300 އަށްވުރެ ގިނަ ޚަތީބުންނާއެކު ޒުވާން ޚަތީބުންގެ މަހާސިންތާ ފަށައިފި

ޒުވާން ޚަތީބުގެ ގައުމީ މަހާސިންތާގެ ތެރެއިން --- ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅުވައިގެން ކުރިއަށްގެންދާ ޒުވާން ޚަތީބުންގެ މަހާސިންތާ 300 އަށްވުރެ ގިނަ ޚަތީބުންނާއެކު މިއަދު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން އެއް ދުވަހަށް ކުރިއަށްގެންދާ މި ހަމާސިންތާއަކީ ޒުވާން ޚަތީބުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދާ މަހާސިންތާއެކެވެ.

މިނިސްޓްރީއިން ބުނީ މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ޒުވާން ޚަތީބުންގެ ތަމްރީނު ނިންމައި، ސެޓްފިކެޓު ހާސިލްކޮށްފައިވާ ޚަތީބުންނާއި ރޯދަމަހުގައި އިމާމުވެ، ހިފްޒުކޮށް ތަރާވީހް ނަމާދު ކޮށްފައިވާ މީހުންނަށާއި އިމާމުންނާއި ޚަތީބުންގެ ތެރެއިން މިހާރު ވެސް އިމާމުކަން ކުރާ އުމުރުން 30 އަހަރު ނުފުރޭ މީހުންނަށް ކަމަށެވެ.

މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ޚަތީބުކަމުގެ ސަނަދު ހާސިލްކުރި ދަރިވަރުން ޚިޔާރުކޮށްފައިވަނީ ވަނީ ވަރަށް މާތް އަދި މަތިވެރި މަގެއް ކަމަށް ވިދާޅުވެފައެވެ. އެއީ ނަބީބޭކަލުންގެ މަސްއޫލިއްޔަތުގެ ތެރެއިން ވާރުތަވެފައިވާ ކަމެއް ކަމަށާއި ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރުމުގެ އެންމެ މަތިވެރި އެއް މަގާމަކީ ހުކުރު ޚުތުބާގެ މަގާމު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު ޚާއްސަ ޖަލްސާގެ ތެރެއިން ޒުވާން ޚަތީބުން --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓަރު ވަނީ ހުކުރު ޚުތުބާގެ މަގާމުގައި ހުއްޓި ހުންނަ ކޮންމެ ޚަތީބަކީ ނަމޫނާ ދެއްކޭނެވަރުގެ ޝަޚްސިއްޔަތަކަށް ވާންޖެހޭނެކަމަށް ޒުވާން ޚަތީބުންނަށް ނަސޭހަތްތެރިވެފައެވެ.

އެ މަގާމަކީ [ޚަތީބު ކަމުގެ މަގާމު] ނަމޫނާ މަގާމެއް. އެމަގާމުގަ ހުއްޓި ހުންނަ ކޮންމެ ޚަތީބަކީ އެއީ ނަމޫނާ ދެއްކޭވަރުގެ ޝަޚްސިއްޔަތަކަށް ވާން ޖެހޭނެ. އަޅުގަނޑު ގަބޫލުކުރަނީ ތިޔަ ހުރިހާ ޚަތީބުންނަކީ އެކަމަށް ވަރަށް ވަރަށް ގާބިލް ކުދީންތަކެއްގެ ގޮތުގަ. އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދު

ފާހަގަކޮށްލެވޭ ގޮތުގައި ޚަތީބުންގެ ޒުވާން ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަތީބުން ވަނީ ތަމްރީނުކޮށްފައެވެ.

https://sun.mv/227360

މިނިސްޓަރު ޝަހީމް ރޭ ވަނީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދަކަށް ޙާފިޒުން ވެސް އުފެދިފައިވަނީ މި ދުވަސްވަރު ކަމަށާއި، މިހާރު ރާއްޖޭގައި 322 ޙާފިޒުން އެބަތިބި ކަމަށާއި މި ދައުރުގެ ތެރޭގައި އެ އަދަދު 500 އަށް އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް