މި އަހަރު ކަނޑުގެ ލޮނުގަނޑު އެންމެ ހޫނުވީ މިދިޔަ މަހު، އެލް ނީނޯގެ އަސަރު އެންމެ ބޮޑުވާނީ ޑިސެންބަރުގައި: މެޓް

ރަސްފަންނު ސަރަހައްދު: އެލްނީނޯގެ ބާރު އިތުރަށް ގަދަވެ، އޭގެ އަސަރު ރާއްޖެއަށް އެންމެ ބޮޑަށް ކުރީ މިދިޔަ މަހުގައި ކަމަށް މެޓް އޮފީހުން ބުނޭ -- ފޮޓޯ: ހައުސިން މިނިސްޓްރީ

ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ޕެސިފިކް ކަނޑުގައި އުފެދިފައިވާ އެލްނީނޯގެ ބާރު އިތުރަށް ގަދަވެ، ރާއްޖެއަށް އޭގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވަނީ މިދިޔަ މަހު ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، މި އަހަރުގެ ޑިސެމްބަރު މަހު އެލްނީނޯގެ އަސަރު އޭގެ އެންމެ މަތީ ދަރަޖައަކަށް ފޯރާނެއެވެ.

މެޓް އޮފީހުން ނެރުނު އެލްނީނޯގެ އެންމެ ފަހުގެ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެލްނީނޯ އިތުރަށް ވަރުގަދަވެ، ނީނިއޯ 3.4 އިންޑެކްސް ވަނީ 2.1 ޑިގްރީ ސެލްސިއަސް އަށް އުފުލިފައެވެ.

ރިޕޯޓުތައް ބުނާގޮތުން މިއީ ވަރަށް ނުރައްކާތެރި އެލްނީނޯ ހާދިސާއެއްކަން ދައްކުވައިދޭ މިންވަރެކެވެ. މީގެއިތުރުން އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކްގެ ބައެއް ސަރަޙައްދުތަކުގައި ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް 4.0 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ޖަމްޢިއްޔާ (ޑަބްލިއު.އެމް.އޯ) ގެ މޮޑެލްތަކާ ހަވާލާދީ މެޓް އޮފީހުން ބުނީ، މިއީ މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ވަރުގަދަ އެލްނީނޯ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ހާދިސާގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން އާންމު މިންވަރަށް ވުރެ މައްޗަށް ދިއުމާއި، ވާރޭވެހުމުގެ ނިޒާމަށް ބަދަލުތައް އައިސް ހަނަފަސްކަމާއި ފެންބޮޑުވުމުގެ ނުރައްކާ އެކި ސަރަޙައްދުތަކަށް ބޮޑުވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ މޫސުން ތަޖުރިބާކުރެވިފައިވަނީ އާންމުކޮށް ހުންނަ މިންވަރަށް ވުރެ ހޫނުކޮށް ކަމަށް މެޓް އޮފީހުން ބުންޏެވެ. ޚާއްސަކޮށް ޖޫން މަހުން ފެށިގެން ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މަތިވަމުން ގޮސްފައިވާއިރު، އެންމެ ބޮޑަށް ހޫނުމިން މަތިވެފައިވަނީ މިދިޔަ މަހުގައެވެ.

https://sun.mv/227936

އެގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން ވަނީ އާދައިގެ މިންވަރަށް ވުރެ 1.0 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން ވެސް ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މީގެއިތުރުން ރާއްޖޭގެ ގިނަ މޫސުމީ ސްޓޭޝަންތަކުން ރެކޯޑުކުރެވުނު އެންމެ މަތީ ފިނިހޫނުމިން ވެސް ހުރީ އާންމު މިންގަނޑަށް ވުރެ މަތީގައެވެ. އަދި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހުނު މިންވަރުގައި ބޮޑެތި ތަފާތުތަކެއް ފާހަގަކުރެވި، ބައެއް ސަރަޙައްދުތަކަށް ޢާންމު މިންވަރަށް ވުރެ އިތުރަށް އަދި އަނެއް ބައި ސަރަޙައްދުތަކަށް މާ މަދުން ވާރޭވެހިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެލްނީނޯގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު ހޫނުވެ، ފަރުތަކުގެ ދިރުމަށް ނުރައްކާވުމުގެ އިތުރުން އޮއިވަރަށް އަންނަ ބަދަލުތަކާއެކު މަސްވެރިކަމުގެ ސިނާއަތަށް ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

މީގެއިތުރުން ބައެއް ސަރަހައްދުތަކަށް ވާރޭވެހުން މަދުވުމުގެ ސަބަބުން ދަނޑުވެރިކަމަށް ވެސް ނޭދެވޭ އަސަރުތައް ފޯރުމުގެ ފުރުސަތު ބޮޑު ކަމަށާއި ކުރިއަށް އޮތް މަސްތަކުގައި ވެސް މޫސުމީ ހާލަތްތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭކަމަށް ވަނީ މެޓް އޮފީހުން ވަނީ ލަފާދީފައެވެ.

ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާތީ، އޭގެ ސަބަބުން ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި، ކުރިމަތިވެދާނެ ކާރިސާއަކަށް ދުރާލައި ތައްޔާރުވެ ތިބުމަށް މޫސުމާބެހޭ ގައުމީ އިދާރާއާއި، ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ފަދަ ކަމާ ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

comment ކޮމެންޓް