ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކުން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޕާކިސްތާނުގެ އެކްޓަރު އަލީ ޒަފަރު، އޭނާއާ އެކު މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފްގެ ދިފާއުގައި ވަކާލާތުކޮށް، އާންމުންގެ ސަމާލުކަން ހޯދައިފިއެވެ.
ދެ ގައުމުގެ ދެމެދުގައި އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އަމިއްލަ ގައުމަށް އެނބުރި ދާންޖެހުމުގެ ކުރިން، އަލީ ޒަފަރަކީ ބޮލީވުޑްގެ ފާހަގަކޮށްލެވޭ ފިލްމުތަކެއްގައި މުހިންމު ރޯލުތަކެއް ކުޅެފައިވާ ހުނަރުވެރި ތަރިއެކެވެ. އޭގެތެރޭގައި ކެޓްރީނާއާ އެކު މަސައްކަތްކުރި ފިލްމު "މޭރޭ ބްރަދަ ކީ ދުލްހަން" ހިމެނޭއިރު، މި ފިލްމުގެ މަސައްކަތަށްފަހު ދެ ތަރިންގެ މެދުގައި ވަނީ ގާތް އެކުވެރިކަމެއް އުފެދިފައެވެ.
ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ، އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކުރުމަށްފަހު ވިހެއުމާ ހަމައަށްވެސް އާއްމުންގެ ތެރެއަށް ނުކުމެފައެއް ނުވެއެވެ. އެހެންކަމުން ބަތަލާގެ އެންމެ ފެނިލުމަކަށްވެސް އޭނާގެ ސަޕޯޓަރުން ދިޔައީ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ.
ނަމަވެސް، ދާދިފަހުން އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ބޭއްވި ހަފުލާއަކުން ފިލްމު އިންޑަސްޓްރީގެ ގިނަ ތަރިންތަކަކާއެކު ކެޓްރީނާ އާއި އޭނާގެ ފިރިމީހާ ވިކީ ކޯޝަލް ވަނީ ފެނިފައެވެ. މި ހަފުލާއަށްފަހު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ވިހެއުމަށްފަހު ކެޓްރީނާގެ ހަށިގަނޑަށާއި ސިފައަށް އައިސްފައިވާ ބަދަލުތަކަށް އިޝާރާތްކޮށް، ކުރިން ފެނުނު ހިތްގައިމުކަން ގެއްލިފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ވިކީ އަށްވުރެ ކެޓްރީނާ އުމުރުން އެތައް އަހަރެއް ދޮށިކަމަށް ދައްކާ ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
ކެޓްރީނާ ފިރިމީހާ، އެކްޓަރު ވިކީ ކޯޝަލްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާކެޓްރީނާއަށް އަމާޒުވަމުންދިޔަ މަލާމާތާއި ފާޑުކިޔުންތަކާ ގުޅިގެން އަލީ ޒަފަރު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް، ވަރަށް ތަހުޒީބީ އަދި ސާފު އިބާރާތުން އޭނާގެ އެކުވެރިޔާގެ ދިފާއުގައި އަޑުއުފުލާފައެވެ.
އަލީ ޒަފަރު ފާހަގަކުރި ގޮތުގައި، އަންހެނުންގެ ހަށިގަނޑުގެ ސިފައަށް ބަލައި ފާޑުކިޔުމުގެ ނުބައި އާދައަކީ މިހާރު ހުއްޓާލަންޖެހޭ ކަމެކެވެ. ކޮންމެ އިންސާނަކުވެސް އެ މީހެއްގެ ދިރިއުޅުމުގައި ތަފާތު މަރުހަލާތައް ކަޑައްތުކުރާނެ ކަމަށާއި، އެއްވެސް އަސާސެއް ނެތި މީހުންނާމެދު ގޮތް ނިންމައި ބުލީކުރުމަކީ ނިކަން ނާތަހުޒީބު ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ކުއްޖަކު ވިހެއުމަށްފަހު އަންހެނެއްގެ ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ގުދުރަތީ އަދި އިހުތިރާމް ހައްގު ބަދަލުތަކެއް ކަމަށާއި، އެފަދަ ކަންކަމަށް ފާޑުކިޔުމުގެ ބަދަލުގައި، އެ އުނދަގޫ މަރުހަލާގައި އެމީހުން ކުރާ ހިތްވަރަށް ސާބަސް ދޭންޖެހޭނެ ކަމަށް އަލީ ޒަފަރު ލިޔެފައިވެއެވެ.
އަލީ ޒަފަރުގެ މި އޯގާތެރި އަދި މާނަފުން މެސެޖަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ. މި މެސެޖާއެކު، އިންޓަނެޓްގެ މަންސަތަކުގައި މީހުންގެ ސިފައަށް ބަލައި ކުރާ ބުލީކުރުންތަކާ ދެކޮޅަށް އަޑުއުފުލައި، ހޭލުންތެރިކަން އިތުރުކުރުމަށް ވަކާލާތުކުރާ މީހުންގެ އަދަދުވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ކެޓްރީނާ ކައިފް އާއި އެކްޓަރު ވިކީ ކޯޝަލް ކައިވެނިކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ދެ ތަރިންގެ ކައިވެންޏަށްފަހު އުފާވެރި އާއިލީ ދިރިއުޅުމެއް އުޅެމުންދާއިރު، ދެ މީހުންނަކީވެސް ފިލްމީ ކެރިއަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާ ދެ ތަރިންނެވެ. "ނަމަސްތޭ ލަންޑަން"، "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އަދި "ޓައިގާ" ފްރެންޗައިޒް ފަދަ މަގުބޫލު ފިލްމުތަކުން ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްފައިވާ ކެޓްރީނާއަކީ އަދިވެސް ހިންދީ ސިނަމާގެ އެންމެ އަގުބޮޑު އެއް ބަތަލާއެވެ.