކަކީ ވޭތުވެދިޔަ ހަފުތާގައި ސައުދީން ޔަމަނުގެ އެކި ސަރަޙައްދުތަކަށް ދިން 300 އެއްހާ ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ވެސް އޭނާ ބަޔާންކުރެއްވިއެވެ.

ބީބީސީގައިވާ ގޮތުން، ސައުދީ އަސްކަރިއްޔާއިން ވަނީ ހޮނިހިރު ދުވަހު ރިޔާޒުށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ދިފާޢުކޮށް ވައިގެ ތެރޭގައި ނައްތާލާފައެވެ. އަދި ރިޔާޒުގެ އިތުރުން ބީޝް، ތާއިފް، ފަރަސާން އަދި ޔަންބޫއަށް އާންމުންނަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާތައް ވެސް ވައިގެ ދިފާޢީ ނިޒާމުން ވަނީ ހުއްޓުވާފައެވެ. ނަމަވެސް، ރިޔާޒުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި ހުރި ތެޔޮ ރައްކާކުރާ ތާންގީތަކަކުން ކަޅު ދުން އަރަމުންދިޔަ މަންޒަރު ފެނިފައިވާއިރު، އެއާޕޯޓުގެ ވައިގެ ދަތުރުފަތުރަށް ވަނީ ވަގުތީ ގޮތުން ބުރޫއަރައި، ފްލައިޓްތައް ލަސްވެ އަދި ބައެއް ފްލައިޓްތައް ކެންސަލް ވެސް ވެފައެވެ.

ހަމަލާތަކާ ގުޅިގެން ސަޢޫދީގެ ސިވިލް ޑިފެންސުން ރައްޔިތުންނަށް ފޯނު މެދުވެރިކޮށް އިންޒާރުގެ މެސެޖުތައް ފޮނުވާފައިވާއިރު، ޖުލައި މަހުގެ ފަހުން ފުރަތަމަ ފަހަރަށް ވެރިރަށުގައި ވަނީ ވައިގެ ހަމަލާތަކުގެ އިންޒާރުގެ ރަނގަބީލު އަޅުވާފައެވެ.

މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މެދުއިރުމައްޗަށް ދަތުރުކުރާ އެމެރިކާ ރައްޔިތުން ސަމާލުވެ ތިބުމަށާއި، ދަތުރުފަތުރުގެ ޕްލޭންތަކަށް ބަދަލު އަތުވެދާނެ ކަމަށް ތައްޔާރުވުމަށް އަންގާފައެވެ. އަދި މި އަސްކަރީ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެ ފުޅާވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް އެމެރިކާއިން ވަނީ ދީފައެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ ވަރުގަދަވެފައިވާއިރު، އޭއެފްޕީގެ ރިޕޯޓްތައް ބުނާ ގޮތުގައި ހޮނިހިރު ދުވަހު ހިނގި ކުރިމަތިލުންތަކުގައި 48 މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހޫޘީންގެ 31 މީހުންނާއި ސަރުކާރު ސިފައިންގެ 17 މީހުން ހިމެނެއެވެ. އދ. ގެ އައިއޯއެމްއިން ހާމަކޮށްފައިވާ ގޮތުގައި ފަހަކަށް އައިސް ހިނގަމުންދާ ހަމަނުޖެހުންތަކުގައި 104،796 އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވެސް ވަނީ އުފެދިފައެވެ.

comment ކޮމެންޓް