ބޭންކުން ލޯނު ދޫކުރާ އުމުރު 75 އަހަރަށް ވުރެ އިތުރުކުރުމަށް ގައުމީ ބޭންކު ބީއެމްއެލްގައި އެދިވަޑައިގެންފައިވާނެ ކަމަށާއި އެ ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީގައި ވެސް ދަންނަވައިފައިވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ 'ޕީއެސްއެމު'ން ގެނެސްދިން މި ހަފުތާގެ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި އުމުރުން ދުވަސްވީ މީހަކު ވަނީ އެ މީހުންނަށް ލޯނު ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އަޅުގަނޑު ހިތަށް އަރާ އެއްޗަކީ މުސްކުޅިވިޔަސް ޒުވާން ވިޔަސް މަރުވާންވީމަ މަރުވެޔޭ އެބަ، ދެން އަނެއްކޮޅުން މުސްކުޅިވިޔަސް ވާނެ ގޮތަކީ އެސެޓް މޯގޭޖުކޮށްފައި އޮވޭ، އެހެންވީމާ އަޅުގަނޑުގެ ގެ ހަދަން އަޅުގަނޑު ނަގައިފިއްޔާ، މިސާލަކަށް 10 ބުރިއަށް އެތަން ހެދޭ، ދިހަ ބުރިއަށް ހަދައިފިއްޔާ އަގު ހުންނާނެ، އެހެން ވެއްޖިއްޔާ އަޅުގަނޑު ލާރި ނުދައްކައިފިއްޔާ އެތަން ނެގޭނެ ދެއްތޯ،" އެ މީހާ ބުންޏެވެ.
އެހެންކަމުން މުސްކުޅިންނަށް ލޯނު ލިބޭނެ ގޮތެއް ފަސޭހަކޮށްދިނުމަށް އެ މީހާ ވަނީ އެދިފައެވެ.
އެ މީހާގެ ކަންބޮޑުވުމާ ގުޅިގެން ރައީސް ވިދާޅުވީ ރާއްޖޭގެ އެވަރެޖު އުމުރު ކުރިއާ އަޅާ ބަލާއިރު އިތުރުވެއްޖެ ކަމަށެވެ.
ބޭންކުން ލޯނު ދޫކުރާ އެންމެ މަތީ އުމުރަކީ 60 އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ.
"ދެން އަޅުގަނޑު ދެންނެވިން ބޭންކުގައި އެއަށް ބަދަލެއް ގެނެސްދޭށޭ، ދެން ކަމާބެހޭ ވުޒާރާގައި ފިނޭންސް މިނިސްޓްރީގައި ދަންނަވައިފައި ވާނެ، ދެން އަޅުގަނޑު އެދިފައި އޮންނާނީ 75 އަހަރާ ހަމައަށް ނުވަތަ އެއަށް ވުރެ ވެސް މައްޗަށް އޭޖް ލިމިޓް [އިތުރުކޮށްދިނުމަށް]..... މިހާރު ވެސް ހީވަނީ ބަދަލުތަކެއް ގެނެސްފަހެން އޮތީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ބޭންކުން ވަނީ ލޯނު ނެގޭ އެންމެ މަތީ އުމުރަކީ 75 އަހަރު ކަމަށް މިދިޔަ އޭޕްރިލް މަހު ކަނޑައަޅައިފައެވެ.