މީހުން ދައްކާ ވާހަކަތައް އަޑުއަހައި، މައުލޫމާތު ރެކޯޑުކޮށްގެން ކެލެންޑަރު ރިމައިންޑަރާއި އޭއައި މައުލޫމާތު ފޯރުކޮށްދޭ އާ ދެ ޑިވައިސެއް އެމެރިކާގެ އެމަޒޯން ކުންފުނިން ނެރެފިއެވެ. މި ޑިވައިސްތައް ނެރެފައިވަނީ މިދިޔަ އަހަރު އެމަޒޯންއިން ގަނެފައިވާ "ބީ" ބްރޭންޑްގެ ދަށުންނެވެ.
އެމަޒޯނުން ތައާރަފުކުރި ދެ ޑިވައިސްގެ ތެރޭގައި ހިމެނެނީ އަތުގައި އަޅާ ގަޑިއެއްގެ ސިފައަށް ތައްޔާރުކޮށްފައިވާ 75 ޑޮލަރުގެ "ފްރަންޓިއާ" އާއި، ސްމާޓްފޯނުގައި ހަރުކުރެވޭ ގޮތަށް ޕޯޓަބަލް މެގްނެޓިކް ޗާޖަރެއްގެ ސިފައަށް ހަދާފައިވާ 100 ޑޮލަރުގެ "އެކްލިޕްސް" އެވެ. މި ޑިވައިސްތަކުން ދުވާލުގެ އެކި ވަގުތުތަކުގައި ކެލެންޑަރާއި، އެޕްލިކޭޝަންތަކާއި، އެނޫންވެސް އެކި މަސްދަރުތަކުން މައުލޫމާތު އެއްކުރާނެ ކަމަށް އެމަޒޯނުން ބުނެއެވެ.
ސަން ފްރާންސިސްކޯގައި ބޭއްވި ޓެކްކްރަންޗް ޑިސްރަޕްޓް ކޮންފަރެންސްގައި އެމަޒޯންގެ ޑިވައިސްތަކާ ބެހޭ ވެރިޔާ ޕާނޯސް ޕަނާއި ވިދާޅުވީ، މި ޑިވައިސްތަކުން މުޅި ދުވަހު ދައްކާ ވާހަކަތައް އަޑުއަހާނެ ކަމަށެވެ. އަދި ދައްކާފައިވާ ވާހަކަތަކާއި، ކުރަންޖެހޭ ކަންކަމުގެ އިތުރުން އެހެން މީހުންނަށް ކޮށްދިނުމަށް އެއްބަސްވެފައިވާ ކަންކަންވެސް މި ޑިވައިސްތަކުން ހަނދާންކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޑިވައިސްތަކުގައި ޕްރައިވެސީ ކަންބޮޑުވުމެއް ނުވާނެކަމަށް އެމަޒޯނުން ބުނޭ ---މީގެއިތުރުން، ޑިވައިސް އޮންކޮށްފައި ހުންނަ އިރު އަބަދު އަޑުއަހަމުންދާތީ، އަމިއްލައަށް ރިމައިންޑަރު ހަދަން ނުޖެހި، ދުވަހުގެ މަސައްކަތްތަކަށް ސަމާލުކަން ދީގެން ހުރުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕްރައިވަސީއާ މެދު އުފެދޭ ކަންބޮޑުވުންތަކާ ގުޅޭގޮތުން އެމަޒޯނުން ބުނީ، ޑިވައިސް އޮންކުރާނެ ވަގުތު ނިންމުމާއި، ކުރީގެ ވާހަކަތަކާއި މައުލޫމާތުތައް ފޮހެލުމުގެ ފުރިހަމަ ބާރު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. އަދި އޯޑިއޯ ރެކޯޑިންތައް ކުންފުނިން ރައްކާކޮށްފައި ނުބަހައްޓާނެ ކަމަށްވެސް އެމަޒޯނުން ބުނެއެވެ.
މީގެކުރިން 2019 ވަނަ އަހަރު އެމަޒޯންގެ އެލެކްސާ މެދުވެރިކޮށް ދައްކާ ވާހަކަތައް އެތައް ހާސް މީހުން އަޑުއަހަމުންދިޔަ ކަމަށް ތުހުމަތުކުރެވި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އަދި އެ މައްސަލައިގައި ކޯޓު ދައުވާއެއްވެސް އުފުލިފައިވާއިރު، އެމަޒޯނުން ވަނީ އެކަމުގައި ގޯހެއް ހަދާފައިނުވާނެ ކަމަށް ބުނެފައެވެ.
"ބީ" ޑިވައިސްތަކުން މައުލޫމާތު ރައްކާކޮށްފައި ބަހައްޓާނީ 14 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް މަހަކު 12 ޑޮލަރުގެ ސަބްސްކްރިޕްޝަނެއް ދައްކައިގެން މުއްދަތު އިތުރުކުރެވޭނެއެވެ. އަދި މި ޑިވައިސްތައް އެމަޒޯންގެ އޭއައި ވޮއިސް ހިދުމަތް ކަމަށްވާ "އެލެކްސާ ޕްލަސް" އާވެސް ގުޅުވާލެވޭނެއެވެ.
އެމަޒޯންގެ މި އާ ޑިވައިސްތަކަށް ވާދަވެރިކަން ކުރިމަތިވާނެ ފަރާތްތަކުގެ ތެރޭގައި މެޓާގެ "މިއުސް ޗާމް" ޕެންޑަންޓާއި މެޓާގެ ސްމާޓް އައިނު ހިމެނެއެވެ. މީގެއިތުރުން ވާހަކަތައް ރެކޯޑުކޮށް މައުލޫމާތު އެއްކުރާ އޭއައި ވެއަރަބަލް ޑިވައިސްތައް އުފައްދާ އެހެން ކުންފުނިތަކާވެސް އެމަޒޯނުން ވާދަކުރަންޖެހޭނެއެވެ.
މިއީ މަތީ ފެންވަރުގެ އަދި ގިނަ ދުވަހު ހިފަހައްޓާ އުފެއްދުންތަކަށް އިސްކަންދީގެން ކަސްޓަމަރުން އަތުލުމަށް ޕާނޯސް ޕަނާއި ކުރައްވަމުންދާ މަސައްކަތުގެ ބައެކެވެ.
އެމަޒޯނުން އެންމެ ފަހުން ނެރުނު ޓެބްލެޓްތަކުގެ އަގު ކުރީގެ ޓެބްލެޓްތަކަށްވުރެ ތިންގުނަ ބޮޑެވެ. މީގެއިތުރުން، ފަޔާ ފޯން ނަކާމިޔާބުވިތާ ދިހަވަރަކަށް އަހަރު ފަހުން، އެމަޒޯނުން އަލުން ސްމާޓްފޯން މާކެޓަށް ވަނުމަށް ވިސްނަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.