ޙަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 3 ޕަސެންޓަށް ވުރެ ބޮޑަށް އުފުލިއްޖެ

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ތިން ޕަސެންޓަށް ވުރެ ބޮޑަށް އުފުލިއްޖެއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދުގެ 03:40 ހާއިރު ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ވަނީ ފީފާއަކަށް 107.82 ޑޮލަރަށް (3.1 ޕަސެންޓް) އުފުލިފައެވެ. އަދި ޑަބްލިއުޓީއައި ފިއުޗާސްގެ އަގު ވަނީ ފީފާއަކަށް 103.22 ޑޮލަރަށް (3.2 ޕަސެންޓް) އަރާފައެވެ.

މި ބަދަލު އައިސްފައިވަނީ ސައުދީ އަރަބިއްޔާގެ ތެލުގެ އިންފްރާސްޓްރަކްޗަރަށާއި ގަލްފުގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ބޯޓުފަހަރަށް ދިން އާ ހަމަލާތަކަކާ ގުޅިގެން، ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ކަންބޮޑުވުންތައް ބާޒާރުގައި އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ސައުދީ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، ޑްރޯން ހަމަލާއަކާ ގުޅިގެން ސައުދީގެ އީސްޓް-ވެސްޓް ތެޔޮ ހޮޅި ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ހޮރުމުޒް ކަނޑުއޮޅި ބޭނުންނުކޮށް ތެޔޮ އެކްސްޕޯޓުކުރުމަށް ސައުދީން ބޭނުންކުރާ މި ހޮޅި ބަންދުކުރުމުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ހަތަރު ޕަސެންޓަށް ނުރައްކާވެފައިވާ ކަމަށް އައިއެންޖީގެ ކޮމޮޑިޓީ ސްޓްރެޓެޖިސްޓުން ފާހަގަކުރެއެވެ. ނަމަވެސް، މި ހޮޅިއަށް ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމާއި، ހޮޅި ބޭނުންނުކުރެވި ކިހާ ދުވަހެއް ވާނެކަން އަދި ސާފުނުވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

ސިނާއަތުގެ ތިން މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ބުނި ގޮތުގައި، މި ހޮޅި ބަންދުކުރުމާއެކު ޔަންބޫ ޕޯޓުގައި މިހާރު ހުރީ އެންމެ ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތަކަށް އެކްސްޕޯޓުކުރެވޭ ވަރުގެ ތެލުގެ ސްޓޮކެކެވެ.

މީގެ އިތުރުން، ސައުދީގެ ދެކުނުން އޮންނަ ޖާޒާން ޕްރޮވިންސަށް ހޫތީން ދިން ކަމަށް ބުނާ ހަމަލާއެއްގައި ގެތަކަށާއި މިސްކިތަކަށް ގެއްލުންވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސައުދީގެ ދައުލަތުގެ މީޑިއާއިން އިއްޔެ ވަނީ އާންމުކޮށްފައެވެ. ހޫތީން ބުނެފައިވަނީ އިންވެގެން އޮންނަ ޕްރޮވިންސެއްގައި ހުރި ސައުދީގެ އަސްކަރީ މަރުކަޒަކަށް ވެސް ހަމަލާދީފައިވާނެ ކަމަށެވެ.

މި ހާދިސާތަކުގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ބޯޓަކަށް އަމާޒުކޮށް ފޮނުވާލި އެއްޗެއް ގޮވައި، ބޯޓުގައި ރޯވުމާ ގުޅިގެން ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ އޭޖެންސީ (ޔޫކޭއެމްޓީއޯ) އިން އިއްޔެ ބުނެފައިވެއެވެ. އަދި އީރާނުގެ އައްސޭރިފަށުން ދަތުރުކުރި އެ ގައުމުގެ ވިޔަފާރި ބޯޓަކަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް އީރާނުން ބުނެއެވެ.

ޔަމަނުގެ ހޫތީން ހުކުރު ދުވަހު ޕެރިމް ޖަޒީރާއަށް އަރައި، ބާބުލް މަންދަބް ކަނޑުއޮޅީގެ ކޮންޓްރޯލް ވަރުގަދަކޮށްފައިވާއިރު، މިއީ ފަހުގެ މަސްތަކުގައި ދުނިޔޭގެ ތެލުގެ ސަޕްލައިގެ ހަތަރު ޕަސެންޓާއި ފަސް ޕަސެންޓާ ދެމެދުގެ އަދަދެއް ދަތުރުކުރާ މުހިންމު މަގެކެވެ. މި މައްސަލަތަކާ ގުޅިގެން ހޮރުމުޒް ކަނޑުއޮޅީގެ މަސްރަހާ މެދު މަޝްވަރާކުރުމަށް ގަލްފުގެ ގައުމުތަކާއި އީރާނާ ދެމެދު އޮމާނުގައި ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ބައްދަލުވުން ފަސްކޮށްފައިވާ ކަމަށް އޮމާނުގެ ހާރިޖީ ވަޒީރު ބަދްރު އަލްބޫސައިދީ ވަނީ އެކްސްގައި ވިދާޅުވެފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ފާއިތުވި ހަފުތާގައި ތެލުގެ އަގު އަށް ޕަސެންޓް އުފުލިފައިވާއިރު، ޖުލައި މަހަށްފަހު ފުރަތަމަ ފަހަރަށް ތެލުގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައެވެ. މީގެ ހަ މަސް ކުރިން އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައާ ގުޅިގެން ސުލްހައިގެ އެއްވެސް މަޝްވަރާއެއް ކުރިއަށްގޮސްފައެއް ނުވެއެވެ. އަދި ޖޫން މަހު ވެވުނު ވަގުތީ އެއްބަސްވުން ރޫޅުމަށްފަހު، ސަރަހައްދީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ.

comment ކޮމެންޓް