އޭއައި މޮޑެލްތައް ތަރައްގީކުރާ މިންވަރު މަޑުޖައްސާލުމަށް އެންތްރޮޕިކްގެ ސީއީއޯ ގޮވާލައްވައިފި

އެންތްރޮޕިކް ކުންފުނީގެ ސީއީއޯ ޑާރިއޯ އަމޯޑޭއި --- ފޮޓޮ: ރޮއިޓާސް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުބައި ގޮތުގައި ބޭނުންކޮށްފާނެކަމުގެ ބިރު ބޮޑުވަމުންދާތީ، އޭއައި މޮޑެލްތަކުގެ ގާބިލުކަން ތަރައްގީކުރަމުންދާ ދުވެލި މަޑުޖައްސާލުމަށް އެންތްރޮޕިކް ކުންފުނީގެ ސީއީއޯ ޑާރިއޯ އަމޯޑޭއި، އޭއައި ކުންފުނިތަކަށް ގޮވާލައްވައިފިއެވެ.

އިއްޔެ އެކްސްގައި އާންމުކުރެއްވި ދިގު މަޒުމޫނެއްގައި އޭނާ ވަނީ، އޭއައި ތަރައްގީކުރާ މިންވަރު ކޮންޓްރޯލްކޮށް، އޭގެ ނުރައްކާތައް ކުޑަކުރުމަށް ވަގުތު ހޯދުމުގެ ގޮތުން ތިން މަރުހަލާއެއްގެ މައްޗަށް އެކުލެވޭ އޮނިގަނޑެއް ހުށަހަޅުއްވާފައެވެ. އަމޯޑޭއި ވިދާޅުވީ އޭއައި މޮޑެލްތައް ކުރިއަރަމުންދާ މިންވަރު މަޑުޖައްސާލަން ޖެހޭ ކަމަށާއި، އެކަމުން ލިބޭ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭނެ ކަމަށެވެ.

އޭނާ ހުށަހެޅުއްވި ތިން މަރުހަލާގެ ޕްލޭންގައި ހިމެނެނީ، ކުންފުނީގެ މުވައްޒަފުންނާ އެއްވަރުގެ އެކްސެސް ލިބޭނެހެން މިނިވަން އިވެލުއޭޓަރުން އައްޔަންކޮށް ސަލާމަތީ ކަންކަން ކަށަވަރުކުރުމާއި، އޭއައި ކުންފުނިތައް ގުޅިގެން ސަލާމަތީ މިންގަނޑުތައް ކަނޑައެޅުމުގެ އިތުރުން، އޭއައިގެ ނުރައްކާތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރުމެވެ. އަމޯޑޭއި ވިދާޅުވީ މިއީ އޭއައިގެ ތަމްރީނުތައް ހުއްޓާލުން ނޫން ކަމަށާއި، ނަމަވެސް ކުންފުނިތަކުން އޭއައި މޮޑެލްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ވަގުތު ހޯދުން ކަމަށެވެ.

https://sun.mv/226070

އަމޯޑޭއިގެ މި ހުށަހެޅުމަށް އެކްސްއޭއައިގެ ވެރިޔާ އީލޮން މަސްކާއި އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން ވަނީ ތާއީދުކުރައްވާފައެވެ. އޯލްޓްމަން ވިދާޅުވީ މިނިވަން އިވެލުއޭޓަރުންނަށް އެކްސެސް ދިނުމަކީ ވަރަށް ރަނގަޅު ޚިޔާލެއް ކަމަށާއި، އޯޕަންއޭއައި އިން ވެސް އެގޮތަށް އަމަލުކުރާނެ ކަމަށެވެ.

އަމޯޑޭއި މިފަދަ މަޒުމޫނެއް އާންމުކުރައްވާފައި މިވަނީ، އެންތްރޮޕިކްގެ ކްލޯޑް އޭއައި މޮޑެލްތައް ބޭނުންކޮށްގެން ހަތިޔާރު އުފެއްދުމާއި، ސައިބާ އޮޕަރޭޝަންތަކާއި، ފާރަލުމުގެ އިތުރުން މަކަރާއި ހީލަތް ހެދުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވާކަން ހާމަކޮށް ބުރާސްފަތި ދުވަހު އެ ކުންފުނިން ރިޕޯޓެއް ނެރެފައިވަނިކޮށެވެ. މީގެ އިތުރުން ޖުލައި މަހު ހެދި ސައިބާ ސެކިއުރިޓީ ޓެސްޓުތަކެއްގެ ތެރެއިން ކްލޯޑް މޮޑެލްތަކެއް ތިން ކުންފުންޏެއްގެ ސިސްޓަމްތަކަށް ވަދެފައިވާކަން ވެސް އެ ކުންފުނިން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.

އަމޯޑޭއި އިންޒާރު ދެއްވި ގޮތުގައި އޭއައި އަމިއްލައަށް ކުރިއަރަމުންދާ ބާރުމިނަށް ބަލާއިރު، ކުރިއަށް އޮތް ހަ މަހާއި 12 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އޭއައި އެޖެންޓުންގެ ބޮޑު ގްރޫޕަކުން މުޅި އިންޓަނެޓް ކޮންޓްރޯލްކޮށް، އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ގެއްލުން ދިނުމަކީ އެކަށީގެންވާ ކަމެކެވެ.

އޭއައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކާ މެދު ކަންބޮޑުވުން އިތުރުވެފައިވާއިރު، އެންތްރޮޕިކްގެ ރިސާޗަރެއް ކަމަށްވާ ޖޭކޮބް ކޮކްސަން ވަނީ، މި ދިހަ އަހަރު ނިމުމުގެ ކުރިން އޭއައިގެ ސަބަބުން އިންސާނިއްޔަތު ނެތިގެން ހިނގައިދާނެ ކަމަށް އޭއައި އުފައްދާ މީހުން ގަބޫލުކުރާ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އޭއައިގެ ނުރައްކާތައް އިތުރުވަމުންދާއިރު، އޯޕަންއޭއައިގެ އޭއައި އެޖެންޓުންތަކެއް ޖަރުމަނުގެ ވެބްސައިޓެއް ހައިޖެކްކޮށްފައިވާކަމާއި، އަދި ހަގިންގް ފޭސްގެ އޯޕަން ސޯސް ރިޕޮޒިޓަރީއަށް ދިން ހަމަލާއާ ގުޅިގެން އޯޕަންއޭއައިގެ އިސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ރޮއިޓާސް އިން ވަނީ ރިޕޯޓުކޮށްފައެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވެސް އަންނަނީ އޭއައި ކޮންޓްރޯލްކުރުމަށް އާ ގަވާއިދުތަކެއް ހެދުމަށް ގޮވާލައްވަމުންނެވެ.

ސަލާމަތީ ގޮތުން ކަންބޮޑުވުންތައް ހުރި ނަމަވެސް، އޯޕަންއޭއައި އާއި އެންތްރޮޕިކް ފަދަ ކުންފުނިތަކުން އަންނަނީ އައިޕީއޯއަކަށް ތައްޔާރުވަމުންނެވެ. އެހެންކަމުން އޭއައި މޮޑެލްތަކަށް ގެންނަ ކޮންމެ އާ ކުރިއެރުމަކީ މާލީ ގޮތުން ފައިދާތަކެއް ލިބޭނެ ކަމަކަށް ވާތީ، ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. އަމޯޑޭއި ވިދާޅުވީ އޭއައި ކުންފުނިތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި އެމެރިކާގެ އެންޓިޓްރަސްޓް ގާނޫނުތަކަށް ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށެވެ.

މީގެ އިތުރުން، އޭއައިގެ ދާއިރާއިން ޗައިނާއަށް ވުރެ ކުރީގައި އޮތުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި، އަމޯޑޭއި ވަނީ އޭއައި މޮޑެލްތައް ތަރައްގީކުރުން މަޑުޖައްސާލަންވާނީ އެމެރިކާގެ ކުންފުނިތަކަށް ލިބިފައިވާ ކުރިއެރުން ދެމެހެއްޓޭނެ މިންވަރަކަށް ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާއިން މި ދާއިރާއިން ކުރިއެރުން ހޯދިޔަ ނުދިނުމަށްޓަކައި އެޑްވާންސް އޭއައި ޗިޕްތަކާއި މޮޑެލް ވޭޓްސް ވަގަށް ނެގުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އޭނާ ގޮވާލެއްވިއެވެ.

comment ކޮމެންޓް