ނޭޝަނަލް ސާވިސް ނުވަތަ ދިވެހި ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ އަސާސީ ތަމްރީނު ނިންމައި ޖުމްލަ 341 ދަރިވަރަކު މިއަދު ދަސްވެނިވެއްޖެއެވެ.
އެމްއެންޑީއެފް ޅ. މާފިލާފުށީ ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެންދިޔަ ދަސްވެނިވުމުގެ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.
ވަތަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ދަރިވަރުން އަސާސީ ތަމްރީނަށް ޅ. މާފިލާފުށްޓަށް ގެންދިޔައީ ނިމުނު މެއިމަހުގެ 17 ވަނަ ދުވަހުގައެވެ. ޖުމްލަ 15 ހަފުތާއަށް ކުރިއަށްގެންދިޔަ އެ ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 112 ރަށަކަށް ނިސްބަތްވާ ޖުމްލަ 352 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ނަމަވެސް ތަމްރީނުތައް ފުރިހަމަކޮށް ދަސްވެނިވެފައިވަނީ އޭގެތެރެއިން 341 ދަރިވަރުންނެެވެ. އޭގެތެރޭގައި ހިމެނެނީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެެވެ.
ނެޝަނަލް ސާވިސްގެ ތިންވަނަ ބެޗު ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޕީއެސްއެމް ނިއުސް މި ތަމްރީނު ފުރިހަމަކުރުމުން ދަރިވަރުންނަށް ޓްރެއިނިން ފުރިހަމަކުރުމުގެ ސެޓްފިކެޓަކާއި ސިވިލް އެޑިއުކޭޝަން އެންޑް ލީޑާޝިޕްގެ ސެޓްފިކެޓް ތިނެއްގެ ސެޓްފިކެޓަކާއި ކޮމިއުނިޓީ ވޮލެންޓިއާ، ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓެއިޑް ސެޓްފިކެޓެއްގެ އިތުރުން ޕިއާ އެޑިއުކޭޝަން ޓްރެއިނިން ފުރިހަމަކުރުމުގެ ސެޓްފިކެޓެއް ލިބެއެވެ.
ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ ފަރިތަކުރުންތަކުގައި 350 ދަރިވަރުން ބައިވެރިވިއިރު އޭގެ ތެރެއިން 346 ދަރިވަރުން ވަނީ މިދިޔަ ޑިސެންބަރު މަހު ދަސްވެނިވެފައެވެ. ދެވަނަ ބެޗުގެ ދަރިވަރުންގެ ތެރެއިން 344 ދަރިވަރަކު ވަނީ މިދިޔަ މެއި މަހު ދަސްވެނިވެފައެވެ.
ރާއްޖޭގެ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.