މާލޭގެ ފިހާރައެއްގެ ބޭރުގައި ބަހައްޓާފައި ހުރި ބަލި މީހެއްގެ އަސާގަނޑެއް ވަގަށް ނަގައިގެން 20 ރުފިޔާއަށް ވިއްކާލި މީހަކު ހަތަރު މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދަޢުލަތުން ވާކަންކުރުމުގެ ދަޢުވާ އުފުލާފައިވަނީ ކ. މާލެ، މއ. ޢާޞިމާމަންޒިލް، މުޙައްމަދު ޙުސައިންގެ މައްޗަށެވެ.
މިއީ، މި އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު، މާލޭ މއ. ނީލޯފަރުލޮޖް، އިތާގޯޅީގައި ހުންނަ "މާމުއި" ފިހާރަ ކުރިމަތީގައި، މީހަކު ހިނގުމަށް ބޭނުންކުރާ ދެ އަސާގަނޑު ބަހައްޓާފައި ހުއްޓައި މުޙައްމަދު ޙުސައިން އެ ދެ އަސާގަނޑު ވަގަށް ނެގި މައްސަލައެވެ.
އަސާގަނޑު ވަގަށް ނެގުމަށްފަހު، މުޙައްމަދު ޙުސައިން ވަނީ "ރޯޔަލް ސްޓީލް" ފިހާރައިގައި މަސައްކަތްކުރާ ބަނގްލަދޭޝް މުވައްޒަފަކަށް އެ އަސާގަނޑު 20 ރުފިޔާއަށް ވިއްކާލާފައެވެ.
މި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި މުޙައްމަދު ޙުސައިން ދަޢުވާއަށް އިންކާރުކޮށް، އެއީ އެއްވެސް މީހަކު ބޭނުންކުރާ އެއްޗެއްކަން އެނގިފައިނުވާ ކަމަށާއި ވައްކަންކުރުމުގެ ނިޔަތެއް ނެތް ކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް، ދަޢުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖާއި، ފުލުހުންގެ ހެކިބަހާއި، އަސާގަނޑުގެ ވެރިފަރާތުގެ އާއިލާ މީހެއްގެ ހެކިބަހުގެ އިތުރުން އަސާގަނޑު ގަތް މީހާގެ ހެކިބަހުން މުޙައްމަދު ޙުސައިން އެ ޢަމަލު ހިންގާފައިވާކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ޤާޟީ އަލްއުސްތާޛު މުޒައްމިލު ނާޞިރު ވަނީ ކަނޑައަޅުއްވާފައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މި ކުށަކީ ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށަކަށްވާތީ، އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް، މައްސަލައިގެ ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި މުޙައްމަދު ޙުސައިން ބަންދުގައި ހޭދަކުރި 18 ދުވަސް އުނިކުރުމަށްފަހު، އޭނާ ތަންފީޛު ކުރަންޖެހޭ ފައިނަލް އަދަބަކީ 4 މަހާއި 6 ދުވަހުގެ ޖަލު އަދަބު ކަމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.