މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަކީ ކައުންސިލްގެ ޒިންމާއެއް، ސަރުކާރުން ފޯރުކޮށްދޭންވީ އެހީ: އާޒިމް

މާލޭގެ މަގެއް: މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ ޒިންމާ އޮތީ ސިޓީ ކައުންސިލަށް ކަމަށް މޭޔަރު އާޒިމް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތޮއްޖެހިފައިވާ މާލޭގެ ޓްރެފިކް މައްސަލަ ޙައްލުކުރުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި، އެއީ ސަރުކާރުން ޒިންމާވާންޖެހޭ ކަމެއް ނޫންކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރު ގިނަވެ ދިމާވަމުން އަންނަ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އޮފީހެއް އުފައްދަވައިފައިވާކަން މި ހަފުތާގައި އިއުލާންކުރައްވައިފައި ވަނިކޮށެވެ.

އެ ނިންމުމާ ގުޅުވައި، ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މާލޭގެ ޓްރެފިކް އަދި ޕާކިން މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެ ކަމަށް ހައްލެއް ހޯދުމަށް ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) އާ ގުޅިގެން ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ. އެއީ އަޅުގަނޑުމެންނަކީ މި ކަމުގެ ޒިންމާވާ ފަރާތްކަމަށްވާތީ. އެ ބޭފުޅުންނަކީ ޒިންމާވާ ފަރާތެއް ނޫން. އަޅުގަނޑުމެންނަށް އުނދަގޫވާ ކަންކަން ނުކުރައްވާ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

މޭޔަރު ވަނީ ރައްޔިތުންނަށް ޓަކައި ޓްރެފިކް މައްސަަލަ ހައްލުކުރުމަށް އެކުގައި މަސައްކަތްކުރަން ކައުންސިލް އަބަދު ވެސް އޮންނާނީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.

ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއާ ގުޅޭގޮތުން ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ ސެކްޝަން ޗީފް ކެޓްރިން ލޫގަ ވަނީ މި އަހަރުގެ އޭޕްރީލް މަހު މޭޔަރު ޢާޒިމާ ބައްދަލުކުރައްވާފައެވެ. މި މަޝްރޫއަށް ބޭނުންވާ ފަންޑު ފޯރުކޮށްދެނީ ޔޫއެންއެސްކެޕުންނެވެ.

https://sun.mv/224061

ކައުންސިލުން ޔޫއެންއެސްކެޕްއާ ގުޅިގެން މިދިޔަ މަހު ވަނީ، މާލޭގެ ތޮއްޖެހޭ މައްސަލަ ހައްލުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މާލެއަކީ ހިނގާބިނގާވެ އުޅެން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ "އާބަން މޮބިލިޓީ ސާވޭ" ގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް ފަށައިފައެވެ.

ސިޓީ ކައުންސިލުން ވަނީ އެ ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލަނީ އުޅަނދުތަކުގެ ޢަދަދާއި ދަތުރުފަތުރުގެ ވަސީލަތްތަކާއި ނިޒާމުގައި ހުރި ގޮންޖެހުންތަކަށް ކަމަށް ބުނެފައެވެ.

https://sun.mv/224553

ރައީސް އުފެއްދެވި އޮފީހަށް ދީފައިވާ ނަމަކީ، "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެ އޮފީސް ހިންގާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުންނެވެ.

އެއީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެ ކަމަށް އަވަސް ޙައްލެއް ހޯދުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށް ރައީސް ހެއްދެވި އޮފީހެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

comment ކޮމެންޓް