ބޯޓުތައް އުރުނު ހާދިސާގައި ސިނަމާލެ ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުލިބޭ: މުއްތަލިބު

މާލެ ކައިރީ އަޅާފައި އޮއްވާ އޮޔާސް ގޮސް، ސިނަމާލެ ބުރިޖަށް ތެޔޮ ބޯޓުތައް އުރުނު ހާދިސާގައި ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ލިބިފައި ނެތް ނަމަވެސް ކުދި ކޫރު އެޅިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މި ހާދިސާ ރޭ ހިނގާފައި ވަނީ މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ބޯޓުގެ ކޮންޓްރޯލް ގެއްލިގެންނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ބޮޑު ދެ ބޯޓު އޮޔާ ގޮސްފައިވަނީ މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުންނެވެ. އެއް ބޯޓު ކޮންޓްރޯލުން ނެއްޓިގެން ގޮސް ބްރިޖުގެ ތަނބަކަށް އުރިފައިވާއިރު، ރެއަކީ މާލެ ސަރަހައްދަށް ވައިބާރު އަދި ކަނޑުތައް ވެސް ގަދަ ރެއެކެވެ.

https://sun.mv/227272

މި ކަމާ ގުޅިގެން މުއްތަލިބު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޯޓުތައް އުރުމާ ގުޅިގެން ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އިން ރެއާއި މިއަދު ބުރިޖަށް ގެއްލުމެއް ލިބުނުތޯ ބެލުމަށް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

އެ އިންސްޕެކްޝަންތަކުން އެނގުނު ގޮތުގައި، ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ކުދިކުދި ކޫރު އެޅިފައި ހުރި ކަމަށް މުއްތަލިބް ލިޔުއްވާފައިވެއެވެ. އެ ކޫރުތައް ބުރިޖު ބަލަހައްޓާ ސީއެޗްއީސީއިން ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް މަރާމާތުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގައި އުޅަނދެއް ކޮންޓްރޯލުން ނެއްޓުމަކީ ދެ ބުރިޖަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މުހިންމު އެހެނިހެން ވަސީލަތްތަކަށް ނުރައްކާވެ، މި ސަރަހައްދުގެ ދިރިއުޅުމަށް އެޅޭނެ ބޮޑު ހުރަހެއް ކަމަށެވެ.

މިފަދަ ހާދިސާއެއް ހިނގުމުގެ ރައްކާތެރިވުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެގޮތުން، އޮޔާދާ ނުވަތަ ކޮންޓްރޯލުން ނެއްޓޭ އުޅަނދުފަހަރު ބުރިޖާ ހަމައަށް ފޯރުމުގެ ކުރިން ހިފެހެއްޓޭނެ ފަދަ ބާރުގަދަ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި ޓަގުތައް ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް މިނިސްޓަރު ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބަހައްޓާ އުސޫލުތައް މުރާޖާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުއާމަލާތްކޮށް ހަރަކާތްތެރިވާނެ އިޖުރާއަތްތަކެއް އެކުލަވާލެވޭނެކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.

https://sun.mv/227282

މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، މި ހާދިސާގައި ހިމެނެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަދެ އުޅެނިކޮށް ހިފަހައްޓާފައިވާ ދެ ޓޭންކަރެއް ކަމަށް ޝިޕިން ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. ޝިޕިން ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި، މި ދެ ބޯޓަކީ ހާލުގައި ޖެހިގެން ރާއްޖެއަށް ވަން ބޯޓުތަކެއް ނޫނެވެ. އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި، އަދި ކްލިއަރެންސް ނުހޯދައި ރާއްޖެ އެތެރެވި މި ދެ ބޯޓު ފެނިފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަޅާފައި އޮންނަތާ ދުވަސްތަކެއް ފަހުން މީގެ މަސްތަކެއް ކުރިން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ކަސްޓަމްސްއާއި، ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން އެމްއެންޑީއެފުން ދިޔައީ ތަހުގީގު ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ދެ ބޯޓުގައި އިންޑިއާގެ 20 ފަޅުވެރިން ތިބިއިރު، އޭގެ ތެރެއިން ނުވަ މީހުން ތިބީ "ކޭޖީ 1" ކިޔާ ބޯޓްގައި ކަމަށް ބައެއް މަސްދަރުތަކުން ސަން އަށް ކަށަވަރު ކޮށްދިނެވެ. އަދި އަނެއް 11 މީހުން ތިބީ "އޭއެލް 1" ކިޔާ ބޯޓްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް