ޖަލުގައި ތިބޭ ގައިދީންނަށް ފަރުވާ ލަސްވަނީ ހޮސްޕިޓަލަށް ގެންދާނެ އޮފިސަރުން ނެތުމުން: އެޗްއާރުސީއެމް

ގައިދީއެއް: ގައިދީންނަށް ފަރުވާ ލަސްވާ މައިގަނޑު ސަބަބަކީ އެސްކޯޓް ކުރާނެ ޖަލު އޮފިސަރުން ނެތުމުން ކަމަށް އެޗްއާރްސީއެމްއިން ބުނެފި -- ފޮޓޯ/ ކަރެކްޝަންސް

ގައިދީންނަށް ސިއްހީ ފަރުވާލިބުން ލަސްވާ މައިގަނޑު އެއް ސަބަބަކީ އެމީހުން ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާނެ ޖަލު އޮފިސަރުން ނެތުން ކަމަށާއި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ 63.2 އިންސައްތައަކީ ވެސް އެފަދަ މައްސަލަތައް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެކެއް ޖަނަވަރީ 2024 އިން ފެށިގެން މި އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ ފަރާތްތަކަށް ސިއްހީ ފަރުވާ ލިބުން ލަސްވެފައިވާ ސަބަބުތަކުގެ ތަފާސްހިސާބު އެޗްއާރްސީއެމްއިން މިއަދު ވަނީ އާއްމުކޮށްފައެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ލަސްވާ މައިގަނޑު ސަބަބުތަކަކީ:

  • އެސްކޯޓުކުރާނެ އޮފިސަރުން ނެތުން
  • ޚާއްސަ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ލިބުން ލަސްވުން
  • އިދާރީ މައްސަލަތައް
  • ޖާގައިގެ ދަތިކަމާއި ޚިދުމަތް ލިބުން ނެތުން

އެޗްއާރްސީއެމްއިން ބުނި ގޮތުގައި ފަރުވާ ލަސްވާ މައިގަނޑު ސަބަބަކީ ބަލިމީހުން ހޮސްޕިޓަލަށް ގެންދިޔުމަށް އެސްކޯޓުކުރާނެ ޖަލު އޮފިސަރުން ނެތުމެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ފަރުވާ ލަސްވާ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ މި ސަބަބު ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ 49.5 އިންސައްތަ އަދި މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ 46.9 އިންސައްތަ މައްސަލަތަކަކީ ބަލިމީހުން ހޮސްޕިޓަލަށް ގެންދިޔުމަށް އެސްކޯޓުކުރާނެ ޖަލު އޮފިސަރުން ނެތުމެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހުށަހެޅި މައްސަލަތަކުގެ 63.2 އިންސައްތައަކީ ވެސް ހަމަ މި މައްސަލައެވެ.

ދެވަނައަށް އެންމެ އާންމުކޮށް ފާހަގަކުރެވޭ މައްސަލައަކީ ޚާއްސަ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓުތަށް ލިބުން ލަސްވުމުގެ މައްސަލަތައް ކަމަށް އެޗްއާރްސީއެމްއިން ބުނެފައިވާއިރު ތިންވަނައަށް ފާހަގަކޮށްފައިވަނީ އިދާރީ މައްސަލަތަކެވެ. އިދާރީ ގޮތުން އަރާ އޮޅުމުގެ ސަބަބުން ފަރުވާ ލަސްވުމުގެ މައްސަލަތައް އަހަރުން އަހަރަށް އިތުރުވަމުންދާކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެ ކޮމިޝަނުން ދެން ފާހަގަކޮށްފައިވަނީ ޖާގައިގެ ދަތިކަމާއި ޚިދުމަތް ލިބެން ނެތުމުގެ މައްސަލައެވެ. އެގޮތުން މާފުށީ ޖަލުން އެކަށީގެންވާ ސިއްޚީ ޚިދުމަތްތައް ލިބެންނެތުމާއި ޑޮކްޓަކަށް ދެއްކުމަށް މާލެ ގެންގޮސް ބައިއްތިއްބާނެ އެކަށީގެންވާ ޖާގައެއް ނެތުމަކީވެސް ފަރުވާ ލަސްވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ސިއްހީ ފަރުވާ، ގައިދީންނަށް ލިބުން ލަސްވެފައިވާ ބައެއް އެހެން މައްސަލަތަކުގެ ތެރޭގައި 2024 ވަނަ އަހަރު ބޭސް ދިނުން ހުއްޓާލުން ނުވަތަ މެދުކަނޑައިލި މައްސަލައެއް ވެސް ހިމެނެއެވެ. އަދި އޮފިސަރުންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ނުލިބުނު ދެ މައްސަލައެއް ވެސް އެ އަހަރު އެޗްއާރްސީއެމްއަށް ހުށަހެޅިއެވެ.

comment ކޮމެންޓް