ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް، ރާއްޖޭގައި ހިންގާ ބޭރުގެ ތިން ބޭންކެއްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވައިފިއެވެ.
ބަންގްލަދޭޝް ހައިކޮމިޝަނުން ބުނި ގޮތުގައި މި މަޝްވަރާތަކަކީ ރާއްޖޭގައި މަސައްކަތްކުރާ އެ ގައުމުގެ ރައްޔިތުންނަށް ފަސޭހައިން އަދި ރައްކާތެރިކަމާއެކު ފައިސާ ފޮނުވޭނެ ރަސްމީ ނިޒާމެއް ގާއިމުކުރުމަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކެކެވެ.
ރާއްޖޭގައި ގާތްގަނޑަކަށް ލައްކައަކަށް ވުރެން ގިނަ ބަންގްލަދޭޝް މަސައްކަތު މީހުން އުޅެއެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އެކިއެކި މަސައްކަތް ކުރާ މީހުން ވެސް ހިމެނެއެވެ.
ހައި ކޮމިޝަނަރު މި މަޝްވަރާތައް ކުރިއަށް ގެންދެވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، ސްރީލަންކާގެ ބޭންކް އޮފް ސިލޯން އަދި ޕާކިސްތާނުގެ ހަބީބް ބޭންކުގެ އިސްވެރިންނާއެކުގައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ރާއްޖޭގައި މިހާރު އޮތް ބޭރު ފައިސާގެ ތާށިކަމާއި، ފައިސާ ފޮނުވުމުގެ ނިޒާމުތަކާއި، ބޭންކިން ޗެނަލްތަކުގެ އިތުރުން އެހެން ގައުމުތަކުގެ މަސައްކަތްތެރިންނަށް ފައިސާ ފޮނުވުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް ކަމަށް ބަންގްލަދޭޝް އެމްބަސީއިން ބުނެއެވެ.
ބާޒާރުމަތީ ސަރަހައްދުގައި މީހަކު އެއްޗެހި އުފުލަނީ -- ސަން ފޮޓޯ/ ހުސައިން އާއިޝް އަޝްރަފްވޯލްޑް ބޭންކުންވެސް ރާއްޖޭގައި ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިކަން އުޅޭކަން ފާހަގަކޮށްފައިވާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދަނީ ކޮމާޝަލް ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެސްބީއައިގެ މެނޭޖްމަންޓުން ހައިކޮމިޝަނަރާ ހިއްސާކުރި މައުލޫމާތަށް ބިނާކޮށް ހައިކޮމިޝަނުން ބުނީ، އިންޑިއާ މީހުންނަށް ކުރިން 700 ޑޮލަރާ ހަމައަށް ފައިސާ ފޮނުވުމުގެ ފުރުސަތު އޮތް ނަމަވެސް، ޑޮލަރު ލިބުމުގެ ދަތިކަމާ ހުރެ އެ އަދަދު މަޑުމަޑުން ދަށްކުރަމުން ގޮސް މިހާރު ފޮނުވެނީ ގާތްގަނޑަކަށް 150 ޑޮލަރު ކަމަށެވެ. ހަމައެހެންމެ، ހަބީބް ބޭންކުން ފާހަގަކުރި ގޮތުގައި ޕާކިސްތާނު މީހުންނަށް ކުރިން 1،000 ޑޮލަރު ފޮނުވުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ 300 ޑޮލަރަށް ދަށްކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރަށް ކުޑަކުރުން އެކަށީގެންވާ ކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ. ބޭންކް އޮފް ސިލޯނާ ހަވާލާދީ ހައި ކޮމިޝަނުން ބުނި ގޮތުގައި، ޑޮލަރުގެ ތާށިކަމާ ހުރެ ދިވެހި ރުފިޔާއިން ލަންކާ ރުޕީސްއަށް ފައިސާ ފޮނުވުމަށްޓަކައި އާ އެކައުންޓުތައް ހުޅުވުމުގައި ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ.
އެހެން ގައުމުތަކުގެ މަސައްކަތްތެރިންނާ ޚިލާފަށް ބަންގްލަދޭޝް މީހުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ މީހުން އަދާކުރާ ވަޒީފާތަކުގެ ބާވަތް ކަމަށް ހައި ކޮމިޝަނުން ބުންޏެވެ. އިންޑިއާ، ލަންކާ އަދި ޕާކިސްތާނުގެ ގިނަ މީހުންނަކީ ޕްރޮފެޝަނަލް ވަޒީފާތަކުގައި އުޅޭ، އަދި ޑޮލަރުން މުސާރަ ލިބޭ މީހުންނެވެ. ނަމަވެސް، ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ލައްކަ އެއްހާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އާދައިގެ ވަޒީފާތަކުގައި އުޅޭ، އަދި ދިވެހި ރުފިޔާއިން މުސާރަ ލިބޭ މީހުންނެވެ. އެހެންކަމުން، ރުފިޔާ ޑޮލަރަށް މާރުކޮށްގެން ގައުމަށް ފައިސާ ފޮނުވުމަށް އޮންނަ ޑިމާންޑު ބަންގްލަދޭޝް މީހުންގެ މެދުގައި މާ ބޮޑެވެ.
މި ހާލަތަށް ރިއާޔަތްކުރައްވައި، ހައިކޮމިޝަނަރު ޑރ. ނަޒްމުލް އިސްލާމް ވަނީ ބޭންކުތަކުގެ އިސްވެރިންގެ ކިބައިން ޚާއްސަ ކަމަކަށް އެދިވަޑައިގެންފައެވެ. އެގޮތުން، ބަންގްލަދޭޝް މީހުންނަށް ޚާއްސަ އިމްތިޔާޒުތަކެއް ދިނުމުގެ ބަދަލުގައި، މިހާރު ހުރި ބޭންކިން ނިޒާމުގެ ތެރެއިން 50 ޑޮލަރާއި 100 ޑޮލަރާ ދެމެދުގެ ކުދި އަދަދުތައް ރަސްމީކޮށް ފޮނުވޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ބެލުމަށް އޭނާ އެދިވަޑައިގަތެވެ. ރުފިޔާއިން މުސާރަ ލިބޭ އާދައިގެ މަސައްކަތްތެރިއަކަށް ކުޑަ އަދަދެއް ނަމަވެސް ގައުމަށް ފޮނުވުމަކީ އެ މީހުންގެ އާއިލާތަކަށް ވަރަށް މުހިންމު ކަމެއްކަން ހައިކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
"ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގައި ބުރަކޮށް މަސައްކަތްކޮށް، އެ މީހުންގެ އާމްދަނީ އާއިލާތަކަށް ފޮނުވާ. އަޅުގަނޑުމެންގެ ޒިންމާއަކީ އެ މީހުންނަށް ދިމާވާ ދަތިތައް ދެނެގަނެ، ފައިސާ ފޮނުވޭނެ ރައްކާތެރި އަދި ގާނޫނީ ގޮތުން ހުއްދަ މަގުތައް ހޯދައިދިނުން،" ހައިކޮމިޝަނަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގައި އޮތް ބޭރު ފައިސާގެ މައްސަލައަކީ ހަމައެކަނި ބަންގްލަދޭޝް މީހުންނަށް އޮތް މައްސަލައެއް ނޫނެވެ. އެހެންކަމުން، ބޭންކުތަކާ ގުޅިގެން މިހާރު އޮތް ގަވާއިދުތަކުގެ ތެރެއިން އަމަލީ ގޮތުން ކުރެވެން ހުރި ކަންކަން ދެނެގަތުމަކީ އެންމެ އިސް އަމާޒު ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުންތަކުގައި، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ވިޔަފާރިއާއި މާލީ ގުޅުންތައް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. ބަންގްލަދޭޝް ހައިކޮމިޝަނުން ބުނީ، މަސައްކަތްތެރިންނަށް ފަސޭހައިން ފައިސާ ފޮނުވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި މާލީ އިދާރާތަކާއެކު ކުރިއަށް އޮތް ތަނުގައިވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލު ކުރުމަށް ދިވެހި ސަރުކާރުން ގެންދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރާ މީހުން ހައްޔަރުކުރުން ހިމެނެއެވެ. އެގޮތަށް ހައްޔަރު ކުރާ މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ މީހުން ވަރަށް ގިނައެވެ.