މަރުވި 700 މީހުންގެ އެކައުންޓަށް ޖަމާކުރި 10 މިލިއަން ހޯދަން މަސައްކަތް އެބަ ކުރަން، ކާމިޔާބުވާނެ: ޝިރުނާ

އެންސްޕާގެ ސީއީއޯ ޝިރުނާ: ވިދާޅުވީ، މަރުވި 700 މީހުންގެ އެކައުންޓަށް ޖަމާކުރެވުނު 10 މިލިއަން ހޯދަން މަސައްކަތް ކުރާ ކަމަށް ---- ފޮޓޯ/ ހެލްތު މިނިސްޓްރީ

މަރުވެފައިވާ ގިނަ އަދަދެއްގެ މީހުންގެ އެކައުންޓަށް ޖަމާކުރި، އެތައް މިލިއަން ރުފިޔާއެއް ހޯދަން މަސައްކަތް އެބަ ކުރާ ކަމަށާއި އޭގެތެރެއިން ކޮންމެވެސް ވަރެއް ނަމަވެސް އަނބުރާ ހޯދޭނެ ކަމަށް އެންސްޕާގެ ސީއީއޯ އައިމިނަތު ޝިރުނާ މިއަދު ވިދާޅުވެއްޖެއެވެ.

މި މައްސަލަ މީޑިއާއަށް ތިލަވީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހެވެ. އެ ދުވަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝިރުނާ ވިދާޅުވި ގޮތުގައި، މަރުވެފައިވާ 700 އަށް ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެންސްޕާއަށް ވަނީ ޖަމާކޮށްފައެވެ.

އެއީ އުމުރުން ދުވަސްވީމައި ދޭ އެލަވެންސް ކަމެއް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ކަމެއް އެންސްޕާއަކުން ހާމައެއް ނުކުރެއެވެ. އެ ފައިސާ މަރުވެފައިވާ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ މީހުން މަރުވިކަން އެންސްޕާގެ ސިސްޓަމުން ނުދައްކާތީއެވެ.

https://sun.mv/225613

މި މައްސަލަ ދިމާވާން މެދުވެރިވީ 2020 ވަނަ އަހަރު އެންސްޕާގެ މޮނިޓަރިން ސެކްޝަން އުވާލުމާ ގުޅިގެން ކަމަށް އެ ދުވަހު ޝިރުނާ ވިދާޅުވިއެވެ. އެ ސެކްޝަން އުވާލުމުން މޮނިޓަރިންގެ މަސައްކަތްތައް ހުއްޓި، މައުލޫމާތުތައް ބަލައި މަހުން މަހަށް އަޕްޑޭޓް ކުރުން ވަނީ ބޮއްސުންލާފައެވެ.

އެންސްޕާ އޮފީސް: މަރުވި 700 މީހުންގެ އެކައުންޓަށް ޖަމާކުރެވުނު 10 މިލިއަން ހޯދަން މަސައްކަތް ކުރާ ކަމަށް އެންސްޕާގެ ސީއީއޯ ވަނީ ވިދާޅުވެފައި --- ފޮޓޯ/ އެންސްޕާ

މިއަދު 'ސަން'އިން ސުވާލުކުރުމުން ޝިރުނާ ވިދާޅުވީ، ކައުންސިލުތަކަށް ސިޓީ ފޮނުވައިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ފައިސާއިން ހޯދެނޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، 'ކޮންމެވެސް ވަރެއް' ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު، އަނބުރާ ހޯދޭނެ ކަމަށް ލަފާ ކުރެވޭ ފައިސާގެ އަދަދެއް ނުވަތަ ޕަސެންޓެއް ހާމަކުރަން ދަތިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެ ފަދައިން ވިދާޅުވި ނަމަވެސް، މިހާތަނަށް އެ ފައިސާއިން ބައެއް ހޯދުނު ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.

އެހީއަށް އެދި ފަނަަރަ ހާހެއްހާ މީހުން ރަޖިސްޓަރީވެފައިވާ އެންސްޕާއިން އެހީ ފޯރުކޮށްދެވެނީ އެންމެ ހައްގުވެރި ފަރާތްތަކަށްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރާކަން ޝިރުނާ ކުރިން ވަނީ ފާހަގަކުރައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މަރުވެފައިވާ ބައެއްގެ އެކައުންޓަށް އެތައް މިލިއަން ރުފިޔާއެއް އެންސްޕާއިން ޖަމާކުރިކަން ހާމަކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އެންސްޕާއަށް އަމާޒުވިއެވެ.

comment ކޮމެންޓް