ގުރައިދޫގައި މީހަކު މަރާލި މައްސަލަ: އުމުރަށް ޖަލަށްލައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާދޭން ހުކުމްކޮށްފި

ބަބުލް މިއަހް --

ތ. ގުރައިދޫގައި ހުންނަ ސައިޓެއްގައި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް ޢަލަމްއަށް ތޫނު އެއްޗަކުން ހަމަލާދީ ޤަޞްދުގައި މަރާލި މައްސަލައިގައި، ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބަބުލް މިއަހްގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށްލައި، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 21 މެއި 2020 ވިލޭރޭ ދަންވަރު 00:44 ހާއިރު ތ. ގުރައިދޫ، ކަންޑަރު ސަރަހައްދުގައި ހަދާފައިވާ "ބިންމާ ސައިޓު" ގައެވެ. ކޯޓުގެ ޙުކުމުން އެނގޭ ގޮތުގައި، ބަބުލް މިއަހް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޝާހް ޢަލަމްގެ ކަރަށާއި، ކަނާތްފަރާތު ކިހިލިފަތި ކައިރިން މެޔަށާއި، އަރިކަށްޓަށް އަދި މައިބަދަ ކައިރިން ބުރަކަށްޓަށް ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ.

ހަމަލާއަށްފަހު ލިބުނު ފުން ޒަޚަމްތަކާއެކު ޝާހް ޢަލަމް އެހީއަށް އެދި ކައިރީގައިވާ "ގޮމަ ސައިޓު" ގެ ދޮރުގައި ތެޅުމަށްފަހު، އެ ސައިޓުގެ ގޭޓު ކައިރިއަށް ވެއްޓި ވަނީ ނިޔާވެފައެވެ.

ފުލުހުންގެ ތަޙުޤީޤުން އެނގުނު ގޮތުގައި، ހާދިސާ ހިނގި ބިންމާ ސައިޓުގެ ފެންސްގެ ޓިނުގަނޑެއް ނައްޓާލައިގެން މީހަކު ނުކުމެފައިވާކަމުގެ ނިޝާންތަކާއި، އެ ޓިނުގަނޑުގައި ލޭ ހުރިކަން ފާހަގަކުރެވުނެވެ. އަދި ބިންމާ ސައިޓުންނާއި، ޝާހް ޢަލަމް ނިޔާވި ގޮމަ ސައިޓާ ދެމެދުން ލޭގެ ފިޔަވަޅުތަކާއި ތިކިތައް ފެނިފައިވެއެވެ. ހާދިސާ ހިންގި ސަރަހައްދުން ލޭ ހުރި ކަތިވަޅިއަކާއި، ކިވީ ބްރޭންޑުގެ އާ ވަޅިއެއް ފެނިފައިވާއިރު، ބަބުލް މިއަހް ދިރިއުޅޭ "ފަންނު ގޭ" އިން ވަނީ އެ ބްރޭންޑުގެ އައު ވަޅި ސެޓެއް ހުސްކޮށްފައިވަނިކޮށް ފެނިފައެވެ.

މައްސަލައިގެ ތަޙުޤީޤުގައި ބަބުލް މިއަހް ބުނެފައިވަނީ، އޭނާއަށް މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ހަމަލާދީ ފޭރެން އުޅުނީ ކަމަށެވެ. އަދި ޝަރީޢަތުގައި ދިފާއުން ބުނެފައިވަނީ އޭނާ އަމަލުކުރީ ނަފްސުގެ ދިފާއުގައި ކަމަށެވެ. ނަމަވެސް، ދައުލަތުން ހުށަހެޅި ފޮރެންސިކް ހެކި، ޑީއެންއޭ، އަދި ހެކިންގެ ހެކިބަހުން ބަބުލް މިއަހް ދެއްކި ވާހަކަތަކަކީ ދޮގުކަން ސާބިތުވެފައިވެއެވެ.

ޤާޟީ އަލްއުސްތާޛު މުޒައްމިލު ނާޞިރު ބެއްލެވި މި މައްސަލައިގައި، ބަބުލް މިއަހްގެ މައްޗަށް ދައުލަތުން އުފުލި "ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށް" ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ވަނަ މާއްދާގެ (ހ) ގެ ދަށުން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

އަދި އެކަމުގެ އުގޫބާތެއްގެ ގޮތުގައި އޭނާ އުމުރަށް ޖަލަށް ލުމާއެކު، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށްވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް