މާލޭގެ ޓްރެފިކް ހައްލުކުރާ އިދާރާގެ ވެރިޔަކަށް މާނިޢު

ކުރީގެ ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ޔޫސުފް މާނިޢު: މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރު ގިނަވުމުގެ މައްސަލަ ހައްލުކުރުމަށް އުފެއްދި ޚާއްސަ އޮފީހުގެ ވެރިޔަކަށް އޭނާ ވަނީ އައްޔަންކޮށްފައި -- ފޮޓޯ: ޓުވިޓާ

މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރު ގިނަވެ، ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އުފެއްދި ޚާއްސަ އޮފީހުގެ ވެރިޔަކަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޔޫސުފް މާނިޢު މުޙައްމަދު އައްޔަންކޮށްފިއެވެ.

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިދާރާއެއް އުފެއްދެވީ މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހެވެ. އެ އިދާރާ އުފެއްދެވިތާ ދެ މަސް ދުވަސްވީއިރު އަދިވެސް ރަސްމީކޮށް އެ އިދާރާގެ މަސައްކަތްތައް ފަށައިފައި ނެތެވެ.

ރަސްމީކޮށް އެކަން އަދި އިއުލާނުނުކުރި ނަމަވެސް، އެ އިދާރާގެ ވެރިޔަކަށް މާނިޢު އައްޔަންކުރިކަން އޭނާ މިއަދު ވަނީ 'ސަން'އަށް ކަށަވަރުކޮށްދެއްވައިފައެވެ.

މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުކުރުމަށް އުފެއްދި މި އިދާރާ ހިންގާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ، މިއީ މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެ ކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށް އުފެއްދި އިދާރާއެއް ކަމަށެވެ.

މީގެ އިތުރުން، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، މައްސަލަތައް ހައްލުކުރުން ފަދަ ކަންކަމުގައި އެ އިދާރާގެ ދައުރު ބޮޑުވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އުޅަނދުފަހަރު ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން އޮފީހެއް އުފެއްދިއިރު، ފާހަގަކުރެވޭ ގޮތުގައި މާލޭ ސަރަހައްދުގައި އުޅަނދުފަހަރު ގެންގުޅެނީ އެކަށީގެންވާ ވަރަށްވުރެ އިތުރަށެވެ.

https://sun.mv/224750

މި އިދާރާ އުފެއްދުމާ ގުޅިގެން މާލޭގެ މޭޔަރު އާދަމް ޢާޒިމް އޭރު ވިދާޅުވިގޮތުގައި، ތޮއްޖެހިފައިވާ މާލޭގެ ޓްރެފިކް މައްސަލަ ޙައްލުކުރުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. އެއީ ސަރުކާރުން ޒިންމާވާންޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ ޢާޒިމް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށްޓަކައި ޔޫނައިޓަޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް)އާ ގުޅިގެން ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މާނިއު މި ސަރުކާރުގައި ފުރަތަމަ ހުންނެވީ ކަސްޓަމްސްގެ ވެރިއަކަށެވެ. ފަހުން އޭނާ ވަނީ އެ މަގާމުން ވަކި ކުރައްވައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފައެވެ. ސްޓޭޓް މިނިސްޓަރުކަމުން މާނިއު އިސްތިއުފާ ދެއްވީ 2024 ޖުލައި 24 ގައެވެ.

comment ކޮމެންޓް