ބްރިޖަށް އުރުން ބޯޓްތައް ހަ ލައްކައިން ޖޫރިމަނާ ކުރިން، ހިނގި ހާދިސާގައި މި އިދާރާގެ ޒިންމާއެއް ނެތް: ކަސްޓަމްސް

ބްރިޖަށް ބޯޓުތައް އުރުން......

މާލެ ކައިރީ އަޅާފައި އޮއްވާ އޮޔާ ގޮސް ސިނަމާލެ ބްރިޖަށް ތެޔޮ ބޯޓުތައް އުރުނު ހާދިސާއަކީ ގުދުރަތީ ހާދިސާއެއް ކަމަށާއި، އެކަމުގައި އެ އިދާރާގެ އެއްވެސް ޒިންމާއެއް ނެތް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނެފިއެވެ.

މާލެ ކައިރީ އަޅާފައި އޮއްވާ އޮޔާސް ގޮސް، ސިނަމާލެ ބުރިޖަށް ތެޔޮ ބޯޓުތައް އުރުނު ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެއީ މިފަހުން މާލެ ކައިރި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

މި ހާދިސާ ހިނގާފައި ވަނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ބޯޓުގެ ކޮންޓްރޯލް ގެއްލިގެންނެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކުން ފެނުނު ގޮތުގައި، މި ބޮޑު ދެ ބޯޓު އޮޔާ ގޮސްފައިވަނީ މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުންނެވެ. އެއް ބޯޓު ކޮންޓްރޯލުން ނެއްޓިގެން ގޮސް ބްރިޖުގެ ތަނބަކަށް އުރިފައިވާއިރު، އެ ރެއަކީ މާލެ ސަރަހައްދަށް ވައިބާރު އަދި ކަނޑުތައް ވެސް ގަދަ ރެއެކެވެ.

https://sun.mv/227282

އެ ދެ ބޯޓަކީ ހުއްދަ ނެތި ރާއްޖެ ސަރަހައްދަށް ވަދެގެން ހިފަހައްޓާފައިވާތާ ގިނަ މަސްތަކެއް ވެފައިވާ ދެ ބޯޓެވެ. އޭގައި ތިބީ އިންޑިއާ ފަޅުވެރިންނެވެ. އެ މީހުން އޭގެ ކުރިން ވަނީ އެހީއަށް އެދި ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ވެސް ކޮށްފައެވެ.

އެ ހާދިސާ ހިނގިރޭ އެމްއެންޑީއެފުން ބުނި ގޮތުގައި، އެ އިދާރާއިން އެ ރޭ ވަނީ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ހަވާލުކުރުމުގެ މަސައްކަތް ކޮށްފައެވެ. އަދި އެ ދެ ބޯޓަކީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮތް ދެ އުޅަނދު ކަމަށްވާތީ، އިތުރު މައުލޫމާތު ދޭނީ ކަސްޓަމްސްއިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

https://sun.mv/227253

އެގޮތުން މި ހާދިސާއަށް މިހާރު ހަފްތާއެއް ވާން ދާއިރު، މި މައްސަލައާ ގުޅިގެން ކަސްޓަމްސްގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ އެ ދެ ބޯޓު މޫސުން ގޯސްވެ، ކޮންޓްރޯލް ގެއްލި އޮޔާ ދިޔަ ހާދިސާ އަކީ ގުދުރަތީ ގޮތުން ދިމާވި ކަމެއް ކަމަށާއި އެކަމުގައި ކަސްޓަމަސްގެ އެއްވެސް ޒިންމާއެއް ނެތް ކަމަށެވެ. އަދި އެ ހާދިސާ ހިނގައިގެން އެކަން އެމްއެންޑީއެފްއަށް ކަސްޓަމްސް އިން ރިޕޯޓު ކުރިކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެެވެ.

ކަސްޓަމްސް ކޮމިޝަނާ ޖެނެރަލް ދިޔާނާ-- ފޮޓޯ: ކަސްޓަމްސް

މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ގަވައިދާ ޚިލާފަށް ރާއްޖޭގެ ސަރަހައްދަން ވަދެފައިވާ ދެ ބޯޓަށް ވުމުން އެކަން ކުރަން އޮންނަ ގަވައިދާއި އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާފައިވާނޭ ކަމަށެވެ. އެގޮތުން ކޮންމެ ބޯޓެއް 310،000 ދިވެހި ރުފިޔާއިން ޖޫރިމަނާކޮށްފާ ވާނޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޖޫރިމަނާއަށް ޖުމުލަ 620،000 ރުފިޔާ އެ ބޯޓުތަކުން ދައްކަން ޖެހޭ ކަމަށާއި ނަމަވެސް އަދިވެސް ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބޯޓުތައް ކަސްޓަމްސްގެ ބެލުމުގެ ދަށުގައޭ އެ ބުނެވޭ މާނައަކީ އެ ބޯޓުތަކުގެ ކްލެއަރަންސް ކަންކަން ކަސްޓަމުން ބަލަހައްޓާތީ ކަމަށެވެ. އެގޮތުން ކަސްޓަމްސް އިން ހަމަ އެކަނި ކުރާ ކަމަކީ އެ ބޯޓުތަކަށް ކާބޯތަކެއްޗާއި އެހެނިހެން ތަކެތި އަރުވާ، ބާލާތޯ ބެލުންކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަން ކަސްޓަމްސް އިން ކުރަމުން އަންނަ ކަމަށާއި ނަމަވެސް ބޯޓު ބެލެހެއްޓުމާއި އެހެން ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަކީ ބޯޓުގެ ކައްޕިއާއި ފަޅުވެރިންގެ ޒިންމާއެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

https://sun.mv/227272

"ދެން އެއީ ގަވައިދާ ޚިލާފަށް ވަދެ އޮތް ދެ ބޯޓުވީމަ އެކަން ބަލައި ކުރަން ޖެހުނު ޖޫރިމާ ވެސް ވާނީ ކޮށްފަ، އެއީ ކޮންމެ ބޯޓަކަށް 310،000 ރުފިޔާގެ މަގުން. އަދިވެސް ޖޫރިމަނާ ނުދައްކާ." ކަސްޓަމްސް ގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

https://sun.mv/227288

ޝިޕިން ދާއިރާގެ މަސްދަރުތަކުން ބުނާ ގޮތުގައި، 'ކޭޖީ 1' އަދި 'އޭއެލް 1' ނަމަކަށް ކިޔާ މި ދެ ތެޔޮ ޓޭންކަރަކީ އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި ގަވާއިދާ ހިލާފަށް އެތެރެވުމުން ހިފަހައްޓައި ތަހުގީގު ކުރަމުންދިޔަ ދެ އުޅަނދެވެ.

މި ދެ ބޯޓުގައި އިންޑިއާގެ 20 ފަޅުވެރިން ތިބިއިރު، އެ މީހުން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ. އޭގެ ތެރެއިން ގިނަ މީހުން ފުރާފައިވާއިރު، ބާކީ ތިބި ނުވަ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާލެ ކައިރީ އަޅާފައި އޮއްވާ އޮޔާސް ގޮސް، ސިނަމާލެ ބުރިޖަށް ތެޔޮ ބޯޓުތައް އުރުނު ހާދިސާގައި ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ލިބިފައި ނެތް ނަމަވެސް ކުދި ކޫރު އެޅިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއްތަލިބު:-- ފޮޓޯ; ރައީސް އޮފީސް

މި ކަމާ ގުޅިގެން މުއްތަލިބު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޯޓުތައް އުރުމާ ގުޅިގެން ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ)އިން ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

އެ އިންސްޕެކްޝަންތަކުން އެނގުނު ގޮތުގައި، ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ކުދިކުދި ކޫރު އެޅިފައި ހުރި ކަމަށް މުއްތަލިބް ލިޔުއްވާފައިވެއެވެ. އެ ކޫރުތައް ބުރިޖު ބަލަހައްޓާ ސީއެޗްއީސީއިން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މަރާމާތުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެ ބޯޓްތަކުގެ ސަބަބުން މާލެ ސަރަހައްދުގެ ފަރަށް ގެއްލުމެއް ލިބިފައިވޭތޯ ވެސް އަންނަނީ ބަލަމުންނެވެ.

މި ހާދިސާގެ ކަންބޮޑުވުން ވަރަށް ބޮޑުވެފައި ވަނިކޮށް ފަހުން އެމްއެންޑީއެފްއިން ބުނީ އެ ދެ ބޯޓު ފަހުން ބުރިޖުގެ ދަށުން އޮޔާ ގޮސް، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް