އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫގެ ދަށުން، އެ މަގުގެ ސެގްމެންޓް އެކެއްގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އަމީނީ މަގު މަރާމަތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހެވެ.
މި މަޝްރޫގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަމީނީ މަގު މަރާމާތު ކުރުމުގެ ސެގްމަންޓު އެކެއްގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށެވެ.
އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއިން ފަށައިފި --- ފޮޓޯ: އެމްޓީސީސީއެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމަށްފަހު ދެން ކުރިއަށް ދާނީ ދެވަނަ ސެގްމަންޓް ހިމެނޭ، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދުގެ މަސައްކަތެވެ. އަދި މި މަސައްކަތްތައް އަންނަ ނޮވެންބަރު މަހުގެ ތެރޭ ނިންމާލުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއިން ފަށައިފި --- ފޮޓޯ: އެމްޓީސީސީއަމީނީ މަގު އަލުން ހަދަން ފެށީ، ހާބަރު ފުޑްކޯޓު ސަރަހައްދުގައި "މުލިހި" ތަކެއްހެން ތާރުގަނޑު އުފުލިފައިވުމުގެ ސަބަބުން، އެ މަގުން ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާތައް އިތުރުވެފައި ވަނިކޮށެވެ.