ވިއްސާރައާއެކު އައްޑޫ ލިންކް ރޯޑްގެ ހާލަތު އިތުރަށް ގޯސްވެ، ޒަރޫރީ ކަމެއްގައި ނޫނީ ދަތުރުނުކުރަން އެދިއްޖެ

އައްޑޫ ލިންކް ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތައް -- ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، އައްޑޫ ލިންކް ރޯޑުގެ ހާލަތު ގޯސްވެފައިވާތީ ކޮންމެހެން ދަތުރުކުރަންޖެހިގެން ނޫން ގޮތަށް އެ މަގު ބޭނުން ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު ސަމާލުގައި ވާގޮތުގައި، ވިއްސާރައިގެ ސަބަބުން ރަށުތެރޭގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމަށްޓަކައި ޕަމްޕު ބަހައްޓައި، އެކި ސަރަހައްދުތަކަށް މިހާރު ވަނީ ހޮޅިތައް އަޅާފައެވެ. އެހެންކަމުން މަގުތައް ބޭނުންކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

https://sun.mv/225511

މީގެއިތުރުން، މި ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑްގެ ހާލަތު އިތުރަށް ގޯސްވެ، މަގު ބޭނުންކުރުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާތީ، މަގު ބޭނުންކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ޒަރޫރީ ބޭނުންތަކަށް ނޫން ގޮތަކަށް މި ވަގުތު އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ލިންކް ރޯޑްގެ އިތުރުން އެހެނިހެން މަގުތައް ބޭނުންކުރުމުގައި ވެސް ސަމާލުވެ، ފެންބޮޑުވެފައިވާ ސަރަޙައްދުތަކަށް ބަލައިގެން އުޅަނދުތަކުގެ ސްޕީޑް މަޑުކޮށްގެން ދުއްވުމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އައްޑޫ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން އެއްގަމު މަގުން ގުޅާލެވިފައިވަނީ މި މަގުންނެވެ.

މަގުގެ އެކި ސަރަހައްދުތަކުގައި ހެދިފައިވާ ބޮޑެތި ވަޅުގަނޑުތަކުގެ ސަބަބުން ދުއްވާ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް އަންނަނީ ލިބެމުންނެވެ. މިއީ ހަމައެކަނި އެ މަގުން ކުރާ ދަތުރު ދިގުވެ، ހޭދަވާ ވަގުތު ގެއްލުމެއް ނޫނެވެ. އެ މަގުން ދަތުރުކުރަން ބޭނުންކުރާ އާންމު ރައްޔިތުންގެ އުޅަނދުތައް މަރާމާތުކުރުމަށް ކުރަންޖެހޭ ހޭދަ ވެސް އިތުރުވެ، އެ ފަރާތްތަކުގެ އާއިލާތަކުގެ މާލީ ހާލަތަށް ވެސް ކުރިމަތިވާ ބޮޑު ތަކުލީފެކެވެ. މީގެ އިތުރުން، ވިޔަފާރި މުދާ އުފުލުމުގައި ދިމާވާ ލަސްތަކުގެ ސަބަބުން މުޅި ސިޓީގެ އިގްތިޞާދަށް ނޭދެވޭ އަސަރު ކުރެއެވެ.

comment ކޮމެންޓް