ސްކޫލްތަކުގެ މިޑް ޓާމް ޗުއްޓީ ނިންމައި އަންނަ އާދީއްތަ ދުވަހު ހުޅުވޭއިރު، ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
'ސަން' އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖެއަށް މޫސުން އެހާ ގޯސްނުވާނެ ކަމަށާއި ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާނެ ކަމަށެވެ.
"ކުރިއަށް އޮތް ހަފުތާ ބަންދުގައި ކަނަޑުތައް އުޅެނީ އާދައިގެ ވަރަކަށް ގަދަކޮށް މުޅި ރާއްޖެއަށް ވެސް. އެކަމަކު ދަތުރުނުކުރެވޭ ވަރަކަށް ނޫން." މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން މިއަދުގެ އިރުއޮއްސި 18:00 އަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވައިޖެހޭނެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކުގައި ގަޑިއަކު 12 މޭލާއި 18 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ ދެކެނުގެ ކަނޑުތައް މިއަދު މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނެފައެވެ. ދެކުނުގެ އަތޮޅުތަކުގައި ރާޅުތަކުގެ އުސްމިނުގައި ތިން ފޫޓު ހުންނާނެ ކަމަށާއި އުތުރާއި މެދުރާއްޖެ ތެރޭގައި ރާޅުތަކުގައި ފަސް ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ހަފުތާއަކަށް ދެމިގެންދާ މިޑް ޓާމް ޗުއްޓީއަކީ ވެސް ދިވެހީން ގިނަ އަދަދަކަށް ދަތުރުކުރާ ދުވަސްތަކެކެވެ. ކުރިއަށް އޮތް ހަފުތާ ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރު ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ.