މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ފުރަތަމަ ގެސްޓްހައުސް އެވޯޑުގެ "ޗެމްޕިއަން އައިލެންޑް" އެވޯޑު ފުވައްމުލަކުން ހޯދައިފިއެވެ.
މި އެވޯޑާއެކު ފުވައްމުލަކަށް ވަނީ އިޖުތިމާއީ މަންފާއަށް އަމާޒުކޮށް ހިންގާ މަޝްރޫޢަކަށް ދެވޭ ބައި މިލިއަން ރުފިޔާގެ އިނާމު ވެސް ލިބިފައެވެ.
ގެސްޓްހައުސް އެވޯޑު ބާއްވައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.
އެމްއައިބީން ބުނިގޮތުގައި މި އެވޯޑަކީ އާންމު މުޖުތަމައުގެ ބައިވެރިވުމާއި އުމްރާނީ ވަސީލަތްތަކުގެ ފުރިހަމަކަމާއި ރަށުގެ ރީތިކަމާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ގެސްޓްހައުސް ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށް އިސްނަގައިގެން މަސައްކަތްކުރާ ރަށްރަށުގެ އަގުވަޒަންކުރުމުގެ ގޮތުން ތަޢާރަފުކުރި އެވޯޑެކެވެ.
މި ކާމިޔާބީއާ ގުޅިގެން ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޟިރާރު ވިދާޅުވީ އެމްއައިބީން އިސްނަގައިގެން ކުރިޔަށް ގެންދާ ގެސްޓްހައުސް އެވޯޑުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިތަކާއި ރަށު ފަތުރުވެރިކަން ކުރިއަރުވާ ފަރާތްތަކަށް ބޮޑު ހިތްވަރެއް ލިބިގެންދާނެކަމެއް ކަމަށެވެ.
މި އެވޯޑު ފުވައްމުލަކަށް ލިބުމަކީ އެ ސިޓީއަށް ލިބުނު ބޮޑު ފަޚުރެއް ކަމަށް ޟިރާރު ވިދާޅުވިއެވެ.
މި އެވޯޑުން ރަމްޒުކޮށްދެނީ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށްޓަކައި ކައުންސިލުތަކާއި އާންމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީން ބުނީ ރާއްޖޭގެ ގެސްޓްހައުސް ފަތުރުވެރިކަމުގެ ދާއިރާގައި ހާސިލުކުރާ ކާމިޔާބީތަކާއި، އީޖާދީ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ބޭންކުން ދޭން ފެށި މި އެވޯޑަކީ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ކައުންސިލުތަކުގެ އިތުރުން ރަށްރަށުގެ މުޖުތަމަޢުތަކުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތައް ފާހަގަކުރުމަށް ކުރިޔަށްގެންދާ އެވޯޑެއް ކަމަށެވެ.