ކުޑަކުއްޖަކަށް ޖިންސީ ޢަމަލެއް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް

ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުއްޖަކަށް ޖިންސީ ޢަމަލެއް ހިންގަމުންދާ މަންޒަރު ދެއްކި މައްސަލައެއްގައި އަޙްމަދު ނަޢީމް ކިޔާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ ހަތް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ޢަމަލެއް ހިންގަމުންދާ މަންޒަރު ދެއްކި މައްސަލައިގައި އަހްމަދު ނައީމްގެ މައްޗަށް ހަތް އަހަރުގެ ހުކުމެއް ކުރިނަމަވެސް، އޭނާގެ މައްޗަށް ދައުލަތުން އުފުލި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި ގްރޫމްކުރުމުގެ ދެ ދައުވާއެއް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަޙްމަދު ނަޢީމްގެ މައްޗަށް އުފުލި "ޖިންސީ ޢަމަލެއް ހިންގަމުންގެންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުމުގެ ދައުވާ" ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. މިއީ "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު" (ޤާނޫނު ނަންބަރު: 12/2009) ގެ ހަވަނަ މާއްދާގެ (ހ) ގެ ދަށުން އުފުލާފައިވާ ދައުވާއެކެވެ.

މި ކުށް ސާބިތުވުމާ ގުޅިގެން، އެ ޤާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓުން ވަނީ އަޙްމަދު ނަޢީމް ހަތް އަހަރުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށްފައެވެ.

މީގެ އިތުރުން، އަޙްމަދު ނަޢީމްގެ މައްޗަށް ދައުލަތުން އުފުލި "ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ" ދެ ދައުވާއެއް ކޯޓުގައި ކުރިއަށްދިޔައެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މިއިން އެއްވެސް ދައުވާއެއް ޝަރީޢަތަށް ސާބިތުވެފައި ނުވާތީ، މައްސަލަ ބެއްލެވި ޤާޟީ ވަނީ އެ ދެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅުއްވާފައެވެ.

މި މައްސަލަތަކަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލަތަކަކަށްވާތީ، ޝަރީޢަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު ކޯޓުގެ ވެބްސައިޓުގައި އާންމުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް