އޭއައި ސިނާއަތުގެ ކުރިއެރުން މަޑުޖައްސާލުމަށް ގޮވާލުމާއެކު އިންވެސްޓަރުން ހާސްވެއްޖެ

ޗައިނާގެ ޝަންހާއީގައި ބޭއްވި ވޯލްޑް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރެންސަށް މީހަކު ޒިޔާރަތް ކުރަނީ --- ފޮޓޯ: ރޮއިޓާސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިނާއަތުގެ ކުރިއެރުން ވަކި މިންވަރެއްގައި ހިފެހެއްޓުމަށް އެ ދާއިރާގެ އިސްވެރިން ގޮވާލުމާ ގުޅިގެން، ހިއްސާގެ ބާޒާރުގައި އޭއައި ކުންފުނިތަކުގެ ސްޓޮކްތައް އުފުލެމުންދާ ދުވެއްޔާމެދު އިންވެސްޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދެކޭގޮތުގައި އޭއައިގެ ރައްކާތެރިކަމަށް ފިޔަވަޅުތަކެއް އެޅުމަކީ ދިގު މުއްދަތުގައި އެ ސިނާއަތަށް އޭގެ ފައިދާކުރާނެ ކަމެކެވެ.

އޭއައިގެ ސަބަބުން އިންސާނިއްޔަތަށް ނުރައްކާވެދާނެކަމުގެ އިންޒާރުތަކަކަށްފަހު، އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޮޑެއި ހިމެނޭގޮތަށް އޭއައި ދާއިރާގެ އިސްވެރިން ވަނީ މި ޓެކްނޮލޮޖީ ކުރިއަރަމުންދާ ދުވެލި މަޑުޖައްސާލައި، އޭގެ ރިސްކުތައް މެނޭޖުކުރުމަށް އިތުރު ވަގުތު ހޯދުމަށް ގޮވާލާފައެވެ.

ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން އޭއައި ޑޭޓާ ސެންޓަރުތައް ބިނާކުރުމަށް ކުރަމުންދާ ބޮޑެތި ހޭދަތަކުގެ ސަބަބުން ގިނަ ކުންފުނިތަކަކަށް އޭގެ ފައިދާކޮށް، 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެސްއެންޑްޕީ 500 އިންޑެކްސް ވަނީ ދެގުނައަށްވުރެ ބޮޑަށް އުފުލިފައެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ނިޔަލަށް 800 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭ މި ޚަރަދުތައް މަޑުޖެހިދާނެކަމުގެ ނިޝާނަކަށް ވޯލް ސްޓްރީޓުން މިހާރު ދަނީ ފާރަވެރިވަމުންނެވެ.

https://sun.mv/227388

ހޮރައިޒަން އިންވެސްޓްމަންޓް ސާވިސަސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޗަކް ކާލްސަން ވިދާޅުވީ، މިއީ މައްސަލައަކަށް ވާނީ އޯޑަރުތައް ކެންސަލްވެ، ޑޭޓާ ސެންޓަރުތައް ބިނާކުރުމުގެ މަޝްރޫއުތައް ހުއްޓޭ މަންޒަރު ފެންނަން ފެށުމުން ކަމަށެވެ. އަދި އޭއައިގެ އެންމެ ކުރީގައި އުޅޭ އޯޕަންއޭއައި އަދި އެންތްރޮޕިކް ފަދަ ކުންފުނިތަކުގެ މަސައްކަތް މަޑުޖައްސާލަން މަޖުބޫރުވެއްޖެނަމަ، މުސްތަގުބަލުގައި އާންމުންނަށް ހިއްސާ ވިއްކަން ގަސްތުކުރާ އެ ކުންފުނިތަކުގެ އަގާމެދު ސުވާލު އުފެދޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުންފުނިތައް ޕަބްލިކް ކުންފުނިތަކަކަށް ވުމުން ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ކުރިއެރުމަށް އަބަދުވެސް ޑިމާންޑްކުރާނެކަމަށް ވެސް ކާލްސަން ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި ކުންފުނިތަކުން ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން ކުންފުނިތަކުގެ ފައިދާ އިތުރުވެ، ބްރޯޑް-މާކެޓް އިންޑެކްސް ވަނީ މިއަހަރުގެ މިހާތަނަށް 11 އިންސައްތައަށްވުރެ ބޮޑަށް ކުރިއަރާފައެވެ.

ބޭންކް އޮފް އެމެރިކާ ގްލޯބަލް ރިސާޗުން ލަފާކުރާގޮތުގައި މައިކްރޯސޮފްޓް، އަލްފަބެޓް، އެމެޒޯން، މެޓާ އަދި އޮރެކަލް ފަދަ ބޮޑެތި ކުންފުނިތަކުން މިއަހަރު ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި 795 ބިލިއަން ޑޮލަރު އަދި 2027 ވަނަ އަހަރު 1.08 ޓްރިލިއަން ޑޮލަރު އިންވެސްޓްކުރާނެއެވެ.

މި ހޭދައިގެ ބޮޑު ބައެއް އަމާޒުކުރެވެނީ ސެމިކޮންޑަކްޓަރު އުފައްދާ ކުންފުނިތަކަށެވެ. މިއަހަރު މި ކުންފުނިތަކުގެ ހިއްސާގެ އަގާއި ފައިދާ ވަރަށް ބޮޑަށް އުފުލިފައިވީނަމަވެސް، މިދިޔަ ހޯމަ ދުވަހު ހިއްސާގެ ބާޒާރުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނީ ވެސް މިފަދަ ކުންފުނިތަކަށެވެ. އެހެންނަމަވެސް ފިލަޑެލްފިއާ އެސްއީ ސެމިކޮންޑަކްޓާ އިންޑެކްސް އަދިވެސް އުޅެނީ 2026 ވަނަ އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 60 އިންސައްތަ މަތީގައެވެ.

އެރީނާ ޕްރައިވެޓް ވެލްތުގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު އެރިކް ކްރެޓްޒް ވިދާޅުވީ، އޭއައިގެ ކުރިއެރުން މަޑުޖެހިއްޖެނަމަ އެންމެ ބޮޑު އަސަރެއް ކުރާނީ އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކުންފުނިތަކަށް ކަމަށްވާތީ ބާޒާރުން އެ ކުންފުނިތަކަށް ކުރާ ޕްރެޝަރު ބޮޑީ ކަމަށެވެ. ނަމަވެސް ސީއީއޯއިން ސަލާމަތީ ފިޔަވަޅުތަކަށް ގޮވާލުމަކީ އިންފްރާސްޓްރަކްޗާ ބިނާކުރުން ހުއްޓޭނެ ކަމެއް ނޫންކަމަށާއި، ރަނގަޅު ސަލާމަތީ އޮނިގަނޑެއް އޮތުމަކީ ދިގު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އޭއައިއާ މެދު އުފެދިފައިވާ މި ކަންބޮޑުވުންތަކާއެކު، 2025 ވަނަ އަހަރުގެ ކުރީކޮޅު ޗައިނާގެ ޑީޕްސީކް އޭއައި މޮޑެލް ނުކުތުމާއެކު އޭއައި އިންފްރާސްޓްރަކްޗާއަށް ކުރާ ހޭދައާމެދު އުފެދުނު ސުވާލުތަކާއި އެކު ބާޒާރަށް އައި ކުޑަ ލޮޅުން އިންވެސްޓަރުންގެ ހަނދާނަށް ވަނީ އައިސްފައެވެ. ނަމަވެސް މިހާރު އިންވެސްޓަރުން ދަނީ ސަރުކާރުތަކުން އަޅާފާނެ ހަރުކަށި ފިޔަވަޅުތައް ފަދަ މާ ފުޅާ ދާއިރާއެއްގެ ރިސްކުތަކާމެދު ވެސް ވިސްނަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެފައިވަނީ އޭއައިގެ ސަބަބުން ކުރިމަތިވާނެކަމަށް ބުނާ ނުރައްކާތަކަކީ ދޮގެއް ކަމަށާއި، އެކަމަށް ގަވާއިދުތަކެއް ހެދުމުގެ މުހިންމުކަން ކުޑަކަމަށެވެ. އެހެންނަމަވެސް އެރިކް ކްރެޓްޒް ވިދާޅުވީ އަސްލު ނުރައްކަލަކީ އޭއައިގެ ތަރައްގީ މަޑުޖެހުން ނޫން ކަމަށާއި، ސަރުކާރުތަކުން ގަވާއިދުތައް ހެދުމުގައި މާ ހަރުކަށިވުން ކަމަށެވެ.

ގޯލްޑްމަން ސެކްސްގެ އޯލްޓަނޭޓިވްސްގެ ޕްރައިވެޓް އިކުއިޓީގެ ކޯ-ހެޑް މައިކަލް ބްރޫން ވިދާޅުވިގޮތުގައި، ގަވާއިދުތަކަށް އަންނަ ބަދަލުތަކާއި، ޖިއޯޕޮލިޓިކަލް މައްސަލަތަކުގެ އިތުރުން ޓެކްނޮލޮޖީއަށް އަންނަ އައު ބަދަލުތަކަށް އިންވެސްޓަރުން ދަނީ ފާރަވެރިވަމުންނެވެ. އެހެންނަމަވެސް އޭއައިގެ މައިގަނޑު ދާއިރާތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް އަދިވެސް އޮތްކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އޭއައިއާމެދު ޝައްކުތައް އުފެދެމުންދާއިރު، އެސްއެންޑްޕީ 500 އަދި ނަސްޑެކް ކޮމްޕޮސިޓް އިންޑެކްސް ވެސް އުޅެނީ އެންމެ މައްޗަށް އެރި މިންވަރަށްވުރެ 2 އިންސައްތަ ދަށުގައެވެ. މީގެއިތުރުން ބޮންޑް ޔީލްޑް މަތިވުމާއި، ތެލުގެ އަގު އުފުލުމާއި، އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް ފެޑެރަލް ރިޒާވުން މި ހަފްތާގައި އިންޓްރެސްޓް ރޭޓް ބޮޑުކުރާނެކަމަށް ބެލެވުން ފަދަ އިގްތިސާދީ ގޮންޖެހުންތަކާ ވެސް ބާޒާރު ވަނީ ކުރިމަތިލާންޖެހިފައެވެ.

މައިންޑްސެޓް ވެލްތު މެނޭޖްމަންޓްގެ މެނޭޖިން ޕާޓްނަރު ޖޭމްސް ހަމްފްރީސް ވިދާޅުވީ، އޭއައި ސެމިކޮންޑަކްޓަރާއި އިންފްރާސްޓްރަކްޗާ ސްޓޮކްތަކުގެ އަގު އުފެދިފައިވަނީ އެއްވެސް ހުއްޓުމެއްނެތި އިންވެސްޓްމަންޓްތައް އިތުރުވަމުންދާނެ ކަމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ސިނާއަތުގެ ތެރެއިން އަމިއްލައަށް މި ކުރިއެރުން މަޑުޖައްސާލައި، ބާޒާރުގެ މައިގަނޑު އިންޖީނު ނިއްވާލައިފިނަމަ، އިގްތިސާދީ ގޮންޖެހުންތަކުގެ އަސަރު މުޅި ބާޒާރަށް ވަރަށް ބޮޑަށް ކުރާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް