ސަން ޕޯލް: 52 ޕަސެންޓް މީހުން ބުނަނީ މުވައްޒަފުން މަދުކުރާ އުސޫލު ރަނގަޅު ކަމަށް

--- ފޮޓޯ: ފެނަކަ ނޭކުރެންދޫ ބްރާންޗް

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް، ސަން އޮންލައިނުން ކުރިއަށްގެންދިޔަ ޚިޔާލު ހޯދުމުގެ ޕޯލެއްގައި ބައިވެރިވި ގިނަ މީހުން ބުނެފިއެވެ.

ފާއިތުވި ހަފުތާގައި ސަން އޮންލައިނުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލި މި ޕޯލްގައި މައިގަނޑު ގޮތެއްގައި އަހާފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ސައިޒު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. "ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރާ އުސޫލާ މެދު ދެކެނީ ކިހިނެއް؟" މި ސުވާލުގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދިޔަ މި ޕޯލްގައި އާންމުންގެ ގިނަ ބަޔަކު ވަނީ އެ މީހުންގެ ޚިޔާލު ފާޅުކޮށްފައެވެ.

https://www.sun.mv/polls/10/results

މި ޕޯލްގެ ނަތީޖާއަށް ބަލާއިރު، ވޯޓުދިން މީހުންގެ ތެރެއިން 52 އިންސައްތަ މީހުން ބުނެފައިވަނީ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަކީ "ކޮންމެހެން ކުރަން ޖެހޭ ކަމެއް" ކަމަށެވެ. ނަމަވެސް، މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ގޮތާ މެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އެގޮތުން، ޕޯލްގައި ބައިވެރިވި 42.4 އިންސައްތަ މީހުން ވޯޓުދީފައިވަނީ މުވައްޒަފުން މަދުކުރުމަށް "ކުރާގޮތް ކަމަކު ނުދޭ" ކަމަށް ބުނެފައިވާ އިޚުތިޔާރަށެވެ. މީގެ އިތުރުން، ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަކީ "ކުރަން ޖެހޭ ކަމެއް ނޫން" ކަމަށް ބުނެފައިވަނީ އެންމެ 5.6 އިންސައްތަ މީހުންނެވެ.

މި ނަތީޖާއިން ދައްކާ ގޮތުގައި، ކުންފުނިތަކުގެ ސައިޒު ކުޑަކުރުމަށް އާންމުން ތާއީދުކުރި ނަމަވެސް، އެކަން ތަންފީޒުކުރަމުންދާ ގޮތާ މެދު އާންމުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގާފައެވެ. މި އެންގުމާ ގުޅިގެން ޕީސީބީން ވަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ކުންފުނިތަކަށް އަންގާފައެވެ. އޭގެ ތެރޭގައި އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި، ކޮންމެހެން ދޭންޖެހޭ ޕްރޮމޯޝަންތައް ފިޔަވައި އެހެން ޕްރޮމޯޝަންތައް ދިނުން މަޑުޖައްސާލުމާއި، އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލުތައް ހަރުކަށިކުރުން ހިމެނެއެވެ. މީގެ އިތުރުން، ކުންފުނިތަކުން ކުރާ ދަތުރުތަކާއި އެހެނިހެން ޚަރަދުތައް ވެސް ކުޑަކުރުމަށް ވަނީ އަންގާފައެވެ. މި ފިޔަވަޅުތަކާ އެކު، ބައެއް ކުންފުނިތަކުން މިހާރު ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފައެވެ.

ރާއްޖޭގެ ސިޔާސީ ތާރީޚުގައި ސަރުކާރު ކުންފުނިތަކަކީ ސިޔާސީ ބޭނުންތަކަށް ވަޒީފާ ބަހާ ތަންތަނުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އެކި ސަރުކާރުތަކުން އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ކުންފުނިތަކަށް ވެއްދުމުގެ ސަބަބުން، ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު ބޮޑުވެ، ދައުލަތުގެ ބަޖެޓަށް ވަނީ ބޮޑު ބުރައަކަށް ވެފައެވެ. މިކަމުގެ ސަބަބުން ކުންފުނިތަކަށް ލިބޭ އާމްދަނީއަށް ވުރެ މުވައްޒަފުންނަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ، ކުންފުނިތައް ދަރަނިވެރިވުމަށް ވަނީ މަގުފަހިވެފައެވެ.

ސަން އޮންލައިންގެ މި ހަފުތާގެ ޕޯލްގައި އަހާފައިވާ ސުވާލަކީ "ދައުލަތުގެ އެކި ވަޒީފާތަކަށް ޚާއްސަ ހެލްތު އިންޝުއަރެންސް ނިޒާމެއް އޮންނަން ޖެހޭތަ؟" މި ސުވާލެވެ. ތި ބޭފުޅުންގެ ހިޔާލު ހިއްސާ ކުރައްވަމުން ގެންދަވާށެވެ.

comment ކޮމެންޓް