ރާއްޖޭގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށެއްގައި އިމާރާތެއްގެ މަތިން މިއަދު ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ރ. ފުއްގިރީގައި ހިނގި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 15:58 އެހައިކަންހާއިރު ކަމަށެވެ. އެގޮތުން އެ ރަށުގައި އިމާރާތެއްގެ ގާތްގަނޑަކަށް 25 ފޫޓު މަތިން ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ ފިރިހެނަކު ވެއްޓިފައިވާ ކަމަށް މައުލޫމާތު ލިބުނު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ އޭނާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހާގެ ހާލު މިވަގުތު ސީރިއަސް ނޫންކަމަށް ފުލުހުންގެ މެސެޖުގައިވެއެވެ.
އެ ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
އިމާރާތްކުރުުމުގެ މަސައްކަތުގައި އުޅެނިކޮށް މީގެ ކުރިން ވެސް މިފަދަ ނުރައްކާތެރި ހާދިސާތައް ދިމާވެފައި އެބަހުއްޓެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު މާލޭގެ އިމާރާތަކުން ވެއްޓި، 30 އަހަރުގެ ބިދޭސީ ފިރިހެނަކު މަރުވެފައިވެއެވެ.