އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ބުލީކޮށް، ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އަޕާ ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް މިފަދަ އަނިޔާތަކެއް ދީފައިވާ ކަމަށް ބުނެ އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި، ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކާ ގުޅިގެން މިހާރު ތަހުގީގު ފަށާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އާންމު ރައްޔިތުންނާއި މީޑިއާތަކަށް މުހިންމު އިލްތިމާސެއް ކޮށްފައެވެ. އެގޮތުން، މި ހާދިސާއާ ގުޅޭ އެއްވެސް ވީޑިއޯއެއް ނުވަތަ އަނިޔާ ލިބުނު ކުއްޖާގެ އައިޑެންޓިޓީ އެނގޭ ފަދަ އެއްވެސް މައުލޫމާތެއް މީސްމީޑިއާގައްޔާއި އެހެނިހެން މީޑިއާތަކުގައި ޝާއިއުނުކުރުމަށާއި، އެފަދަ ތަކެތި އިތުރަށް ދައުރުނުކުރުމަށް ފުލުހުން އެދިފައިވެއެވެ.

ފުލުހުން ފާހަގަކުރި ގޮތުގައި، މިފަދަ މައުލޫމާތާއި ވީޑިއޯތައް އާންމުކުރުމަކީ އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެ އަދި އެކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުން އިތުރު ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެކެވެ. އެހެންކަމުން، ކުޑަކުދިންގެ ރައްކާތެރިކަމާއި ގުޅުންހުރި މިފަދަ ނާޒުކު މައްސަލަތަކުގައި މައުލޫމާތު ހިއްސާކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުވެ، ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް