ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ މައިކްރޮސޮފްޓްގެ "މައިކްރޮސޮފްޓް 365" ގެ ޚިދުމަތްތަކަށް ބޮޑު މައްސަލައެއް ދިމާވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އައުޓްލުކް އީމެއިލް، ޓީމްސް އަދި ކޯޕައިލެޓްގެ ޚިދުމަތްތަކަށް ބުރޫއަރައިފިއެވެ.
ބުރާސްފަތި ދުވަހު އެމެރިކާގެ ރަސްމީ މަސައްކަތު ގަޑީގައި ފެށުނު މި މައްސަލަ ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް ދިގުލައިގެން ގޮސް، އޭޝިއާ އާއި އޮސްޓްރޭލިއާގެ ގައުމުތަކަށްވެސް ވަނީ އޭގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
ޚިދުމަތްތަކަށް ބުރޫއަރާ މިންވަރު ދެނެގަންނަ ވެބްސައިޓެއް ކަމަށްވާ ޑައުންޑިޓެކްޓަރުން ދައްކާ ގޮތުގައި، ހަމައެކަނި އެމެރިކާގައިވެސް 130،000 އަށްވުރެ ގިނަ މީހުން ވަނީ އައުޓްލުކް ބޭނުންކުރުމުގައި ދަތިތަކެއް ހުރިކަން ރިޕޯޓުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މައިކްރޮސޮފްޓުން ބުނެފައިވަނީ ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ސާވާތަކެއް އޮފްލައިން ވުމުގެ ސަބަބުން، ބާކީ ހުރި ސާވާތަކަށް ޓްރެފިކްގެ ބާރު ބޮޑުވެ، ޚިދުމަތް މެދުކެނޑުނީ ކަމަށެވެ.
ޚާއްސަކޮށް އީމެއިލް، ކަލަންޑަރު އަދި ކޮންޓެކްޓްތައް ބަލަހައްޓާ "އެކްސްޗޭންޖް އޮންލައިން" ގެ ސާވާތަކުން ރައްކާތެރި ކަނެކްޝަންތައް ގާއިމުކުރާ މައިގަނޑު ޕްރޮސެސް އޯވަލޯޑްވެ، ސާވާތަކުގެ ހެލްތު ޗެކްތައް ފެއިލްވާން ފެށީ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މިއީ ސައިބާ ހަމަލާއެއްގެ ސަބަބުން ދިމާވި ކަމެއް ނޫންކަން ކަށަވަރުކޮށްދެމުން މައިކްރޮސޮފްޓުން ވަނީ، އެކްސްޗޭންޖް އޮންލައިންގެ މައްސަލަ (EX1550543) އަދި މައިކްރޮސޮފްޓް 365 ގެ މައްސަލަ (MO1550821) ވަކިން މޮނިޓާ ކުރަމުންދާ ކަމަށް ބުނެފައެވެ.
އައުޓްލުކްގެ އިތުރުން ޓީމްސް، ޝެއާޕޮއިންޓް އޮންލައިން، ވަންޑްރައިވް އަދި ކޯޕައިލެޓްގެ ބައެއް ފީޗާތަކަކީ އެކްސްޗޭންޖް އޮންލައިނާ ގުޅިފައިވާ ޚިދުމަތްތަކަކަށް ވާތީ، އެ ޕްލެޓްފޯމްތަކުގެ ބައެއް މަސައްކަތްތަކަށްވެސް ވަނީ ހުއްޓުން އަރާފައެވެ.
މީގެ އިތުރުން މައިކްރޮސޮފްޓްގެ ޚިދުމަތްތަކާ ގުޅުވައިގެން ބޭނުންކުރާ އޯޕަންއޭއައި އަދި އެންތްރޯޕިކްގެ އޭއައި އެސިސްޓެންޓްތަކަށް ވެސް ވަނީ މި މައްސަލައިގެ އަސަރު ކޮށްފައެވެ.
މި ހާދިސާގެ ސަބަބުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ މުވައްޒަފުންނާއި، ކެނެޑާގެ ކޯޓުތަކުގެ އިތުރުން ފިލިޕީންސްގެ ސުޕްރީމް ކޯޓުގެ އިދާރީ މަސައްކަތްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ.
އޮސްޓްރޭލިއާގެ ފެޑެރަލް ފުލުހުންނާއި އިންޓެލިޖެންސް އިދާރާ އަދި ޖަޕާނާއި ސިންގަޕޫރުގެ ސަރުކާރުގެ އީމެއިލް ނިޒާމުތަކަށް ވެސް މައްސަލަތައް ކުރިމަތިވިއިރު، އިންޑިއާގެ އެއާ އިންޑިއާ އާއި އިންޑިގޯ އެއާލައިންގެ ކަސްޓަމާ ސާވިސް އީމެއިލްތަކަށް ވެސް ވަނީ ބުރޫއަރާފައެވެ.
ހޮންކޮންގުގެ އެލްމިނިއަމް ކުންފުންޏަކަށް އެމެރިކާގެ ކަސްޓަމަރުންގެ އޯޑަރުތައް ނުލިބި އުފެއްދުންތެރިކަމަށް ހުރަސް އެޅިފައިވާއިރު، ޓައިވާނުގެ މާލީ އިދާރާއަކުން ވަނީ ކުރިން ތާވަލުކޮށްފައި އޮތް ބޮންޑު މުއާމަލާތެއް ވެސް ކެންސަލްކޮށްފައެވެ.
މައްސަލަ ހައްލުކުރުމަށް މައިކްރޮސޮފްޓުން ސާވާތައް ރީސްޓާޓްކޮށް އަލުން ޚިދުމަތް ދޭން ފެށި ނަމަވެސް، އާންމުން އަލުން ކަނެކްޓްވާން ފެށުމާއެކު ޓްރެފިކް ބާރުބޮޑުވެ ސާވާތައް އަނެއްކާވެސް ހުއްޓޭތީ ޚިދުމަތް އެއްކޮށް އިއާދަކުރުމަށް ވަނީ ގިނަ ވަގުތުތަކެއް ހޭދަވެފައެވެ.
މި މައްސަލަ 15 ގަޑިއިރަށްވުރެ ގިނައިރަށް ދިގުލައިގެން ގޮސްފައިވާއިރު، މައިކްރޮސޮފްޓުން ވަނީ ޖީމެއިލް ފަދަ އެހެން ޕްލެޓްފޯމްތަކުން ފޮނުވާ އީމެއިލްތައް ގެއްލުނަ ނުދިނުމަށްޓަކައި އީމެއިލް ޓައިމްއައުޓް ވިންޑޯ 48 ގަޑިއިރަށް އިތުރުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މައިކްރޮސޮފްޓަށް ފާޑުކިޔައި، ހަފުތާ ބަންދު އަވަހަށް ފެށުނީ ކަމަށް ބުނެ މަޖާ ޕޯސްޓުތައް ކުރަމުންނެވެ.
އަދި އެންމެ ޓެކްނޮލޮޖީ ކުންފުންޏަކަށް ބަރޯސާވުމުގެ ނުރައްކާ މި ހާދިސާއިން ހާމަވާ ކަމަށް ތަޖުރިބާކާރުން ބުނާއިރު، ޖަރުމަނުގެ ސްޓޭޓެއް ކަމަށްވާ ޝްލެސްވިގް-ހޯލްސްޓައިން އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މައިކްރޮސޮފްޓް ދޫކޮށް އޯޕަން-ސޯސް އީމެއިލް ނިޒާމަކަށް ބަދަލުވެފައެވެ.