ހަމް ޓީވީއިން ގެނެސްދިން ސިލްސިލާ 'ޒަންޖީރައިން'ގެ ފަހު އެޕިސޯޑުގެ ނިންމުން ބެލުންތެރިންގެ ހިތްތަކާ ކުޅެލައިފި

ޕާކިސްތާނުގެ މަގުބޫލު ޗެނަލް 'ހަމް ޓީވީ'އިން ދައްކަމުން އައި މަގުބޫލު ޑްރާމާ ސީރީޒް "ޒަންޖީރައިން"ގެ ފަހު އެޕިސޯޑާއެކު، އެ ސީރީޒް ނިންމާލިގޮތް ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުގޮސްފިއެވެ.

ޕާކިސްތާނުގެ އެންމެ އުތުރު-ހުޅަނގަށް އޮންނަ ޕްރޮވިންސް ކަމަށްވާ ޚައިބަރު ޕަޚްތޫންޚްވާ (ކޭޕީކޭ)ގެ ޤަބީލާ ސަޤާފަތާއި، ލޯތްބާއި، އަދި ހިތާމަވެރި ހާދިސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ޑްރާމާގެ ނިމުން އައިސްފައިވަނީ ބެލުންތެރިން އިންތިޒާރުކުރަމުން އައި ފަދަ އުފާވެރި، ނަމަވެސް ޖަޒުބާތީ ނިންމުމަކުންނެވެ.

މި އެޕިސޯޑުގެ އެންމެ ފާހަގަކޮށްލެވޭ ބަޔަކީ ޑްރާމާގެ މައި ދެ ކެރެކްޓަރު ކަމަށްވާ ރާބިޔާ (ސަޖަލް އަލީ) އާއި ސަރުބުލަންދު (ދާނިއާލް ޒަފަރު)ގެ ދެމެދުގައި ހިނގާދިޔަ އަސަރުގަދަ ބައްދަލުވުމެވެ. އެތައް ގޮންޖެހުންތަކަކާއި ވަކިވުންތަކަކަށްފަހު، ސަރުބުލަންދު ސިއްރުކޮށްގެން އުޅުނު ލޯބި ރާބިޔާއަށް ހާމަކުރާ މަންޒަރަކީ ބެލުންތެރިންގެ ހިތްތައް އަތުލި މަންޒަރެކެވެ. ދުނިޔެ ދޫކޮށްފައިވާ ކުރީގެ ފިރިމީހާ މުދައްސިރުގެ ހަނދާންތަކާ ހުރެ އާ ފެށުމަކަށް ފަސްޖެހެމުންދިޔަ ރާބިޔާ، މާޒީގެ ހިތާމަތަކުން މިންޖުވެ އުފާވެރި ދިރިއުޅުމަކަށް ކުރިމަތިލާން ނިންމި ނިންމުމަކީ ސީރީޒްގެ އެންމެ ފާހަގަކޮށްލެވުނު މޮޅު އެއް މަންޒަރެވެ.

"ޒަންޖީރައިން"ގެ ޑްރާމާގެ ކާސްޓުގައި ހިމެނޭ މައިގަނޑު ތަރިންތައް ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް

މި ސީޒީޒް ނިންމާލިތާ ހަފުތާއެއް ވެފައިވާއިރު ވެސް އޭގެ ފަހު ނިންމުމާއެކު ސޯޝަލް މީޑިއާގައި "ސަރުބިޔާ"ގެ ހޭޝްޓެގް ޓްރެންޑްވަމުން އަންނައިރު، ސަޖަލް އަލީ އާއި ދާނިއާލް ޒަފަރުގެ ކެމިސްޓްރީއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ދާނިއާލްގެ މޮޅު އެކްޓިންގްއަށް އެވޯޑެއް ހައްގުވާކަމަށް ބައެއް ފޭނުން ބުނެފައިވާއިރު، ރާބިޔާގެ ކެރެކްޓަރަށް ސަޖަލް ގެނެސްދިން ތޫނުފިލިކަމާއި އިހުސާސްތަކަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އެހެންނަމަވެސް، ޑްރާމާގެ މައި ލޯބީގެ ވާހަކަ ފުރިހަމައަށް ނިމިގެން ދިޔަނަމަވެސް، ބައެއް ކެރެކްޓަރުންގެ ވާހަކަ ނިމުނުގޮތާމެދު ބައެއް ބެލުންތެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޕާކިސްތާނުގެ މަގުބޫލު ލިޔުންތެރިޔާ ފަރުހަތު އިޝްތިއާގް ލިޔެ، ޝަހްޒާދު ކަޝްމީރީ އުފައްދާފައިވާ "ޒަންޖީރައިން" ނިމުނުކަމުގައި ވީނަމަވެސް، މި ސީރީޒްގެ ދެވަނަ ސީޒަނަކަށް އެދި ފޭނުން އަންނަނީ އަޑުއުފުލަމުންނެވެ. މި ޑްރާމާއަކީ އާއިލީ ގުޅުންތަކާއި، ގަބީލާ ގަވާއިދުތަކުގެ ތެރެއިން ލޯބި ކާމިޔާބުކުރާގޮތް ދައްކުވައިދިން، ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދި ފުރިހަމަ އުފެއްދުމެކެވެ.

comment ކޮމެންޓް